28 މާޗް 2022 - 09:42

ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް، އެ ސަހަރުގެ ރަށްބޭރުގައި ހަނގުރާމަ ކުރަމުން ދިޔަ ރަޝިޔާ ސިފައިންގެ ލަޝްކަރުތައް، ބޮޑެތި ގެއްލުންތަކަކާ އެކު ފަހަތަށް ޖެހެން ފަށައިފި ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ޔޫކްރޭންގެ ޖެނެރަލް ސްޓާފް ވިދާޅުވި ގޮތުގައި، ކިޔޭވްގެ ހުޅަނގު ފަރާތުން އެ ސަހަރަށް ވަދެގަތުމަށް މަސައްކަތް ކުރި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭންގެ އެއްގަމު ސިފައިން ދިން ރައްދު ހަމަލާތަކުގެ ސަބަބުން، ރަޝިޔާ ސިފައިންގެ ހަމަލާތައް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ރަޝިޔާގެ އަސްކަރީ އުޅަނދުތަކަށާއި އަސްކަރީ އާލާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިޔޭވް އަށް ވަނުމަށް ކުރި މަސައްކަތް ކާމިޔާބުނުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރަޝިޔާ ސިފައިންގެ ހަނގުރާމަމަތީ ދެ ފައުޖެއް މިހާރު ވަނީ، ހަނގުރާމައިގެ މައިދާން ދޫކޮށް ބެލަރޫސްގެ ތެރެއަށް ވަދެފަ އެވެ. އޭގެ އިތުރުން، ކިޔޭވްގެ ރަށްބޭރުގައި ތިބި ރަޝިޔާ ސިފައިންގެ އެހެން ފައުޖުތައް، ކިޔޭވް އަށް ވަދެގަތުމަށް ކުރާ މަސައްކަތް ވެސް މިހާރު ވަރަށް ބޮޑަށް ވަނީ ކުޑަވެފަ އެވެ.
ރަޝިޔާގެ އެއްގަމު ސިފައިންނަށް ޔޫކްރޭންގެ ތެރެއިން ލިބެމުންދާ ގެއްލުންތައް ބޮޑުވުމާ ގުޅިގެން، ކަޅު ކަނޑުގެ ތެރެއިން، ރަޝިޔާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުން ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. އެ ގޮތުން ކަޅު ކަނޑުގެ އައްސޭރިފަށަށް ރަޝިޔާގެ މަނަވަރުތަކާއި ސަބްމެރިންތައް ކައިރިކޮށް، ކަނޑުމަގުން އޮތީ ޔޫކްރޭން ހިސޯރުކޮށްފަ އެވެ.
އޭގެ ސަބަބުން، ބައިނަލްއަގުވާމީ ކަނޑުދަތުރުގައި ހިމެނޭ އެއްވެސް އާގުބޯޓަކަށް ޔޫކްރޭނާ ކައިރިކުރެވޭނެ ގޮތެއް އަދި ޔޫކްރޭނުން ފުރޭނެ ގޮތެއް މިހާރު ނެތެވެ. ޔޫކްރޭންގެ ކަނޑުގެ ބަނދަރުތައް ބަންދުވުމާ ގުޅިގެން، އެ ގައުމުން ބައިނަލްއަގުވާމީ ބާޒާރަށް ނެރޭ ގޮވާމުގެ ބާވަތްތައް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު ފެށި ހަނގުރާމަ އަށް މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް، ޔޫކްރޭންގެ ވެރިރަށް ހިފުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން، ރަޝިޔާ އިން މިދިޔަ ހަފުތާގައި ބުނެފައިވަނީ، ދެން މަސައްކަތް ކުރާނީ ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދުން މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށެވެ.
އެ ގޮތުން އެ ދެ ޖުމްހޫރިއްޔާގައި ތިބި ހަނގުރާމަވެރިންނަށް މަދަދު ފޯރުކޮށްދީ، އެ ހަނގުރާމަވެރިންގެ ބާރު ގަދަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ. ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ހާއްސަ ހަރަކާތްތަކުގެ ފުރަތަމަ ފިޔަވަހި މިހާރު ނިމިއްޖެ ކަމަށާއި، އެ ފިޔަވަހީގެ އަމާޒަކީ ޔޫކްރޭންގެ އަސްކަރީ ގާބިލްކަން ނައްތައިލުން ކަމަށް ރަޝިޔާ އިން ބުނެ އެވެ.