ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި
ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި

ހުވަފެނެއް ހަގީގަތަށް ހެދުމުގައި ދިމާވާ ގޮންޖެހުންތަކާއި ދަތި ހުރަސްތަކުގެ ވާހަކަ އެއްވެސް މީހަކު ފަހުދު ފާއިޒަށް ކިޔައިދޭން ހަދާނެ ކަމެއް ނެތެވެ. ސަބަބަކީ ހުވަފެން ހަގީގަތަކަށް ހަދަން އޭނާ ފީނި ފީނުމަށް ތިޔައިން ހަމަ އެއްވެސް މީހަކަށް ހަޔާތުގެ އެ ދަތުރުގައި ފީނިފައިނުވާނެތީ އެވެ. އެ ހުވަފެން ބަލައި ހޯދައި ހަގީގަތަށް ހެދުމަށް، އެއް ނޭވާގައި އޭނާ ފީނީ 45 މީޓަރު އަޑިއަށެވެ. އެކަމަކު އެންމެ ފުރަތަމަ، ހުވަފެނުގައި އޭނާ ވެސް އުދުހުނީއެވެ. ޕައިލެޓަކަށް ވުމަކީ އަބަދުވެސް އެންމެ އަދާކުރަން ބޭނުންވި ވަޒީފާއެވެ. ކަނޑުގެ ފުންކަމާއި ހިތްގައިމު ކަމަށް އެ ހިތް ގޮސް ފެތުނީ ވެޓްސޫޓަކާއި ފިންސަކާއި މާސްކެއް އަޅައިގެނެއް ނޫނެވެ. ބަދަލުގައި އޭނާ އަށް ލޯބިވެވުނީ ޕައިލެޓެއްގެ ލައިފްސްޓައިލާއި ޔުނިފޯމާއި އެ ކޫލު ކަމަކަށެވެ. އަދި ހަޔާތުގެ 15 އަހަރު އޭނާ ހޭދަކުރީ އެ ހުވަފެނާ ވަރަށް ވެސް ގާތުގައެވެ. ޕައިލެޓުންނާ އެކުގައެވެ. އެއާލައިން ޕައިލެޓަކަށް ވާން ކިތަންމެ ބޭނުންވި ނަމަވެސް ޓިކެޓިން ކައުންޓަރުން ފަށައިގެން ތަފާތު އެކި އެއާލައިންތަކުގައި ތަފާތު އެކި ވަޒީފާތައް ކަނޑައްތުކޮށް ބައުކުރިއިރު ވެސް އޭނާ އަށް ނުކުރެވުނު ކަމަކަށްވެފައި އޮތީ ޕައިލެޓަކަށްވުމެވެ. އެއަށް ފަހު ރައްޓެއްސަކު ސަމާސާއަކަށް ހަދާލާފައި ބުނި ވާހަކައެއްގައި އޭނާގެ ހަޔާތް ޖަހައިގެން ދަމައިގެން ފެނުން އަޑިއަށް ގެންދިޔަ ގޮތަށް އެނބުރި މައްޗަށް އައިސް އެރިއިރު އެ ހިތް އޮތީ އެއްކޮށް ބަދަލުވެފައެވެ.

ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި
ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި

"ރައްޓެއްސަކު ދިމާކޮށްލަން ވެގެން މި ބުނަނީ ކަލެއަށް ޕައިލެޓެއްގެ ގޮތުގައި މައްޗަށް ނުދެވުނަސް އަޑި އަށް ދެވިދާނެ ނޫންހެއްޔޭ. މައްޗަށް ނު އުދުހުނަސް ހިނގާ ބަލާށޭ އެންމެ އަޑި އަށް ދެވެނީ ކާކަށްތޯ ބަލަން،" ރައްޓެހި ރަހުމަތްތެރިންނާ އެކު ޖެހި ސަކަރާތުގައި، ކުޅެ ނިންމައި ހަޑި ފިލުވަން މާލޭގެ ފަތާ ޓްރެކް ސަރަހައްދަށް ގޮސް ފުމެ އުޅުނު ދުވަސްތަކަށް ފީނައި ކުލަކުރަމުން ފަހުދު ކިޔައިދިނެވެ.

ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި
ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި

ރައްޓެހިންނާ އެކު ގޮސް އެންމެ ފުރަތަމަ އޭނާ ފީނަން ފެށީ އެތަނަށެވެ. އެންމެ އަޑިން ވެލި ނެގެނީ ކާކަށްތޯ ބެލުމަށެވެ. ނަމަވެސް ހަޔާތުގެ ދަތުރުގައި އަމާޒަކަށް ވާސިލުވާން ބޭނުން ނަމަ ފީނަން ޖެހޭ ފުންކަމުގެ އަޑި އޭރަކު އޭނާ އަށް އަދި އިހުސާސެއް ވެސް ނުކުރެވެއެވެ. މަޖަލަކަށް ވެލިނަގަން ފީނީމައެވެ. އަދި އެހާ ފަސޭހައިން މައްޗަށް ވެސް އެރުނީމައެވެ.

ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި
ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި

މިއަދު އުމުރުން 40 އަހަރުގައި ފަހުދަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގައި ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި ވަޒީފާ އަދާކުރާ މީހެކެވެ. ނަމަވެސް މޫދާއި ހިތާއި ދެމެދު އޮތް މަގު އަދިވެސް ވަރަށް ސާފެވެ. އަދި އެއަށް ވުރެ ބޮޑު އުފަލެއް އޭނާ އަށް މިއަދު ލިބެނީ ރަސްމީ ވަޒީފާއެއްގައި އުޅުނަސް އޭނާ އެންމެ ބޭނުންވި އެއް ދާއިރާއިން، ފީނަން ބޭނުންވި އެންމެ އަޑިއަށް ފީނައި އެ ހުވަފެން އެންމެފަހުން ހަގީގަތަކަށް ހެދުނީތީއެވެ. އަދި އިތުރު އެތައް ބައެއްގެ ހުވަފެން ހަގީގަތަށް ހަދައިދޭނެ ފުރާޅެއް "ފްރީ ޑައިވް މޯލްޑިވްސް" ގެ ނަމުގައި އޭނާ މިއަދު ފަހުރުވެރިކަމާ އެކުގައި ހިންގަމުން ގެންދާތީއެވެ.

ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި
ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި

އޭނާގެ ހަޔާތުގެ މި ތަރުތީބު ކިޔައިދޭން ކިތަންމެ ފަސޭހަޔަސް މި ހިސާބަށް އަންނަން އޭނާ ކުރި ދަތުރަކީ ގޮންޖެހުން ބޮޑު އެކަމަކު އުފަލުން ރޮއްވާލާ ކަހަލަ ރައިޑެކެވެ. ފަހުދަކީ ރާއްޖޭގެ ފުރަތަމަ ފްރީ ޑައިވް އިންސްޓްރަކްޓަރެއް ނޫނެވެ. މުޅި ދެކުނު އޭޝިއާއިން ސެޓިފައިވި ފުރަތަމަ ފްރީ ޑައިވް އިންސްޓްރަކްޓަރެވެ.

ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި
ފަހުދުގެ އާދަޔާ ހިލާފު "އުދުހުން" ކަނޑުއަޑީގައި

އޭނާއާ އެކު އެ ފުންމިނަށް ފީނަން ނޭވާހިފަހައްޓާލާށެވެ.

