28 މާޗް 2022 - 12:14

މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާ ތެރެއިން ހައްޔަރުކުރި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ޖަލުގައި ކުރައްވަން ޖެހިވަޑައިގަތް ތަޖުރިބާގެ ވާހަކަ އިވި، ހިތް ފަޅައިގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުވަތަ އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކުރާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސައީދު މިއަދު ވަނީ ޖަލުގެ ތަޖުރިބާ ހިއްސާކުރައްވައިފަ އެވެ.
ފުލުހުންގެ ބަންދުގައި ހުރި އިރު ޖަލު ގޮޅީގެ ފާހަނާގައި ކެމެރާ ހަރުކޮށްފައި ހުރުމުން ސައީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި 24 ގަޑިއިރު ތެރޭ ކޯޓަށް ހާޒިރުކުރަން ޖެހޭތީ "ބަކަރި ކޮއްޓެއް" ކަހަލަ ތަނެއް ކުރިމައްޗަށް ގެނެސް ޕްލާސްޓިކް ގޮނޑިއެއްގައި 8 ގަޑިއިރު ބޭތިއްބި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"މިއީތޯ އެޖެންޑާ 19 ތަފާތުވާ ގޮތަކީ. ކޮން ހިއުމަން ރައިޓްސްއެއްތޯ މިއީ،" ސައީދު ވިދާޅުވި އެވެ.
އެ ވާހަކައާ ގުޅިގެން ނަޝީދު ވިދާޅުވީ ސައީދު 24 ގަޑިއިރު ގޮޅީގައި އިންނަން ޖެހުމާއި ގޮނޑިއެއްގައި ބެއިންދުމުން "ހިތް ފަޅައިގެން" ދާ ކަމަށެވެ.
"އިއްޒަތްތެރި މެމްބަރަށް ތި ދިމާވި އަނިޔާވެރި ގޮތުގެ ސަބަބުން އަޅުގަނޑުގެ ވެސް ހިތް ފަޅައިގެން ދޭ،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތައް އަހަރަކު ޖަލުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
ސައީދުގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވެސް މުޒާހަރާ އިން ހައްޔަރު ކުރި އެވެ.
މަޖިލީހުގެ ދެ މެމްބަރުން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.