28 މާޗް 2022 - 13:28

ސްޓެލްކޯގެ އޮންލައިން ސިސްޓަމަށް ދިން "ރެންސަމްވެއާ އެޓޭކް" އާ ގުޅިގެން މެދުކެނޑިފައިވާ ހިދުމަތްތައް އެ ކުންފުނީގެ ހެޑް އޮފީހުގައި ދޭން ފަށައިފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އެ އެޓޭކާ ގުޅިގެން މެދުކެނޑުނު އޮންލައިންގެ ހިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސްޓެލްކޯގެ ހިދުމަތްތަކަށް އެދި ފޯމު ހުށަހެޅުމާއި ބިލްތައް މިހާރު ދެއްކޭނީ ސްޓެލްކޯގެ ހެޑް އޮފީހަށް ގޮސްގެންނެވެ.
އެ ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް، އޮންލައިންކޮށާއި ރަށްރަށުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް މާދަމާ އަލުން ފެށުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ، ރެންސަމްވެއާ އެޓޭކާ ގުޅިގެން ގެއްލިފައިވަނީ އެއް ދުވަހުގެ ޑޭޓާ ކަމަށެވެ. އެހެން ހުރިހާ ޑޭޓާއެއްގެ ބެކަޕް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ހެކަރުން ދޭ ރެންސަމްވެއާ އެޓޭކްތަކުގައި، އޮންލައިންކޮށް ލިބޭ ޑޭޓާތައް ކޮންޓްރޯލުކޮށް، އެ ޑޭޓާތައް ބްލޮކް ކުރުމުގެ ބާރު ހޯދަ އެވެ. އަދި ޑޭޓާތައް އަނބުރާ ދޫކުރަން ފައިސާ އަށް ވެސް ޑިމާންޑް ކުރާ ހާލަތުތައް އާދެ އެވެ.
ނަމަވެސް ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، އެފަދަ އެއްވެސް ޑިމާންޑެއް ހެކަރުންގެ ފަރާތުން އެ ކުންފުންޏަށް މިހާތަނަށް ނުލިބޭ ކަމަށެވެ.