28 މާޗް 2022 - 12:06

އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝިއޭޝަން (އައިއެސްއޭ) ގެ ސްކޮލާޝިޕް ލިބުނު، ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިޔާ މުހައްމަދު ޒަޔާން ޗޮއްޕު އަށް ރާޅާ އަޅަން ބޭނުންވާ ސާމާނު ސްޕޯޓްސް މިނިސްޓްރީން ދީފި އެވެ.

އައިއެސްއޭ ސްކޮލާޝިޕްގެ ނަމުގައި ދޭ، އެހީ އަކީ ކިޔަވަމުންދާ ސާފިން އެތުލީޓަކަށް ދޭ ފައިސާގެ އެހީތެރި ކަމެވެ. ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބުނީ އެ އެހީ އަކީ ކިޔެވުމުގެ ކަމަކަށް ވެސް ބޭނުން ކުރެވޭ އެހީއެއް ކަމަށެވެ.
އިސްކަންދަރު ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ޗޮއްޕު އަށް އައިއެސްއޭ ސްކޮލާޝިޕް ލިބުނީ އެ އެސޯސިއޭޝަނުން ކުދި ގައުމުތަކަށް ހުޅުވާލި ފުރުސަތުގެ ތެރެއިންނެވެ.
"އައިއެސްއޭގެ މި ސްކޮލާޝިޕްގެ ބޭނުމަކީ ރާޅާ އަޅާ ކުދިންގެ ތެރެއިން ސްކޫލްގައި ކިޔަވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުން. ޝަރުތަކީ އެ ކުއްޖަކީ ރާޅާ އަޅާ ކުއްޖަކަށްވުން. ދެން އެކުއްޖެއްގެ ދިރިއުޅުމުގެ ހާލަތަށް ބަލާފައި އައިއެސްއޭއިން ސްކޯލާޝިޕް ދޭނީ،" އެމްއެސްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗޮއްޕު އަށް ސްކޮލާޝިޕް ލިބުމުން ހިތްވަރު ދެއްވުމުގެ ގޮތުން މިނިސްޓަރު މަހްލޫފް ޗޮއްޕްއާ ބައްދަލު ކުރެއްވި ކަމަށެވެ.
"އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާޅާ އަޅަން ބޭނުންވާ ސާމާނު ޗޮއްޕު އަށް ދެއްވާނެ ކަމަށް. އެއީ ޖަރުމަނުން ޝޭޕްކޮށްގެ ގެނައި ބޯޑްތަކެއް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު ބޭއްވި ގައުމީ ސާފިން ލީގުގެ ފުރަތަމަ މުބާރާތް، ގައްދޫ "ކަޅެގަލެކޮޑާ" ގެ ޖޫނިއާ ބައިގެ ފައިނަލަށް ދަތުރު ކުރި ޗޮއްޕު ރާޅާ އަޅަން ބޭނުން ކުރަނީ ކުރިން އެހެން މީހަކު ބޭނުންކޮށްފައިވާ ބޯޑެކެވެ. އެ ބޯޑުގައި އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ.
"ވަރަށް ބާ ބޯޑެއް އެއީ. ސެކަންޑް ހޭންޑް އެއްޗެއް،" އެމްއެސްއޭގެ އޮފިޝަލް ވިދާޅުވި އެވެ.
"އެހެންވެ މިނިސްޓަރު ނިންމެވީ ޗޮއްޕު އަށް ރަނގަޅު ފެންވަރުގެ ތިން ބޯޑް ދޭން."