ސްކޫލްގައި ކިޔަވަން އުޅުނުއިރު އޭނާ އަކީ ބާސްކެޓް ބޯޅައިގެ ތަރިއަކަށް ވުމުގެ ހުރިހާ ހުނަރަކާއި ހިތްވަރެއް ލިބިފައިވީ ޒުވާނެކެވެ. މަޖީދިއްޔާ ސްކޫލްގެ ޓީމަށް ކުޅުމަށް ފަހު ޒުވާން ގައުމީ ޓީމުގައި ވެސް އޭނާ ބާސްކެޓް ބޯޅަ ކުޅުނެވެ. އޭގެ ފަހުން މާލޭގެ ކްލަބް ލެވެލްގައި ވެސް ކުޅެން އުޅުނެވެ. ނަމަވެސް ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ބާސްކެޓް ކޯޓުގެ ހުވަފެން ދޫކޮށްލާފައި ގޮސް ވަންނަން ޖެހުނީ އެއާޕޯޓާއި އެއާލައިންގެ ދާއިރާއަށެވެ. ޓިކެޓް ކައުންޓަރުން ފެށި ނަމަވެސް އޭނާގެ ހިތް މޭގައި އޮބިނޯވެގެން ގޮސް އުދުއްސައިގަތީއެވެ.

"އެއާލައިންގެ ފީލްޑްގައި އުޅެ ޕައިލެޓުންގެ ލައިފްސްޓައިލް ފެނި އެ މަސައްކަތަށް ހިތްޖެހުނުވަރުން ބޭނުންވީ ޕައިލެޓަކަށްވާން. ޕައިލެޓަކަށް ވުމަށް ފުރިހަމަކުރަން ޖެހޭ ކޯސްތައް ވެސް ބެލިން. ނަމަވެސް އޭރު އަހަރެން ހުރީ އެ ދާއިރާއިން އެހާ ފަސޭހައިން ކުރިއަށް ދެވޭ ވަރަކަށް ކިޔަވައިގެނެއް ނޫން،" ފަހުދު ކިޔައިދިނެވެ.

"އަހަރެންގެ މުޅި ސްކޫލް ލައިފުގައި އަހަރެން ވަރަށް ބޮޑަށް ވިސްނައި ނިންމައިގެން ހުރީ ބާސްކެޓް ބޯޅައިގެ ދާއިރާއިން ކުރިއަށް ދާން. ނަމަވެސް ޕައިލެޓަކަށް ވާހިތުން އެ ދާއިރާއިން ކިޔަވަން ބެލިއިރު އެނގިއްޖެ މިއީ އަދި އެހާ ފަސޭހައިން މަށަށް ކުރެވިދާނެ ކަމެއް ނޫންކަން."

"ދެން ދާން ފެށީ މޫދަށް. އެގޮތަށް ގޮސް މޫދަށް އެރި އުޅުމުގެ ތެރޭގައި އެކަކަށް ވުރެ އަޑިއަށް ދާން، ވާދައަށް އެކަން ކުރަމުން ގޮސް އަޑިއަށް ފީނަން ފެށުނީ."

އެންމެ ފުރަތަމަ އޭނާ ފީނައި އުޅުނީ ގޭގައި ހަދައިގެން އުޅުނު ލޮނު މަސްޓޭންކަށް ލާނެ މަސް ހިފާށެވެ. އެހެން އުޅެނިކޮށް އޭނާ އަށް ފުރުސަތު ލިބެނީ މުރަކަ ފަރުތަކުން މަސް ހިފައި ބޭރަށް އެކްސްޕޯޓްކުރަމުން ދިޔަ ގްރޫޕަކާ އެކު މަސް ހިފަން ދިއުމުގެ ފުރުސަތެވެ. ބައްޕަ ހޯދައިދިން އެ ފުރުސަތުގައި "އެޑްވާންސްވެފައި" ވަނިކޮށް ފްރީ ޑައިވިން އަކީ ކޮބައިކަން އެނގޭހާ ފުންމިނަށް ފަހުދު ގެންގޮސް ދިނީ ފުލުހުގައި އުޅުނު އޭނާގެ އެކުވެރިޔަކު ދިން ދައުވަތެކެވެ.

