ދެ ހަފުތާ ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 2،300 މީހުން
ދެ ހަފުތާ ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 2،300 މީހުން

ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅަކަށް ލުއި ދިންތާ ދެ ހަފުތާގެ ތެރޭގައި ރާއްޖެއިން 2،342 މީހުން އެ ބައްޔަށް ޕޮޒިޓިވްވި ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑް ކޮންޓްރޯލްވުމާ ގުޅިގެން، ސަރުކާރުން ވަނީ މީގެ ދެ އަހަރު ކުރިން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފަ އެވެ. އެހެންވެ ހުރިހާ ފިޔަވަޅުތަކަކަށް ވަނީ ލުއި ދީފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މި މަހުގެ 14 އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 2،342 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއީ ހަފުތާއަކަށް ބަލާ ނަމަ 178 މީހުންނެވެ.

އެ މުއްދަތުގެ ތެރޭގައި މާލެ ސަރަހައްދުން 184 މީހުން އަދި އެކި ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވީ 1،938 މީހުންނެވެ.

އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާ އެކު، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު އުޅެނީ 176،993 ގަ އެވެ.

ސިއްހީ ކުއްލި ހާލަތު އުވާލި ފަހުން ކޮވިޑުގައި އެކަކު މަރުވެފައިވެ އެވެ.

މާލެ ސަރަހައްދުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މި މަހުގެ 16-22 އާ ދޭތެރޭގައި ހުރީ 4 ޕަސެންޓުގަ އެވެ. އޭގެ ކުރީ ހަފުތާގައި އެ އަދަދު ހުރީ ހަތް ޕަސެންޓުގަ އެވެ. ކޮވިޑުގެ ހާލަތު އެންމެ ގޯސްވި މިދިޔަ ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް 45 ޕަސެންޓަށް ވެސް އެރި އެވެ.

ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް އަދި ވެސް ހުރީ މަތީގަ އެވެ. އެޗްޕީއޭއިން ބުނީ މި މަހުގެ 16-22 އާ ދެމެދު ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 38 ޕަސެންޓުގައި ކަމަށެވެ. އޭގެ ކުރީ ހަފުތާގައި އެ އަދަދު ހުރީ 37 ޕަސެންޓުގަ އެވެ.

ރަށްރަށުގެ ޕޮޒިޓިވިޓީ ރޭޓް މަތިވި ނަމަވެސް މުޅި ރާއްޖޭގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް އަންނަނީ ދަށްވަމުންނެވެ. އެ ރޭޓް މި މަހުގެ 16-22 އާ ދެމެދު 11 ޕަސެންޓުގައި ހުރިއިރު، އޭގެ ކުރީ ހަފުތާގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 15 ޕަސެންޓުގަ އެވެ.