28 މާޗް 2022 - 11:25

އަންނަ ރޯދަ މަހު ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ އެ ގަޑިތަކާ އެއްގޮތަށް ހިދުމަތް ދޭނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ކަމަށެވެ. އޭޓީއެމްތަކާއި ސެލްފްސާވިސް ސެންޓަރުތަކުން މިހާރު ވެސް ހިދުމަތް ދޭގޮތަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ރޯދަ މަހު ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށާއި ރާއްޖޭގެ އެހެން ބޭންކުތަކަށް ފައިސާ ފޮނުވާނަމަ ނުވަތަ މުވައްޒަފުންގެ މުސާރަ ޖަމާކުރާނަމަ އެ ދުވަހެއްގެ ހެނދުނު 11:00 ގެ ކުރިން ހުށަހެމުން އެ ދުވަހު ޕްރޮސެސް ކުރާނެ އެވެ. އެހެނިހެން ބޭނުންތަކުގައި ޖަމާކުރާ ޗެކުތައް އެ ދުވަހަކު ޕްރޮސެސް ކުރާނީ ހެނދުނު 9:00 ގެ ކުރިން ޖަމާ ކުރުމުންނެވެ.
އެ މުއްދަތުގައި ބޭންކުގެ މެއިން ބްރާންޗާއި ބީއެމްއެލް އިސްލާމިކް އިން ހިދުމަތް ލިބޭނީ ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގައިގެންނެވެ. ނަމަވެސް އެ ބޭންކުގެ ކަސްޓަމަ ސާވިސް ސެންޓަރުން ކިއުބީ ނަންބަރާ ނުލައި ހިދުމަތް ލިބޭނެ އެވެ.
މީގެ އިތުރުން އެ ބޭންކުގެ އެކައުންޓް އޯޕެނިން ސެންޓަރާއި ލޯން ސެންޓަރާއި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދޭނީ އެޕޮއިންޓްމަންޓަށެވެ. ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/book-appointment މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އެވެ.
ބީއެމްއެލުން ވަނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ހިދުމަތް ހޯދަން އެދިފަ އެވެ.