"އޭރު ފިންސަކަށް ވެސް ނާރާނެ. މާސްކެއް ވެސް ނުލިބޭނެ އާންމުކޮށް. އެގޮތަށް އަޑިއަށްދާއިރު ކަންފަތަށް ވެސް ތަދުވާނެ ބައެއް ފަހަރު. އޭރަކު ނޭނގޭ އަދި ކަންފަތަށް ތަދުވަނީ ކީއްވެގެން ކަމެއް ވެސް،" ފަހުދު ކިޔައިދިނެވެ.

"ދެން އެހެން އުޅެނިކޮށް ޕޮލިހުގައި އުޅޭ ވަރަށް ގާތް އެކުވެރިޔަކު ގުޅާލާފައި މި ބުނަނީ އެމީހުންނާ އެކު ފީނަން ދާން. މަސް ހިފަން. އޭރު އެމީހުން މި އުޅެނީ ލޮނު ފެން ޓޭންކަކަށް ލާނެ މަސްތަކެއް ހިފަން އުޅެއުޅެ އެކަން ނުކުރެވިގެން."

ނަމަވެސް އެކަންވީ ފަހުދަށް ފެންމެޓަޔަށެވެ. ނަމަވެސް އެ ތަޖުރިބާއިން އޭނާ އަށް ދަސްވީ "ފްރީ ޑައިވިން" އެވެ.

"ދެން ވީގޮތަކީ އަހަރެން އަޑިއަށް ދާތަން ފެނުނީމަ އެމީހުން ވެސް ވަރަށް ޝައުގުވެރިވެއްޖެ އެގޮތަށް އަޑިއަށް ދާން. އެކަމަކު އޭރަކު ނޭނގޭ އަޑިއަށް މިދެވެނީ ކިހާ ފުނަކަށް ކަމެއް. އަތުގައި ގަޑިއެއް ވެސް ނޯވޭ،" ފަހުދު ކިޔައިދިނެވެ.

"ދެން ފްރީ ޑައިވިން އިންސްޓްރަކްޓަރަކު ރާއްޖެއިން ބޭރުން ގެނެސްގެން އެގޮތަށް ފީނާ ތަމްރީން ހެދުމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި. ބުނީމަ ގޫގަލްކޮށްލައިގެން ބަލާލީމަ މި އެނގުނީ މިއީ ސްޕޯޓެއް ގޮތަށް ވެސް މީހުން ކޮށް އުޅޭ ކަމެއް ކަމާއި ވަރަށް އަޑިއަށް ދާ މީހުން ވެސް އުޅޭކަން"

"ފްރީ ޑައިވިން އަކީ އޮންނަ ކަމެއް ކަމާއި އެއީ ކޯއްޗެއްކަން އެނގުނީ ވެސް އެހިސާބުން."

ނަމަވެސް އެފަހަރު ގެންނަން އުޅުނު އިންސްޓްރަކްޓަރު ގެނެވޭ ގޮތެއް ނުވިއެވެ. އަދި ފްރީ ޑައިވިން ދަސްކުރަން ފަހުދު ކިތަންމެ އެކްސައިޓްވެފައި ހުއްޓެއް ކަމަކު އެ ފުރުސަތު އޭނާ އަށް ލިބޭ ގޮތެއް ވެސް ނުވިއެވެ.

ނަމަވެސް ހިތް ގެނބުނު ގޮތަށް ގެނބެން ފެށީއެވެ. އަދި އެ ހުވަފެން ހަގީގަތަކަށް ހަދަން ކިތަންމެ ފުނަން ފީނަން ޖެހުނަސް އަދި ކިތަންމެ ގިނައިރު ނޭވާ ހިފަހައްޓާލަން ޖެހުނަސް އޭނާ ތައްޔާރުވާން ފެށީ އެ ދަތުރަށެވެ.

