ޔޫއެފާ އިން ފައިނޭންޝަލް ފެއާ ޕްލޭ ގަވާއިދަށް ބަދަލު ގެންނަނީ
ޔޫއެފާ އިން ފައިނޭންޝަލް ފެއާ ޕްލޭ ގަވާއިދަށް ބަދަލު ގެންނަނީ

ނިޔޯން (މާޗް 28) - ކޮވިޑް-19 އާ ގުޅިގެން ޔޫރަޕުގެ މަތީ ފަންތީގެ ފުޓުބޯޅަ ކުލަބުތަކަށް ވޭތުވެދިޔަ ދެ ސީޒަނުގައި ހަތް ބިލިއަން ޔޫރޯގެ ގެއްލުމެއްވެފައިވާތީވެ، ޔޫއެފާގެ ފައިނޭންޝަލް ޕެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދަށް ބަދަލު ގެންނަން އެ އެސޯސިއޭޝަނުން ހުށަހަޅައިފި އެވެ.

ޔޫއެފާ އިން ބަދަލު ގެންނަން ހުށަހެޅި އާ އުސޫލުތަކާ އެކު ކުލަބްތަކުން މުސާރަ އާއި ޓްރާންސްފާ އަދި އެޖެންޓުންގެ ފީ އަށް 2025 ވަނަ އަހަރުން ފެށިގެން ހަރަދު ކުރެވޭނީ ކުލަބުގެ އާމްދަނީގެ 70 ޕަސެންޓެވެ.

ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން މި ހަފްތާގައި އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބާއްވާ ދެ ދެވަހުގެ ބައްދަލުވުމަށް ފަހު މި ހުށަހެޅުމާ މެދު ގޮތެއް ނިންމަން ހަމަޖެހިފައިވެ އެވެ. އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ 2023 ވަނަ އަހަރުން ފެށިގެން މި އުސޫލަށް އަމަލު ކުރަން ފަށާނެ ކަމަށް ޔޫއެފާ އިން އަންގަ އެވެ.

ހުށަހެޅުމަށް އެއްބަސްވެވިއްޖެ ނަމަ 2023 ވަނަ އަހަރު ކުލަބުގެ އާމްދަނީގެ 90 ޕަސެންޓް ހަރަދުކުރުމުގެ ހުއްދަ ދޭނެ އެވެ. އަދި 2024 ވަނަ އަހަރު 80 ޕަސެންޓަށް ތިރި ވާނެ އެވެ. އަދި ޖެހިގެން އަންނަ އަހަރުން ފެށިގެން ހަރަދު ކުރެވޭނީ އާމްދަނީގެ 70 ޕަސެންޓެވެ.

ޔޫއެފާ އިން މިހެން ނިންމީ މިހާރުގެ އެފްއެފްޕީ އުސޫލުގެ ސަބަބުން ބޮޑެތި ކުލަބުގެ ވެރިންގެ ބޮޑެތި އިންވެސްޓްމަންޓްތަކާ އެކު ގިނަ ކުލަބުތަކުން އާދަޔާ ހިލާފް އަދަދުތަކެއް ޓްރާންސްފާ އާއި މުސާރައަށް ކުލަބުތަކުން ހަރަދުކުރަމުންދާކަމުގެ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ވިސްނުމުގަ އެވެ.

މިހާރު ކްލަބްތަކަށް ތިން އަހަރު ދުވަހުން ލިބޭ އާމްދަނީ އަށް ވުރެ ފަސް މިލިއަން ޔޫރޯ އިތުރަށް ހޭދަ ކުރުމުގެ ފުރުސަތު އޮވެ އެވެ. އަދި މީގެ އިތުރަށް ކުލަބުގެ ވެރިފަރާތުން ނުވަތަ އެ ފަރާތާ ގުޅުން ހުރި ފަރާތަކުން ސީދާ ކޮންޓްރިބިއުޓް ކޮށްގެން މި އަދަދު 30 މިލިއަނަށް އިތުރު ކުރެވެ އެވެ. ޔޫއެފާ އިން ދެކޭ ގޮތުގައި މީގެ ސަބަބުން އަތް ނުފޯރާ ފަށަށް ކުލަބުތަކުގެ ދަރަނި އަރައިގެން ދާނެ އެވެ.

ޔޫއެފާ އިން ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފެށުމުން ގަވާއިދާ ހިލާފުވާ ކުލަބުތަކަށް ހަރުކަށި އަދަބު ދޭން ވެސް އެ އެސޯސިއޭޝަނުން ވިސްނަ އެވެ. އޭގެ ތެރޭގައި ޕޮއިންޓް އުނިކުރުމާއި، ދަށް ރޭންކިންގެ ލީގަކަށް ރެލިގޭޓް ކޮށްލުން ނުވަތަ ޔޫރަޕުގެ ފުޓުބޯޅައިން އެކަހެރި ކުރުން ވެސް ހިމެނެ އެވެ.

ޔޫއެފާ އިން މިހާރު ވެސް އެފްއެފްޕީ އުސޫލުތަކާ ހިލާފުވާ ކުލަބުތަކަށް ހަރުކަށި ފިޔަވަޅުތައް އަޅަ އެވެ. އިނގިރޭސި ކްލަބް ވުލްވްސް 2020 ވަނަ އަހަރު އެފްއެފްޕީ އުސޫލާ ހިލާފު ވެގެން އެ ކުލަބު ވަނީ 200،000 ޔޫރޯއިން ޖޫރިމަނާ ކޮށް، ޔޫރޮޕާ ލީގު ސްކޮޑުގައި އެ ޓީމު ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ އަދަދު 25 އިން 23 އަށް ދަށް ކޮށްފަ އެވެ.

އީސީއޭގެ ޗެއާމަނަކީ ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚަލައިފީ އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ކޮންޓްރޯލް އޮންނަ ސައުދީ އިންވެސްޓްމެންޓް ފަންޑުން ގަތް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ނިއުކާސަލް ޔުނައިޓެޑަކީ ވެސް އީސީއޭގެ އެސޯސިއޭޓް މެމްބަރެކެވެ.