28 މާޗް 2022 - 13:19

ހިޔާ ފްލެޓް ކައިރީ ރޯދަމަހަށް ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
ހިޔާ ފްލެޓްތައް ކައިރިން އަތިރިމައްޗާވީ ފަޅީގައި ހަދާ މާރުކޭޓާ ގުޅޭ ގޮތުން އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "ހިޔާ ލޯކަލް މާރުކޭޓް" ގެ 19 ގޮޅިއަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ހިޔާއިން ފްލެޓް ލިބުނު މީހުންނަށް އެކަނި ކަމަަށެވެ.
މާރުކޭޓުގައި ގޮޅި ހިންގަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމަށް މިއަދު ހެނދުނު 9:00 އިން 11:00 އާ ހަމައަށް ފުރުސަތު ދިނެވެ. ގޮޅި ލިބޭ މީހުންގެ ގުރު ނެގުން އޮންނާނީ ހަވީރު 4:00 ގައި ހުރަވީ ސްކޫލު ހޯލްގަ އެވެ.
މި ހަފުތާ ބަންދުގައި ރޯދަ މަސް ފެށޭއިރު އޭގެ ކުރިން އެތަން ހުޅުވަން އެޗްޑީސީން ވަނީ އަމާޒު ހިފައިފަ އެވެ. އޮފިޝަލް ވިދާޅުވީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި އާންމުކޮށް މާރުކޭޓުން ލިބޭ ހުރިހާ ބާވަތެއް އެތަނުން ލިބޭނެ ކަމަަށެވެ.
ހިޔާގެ އާބާދީ އިތުރުވަމުން އަންނައިރު ފްލެޓްތަައް ކައިރީ އެކަށީގެންވާ މިންވަރަކަށް ފިހާރަތައް ނެތްކަމުގެ ޝަކުވާ ބޮޑެވެ. އަދި މިހާރު ހުޅުވާފައި ހުރި ތަންތަނުގައި މުދާ އަގު ބޮޑުކަމުގެ ޝަކުވާ ވެސް ބޮޑެވެ.