"ފްރީ ޑައިވިން ދަސްކުރަން ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ އޭރު. ދެން އަހަރެން ބޭނުންވެއްޖެ ތައިލެންޑްގެ ޕުކެޓަށް ގޮސްގެން ވެސް އެ ކޯހުގައި ބައިވެރިވެ ފްރީޑައިވިން ދަސްކުރަން،" ފަހުދު ކިޔައިދިނެވެ.

އަދި އޭނާގެ ހިތް މޫދަށް ޖެހިފައި އޮތް ވަރު ވެސް ކިޔައިދިނެވެ.

"ފަތިހު މޫދަށް ގޮސްސަ، މެންދުރު މޫދަށް ގޮސްސަ އަދި ރޭގަނޑު ވެސް ބައްތި ހިފައިގެން ދަން އޭރު މަސް ހިފަން. ރޭގަނޑު ގޮސްސަ މަސް ހިފައިގެން މަސްތައް ސާފުކޮށްގެން މައްޗަށް އަރާއިރު މެންދަމުން އަނބުރާ ދޭއް ޖަހާފައި ހުންނާނީ އާންމުކޮށް. ދެން އަނެއްކާވެސް ފަތިހު ފަހެއް ޖަހާއިރު ނައްޓާލާނީ މޫދަށް އެރެން."

ނަމަވެސް އެ ހުރިހާ ވަގުތެއް މޫދުގައި ހޭދަކުރިޔަސް ފްރީ ޑައިވަރަކަށް ވުމަށް ހަދަން ޖެހޭ ތަމްރީނުތަކަށް ފުރަން ބޭނުންވި ޓިކެޓް ގަންނާނެ މިންވަރެއް އޭނާ އަކަށް ނުލިބުނެވެ. ތައިލެންޑަށް ދާނެ މާލީ ތަނަވަސްކަމެއް ނެތުމުން އޭނާ ދެން ބެލީ ރާއްޖޭގައި ހުރެގެން އެ ތަމްރީނުތައް ފުރިހަމަކުރެވޭތޯއެވެ.

"އޭރު ސޮނެވާގައި އެކަނި ހުރީ އޭގެ އިންސްޓްރަކްޓަރެއް. ދެން އަހަރެން ވާހަކަ ދައްކައިފިން މި މީހާއާ. އޭނަ ބުނީ ލެވެލް 1ގެ ކޯހެއްގެ ފީ އަކީ ވެސް 800 އެމެރިކާ ޑޮލަރޭ،" ފަހުދު ކިޔައިދިނެވެ.

"އެއީ އަދި ކޯސް ފީ އެކަނި. އަދި ކޮބާ އެ ކޯސް ފުރިހަމަކުރަން ސޮނެވާ ކަހަލަ ތަނަކަށް ގޮސް ހުރުމާއި ކެއުމުގެ އަގު؟"

"އޭނަ ކީ އަގުތައް ބޮޑުކަމުން އަހަރެން ހިތައް އެރީ ކޮންމެގޮތެއް ހަދާފައިވިޔަސް ފްރީ ޑައިވިން ދަސްކުރާނަމޭ. އެއަށް ވުރެ ފަސޭހައިން މިކަން ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެއޭ."

ނަމަވެސް އެ ފަސޭހަ މަގު އޭނާ އަށް ފެންނަ ގޮތެއް ނުވިއެވެ. އޭނާ އަށް ޖެހުނީ އެ މަގު އަމިއްލަ އަށް ކޮށާށެވެ. އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރާށެވެ. އެބޯލާ ވައިރަހުގެ ބަލިމަޑުކަމަށް ދުނިޔެ ބިރުން ފިލައި އޮތްއިރު ވެސް އޭނާ ނިންމީ އެ "ބަލިމަޑުކަމުގެ" ތެރެއަށް ގޮސްގެން ވެސް އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާށެވެ.

ނަމަވެސް އޭގެ ކުރިން އޭނާގެ އަތުގައި ނަސީބެއް ހިފި ގޮތް ވެސް ކިޔައިދިނެވެ.

"ފްރީ ޑައިވިން ދަސްކުރަން ކެތްމަދުވެފައި ވަނިކޮށް ދުސިތު ތާނީ ރިސޯޓުން މި އިއުލާނުކޮށްލަނީ ތިން ދުވަހުގެ ކޯހެއް. އަދި ފޭސްބުކް ޕޯސްޓެއް ޖަހާފައި މި ބުނަނީ ލައިކްކޮށްފަ ޝެއާކޮށްގެން ނަސީބުން ހޮވާ ހަތް މީހަކަށް ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު އޮތް ވާހަކަ،" ފަހުދު ކިޔައިދިނެވެ.

އެ ޕޯސްޓަށް ލައިކެއް ޖަހާލައި ޝެއާކޮށްލަނިކޮށް ނަސީބު އަތުގައި ހިފައިގެން ދުސިތަށް ގެންދިޔައިރު ފަހުދަށް ދެވެނީ އެންމެ 18 މީޓަރު އަޑިއަށެވެ. ތިން ދުވަސް ފަހުން އެނބުރި އައިއިރު އެއް ނޭވާގައި އޭނާ އަށް 26 މީޓަރު އަޑި އަށް ފީނެއެވެ.

އެހިސާބުން އަނެއްކާވެސް އޭނާ ބޭނުންވީ ބޮކިޖާހައި އަޑިއަށް ދާށެވެ. ނަމަވެސް ތަމްރީން ހަދަން ބޭރަށް ދާން އުޅެއުޅެ ދެން ވެސް ފަންޑިންއެއް ލިބޭ ގޮތެއް ނުވިއެވެ. އެންމެފަހުން އޭނާ ސިޓީއެއް ލިޔުނީ އަބަދުވެސް ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭ، ކުރީގެ ނައިބު ރައިސް މުހައްމަދު ވަހީދުއްދީނަށެވެ. މިސްޓަ ޑީންގެ ފަރާތުން ފަހުދަށް ލިބުނީ އޭނާ ތައިލެންޑްގެ ޕުކެޓުގައި ފުރިހަމަކުރަން ބޭނުންވެގެން އުޅުނު ފްރީ ޑައިވް ކޯހުގެ ބަޖެޓުގެ 50 ޕަސެންޓެވެ.

އަނެއް 50 ޕަސެންޓް ހޯދަން އޭނާ އަމިއްލަ އަށް މަސައްކަތްކުރީ އެވެ. އޭރު ފަހުދު އުޅެނީ މެގަ މޯލްޑިވްސްގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި މެކޭނިކެއްގެ ވަޒީފާގައެވެ. އެ ދުވަސްވަރަކީ އެބޯލާގެ ނުރައްކާތެރި ރޯގާ އެފްރިކާ ބައްރުގައި ފެތުރި އޭގެ ބިރަށް ދުނިޔެ ހުޅުވިފައި އޮތް ދުވަސްވަރެވެ.

މެގަ މޯލްޑިވްސް އަށް ލިބުނީ ނައިޖީރިއާ އިން ސައޫދީ އަރަބިއްޔާގެ ޖިއްދާ އަށް ދަތުރުކުރާ ބަޔަކު ގޮވައިގެން ދަތުރުކުރާށެވެ. އެއީ ދެ މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ދަތުރުތަކެކެވެ. އެ ފްލައިޓުގައި ފައިލެޓުންނާއި ކެބިން ކްރޫންނާއި އިންޖިނިއަރިން ޑިޕާޓްމަންޓްގެ މީހުން ބައިވެރިވާން ޖެހެއެވެ. އަދި އޯވައިޓް އެލަވަންސެއްގެ ގޮތުގައި 25 ޑޮލަރުގެ އެލަވަންސެއް ވެސް މެގަ މޯލްޑިވްސް އިން ދަތުރުގައި ބައިވެރިވާ މުވައްޒަފުންނަށް ދެއެވެ. ނަމަވެސް އެބޯލާގެ ބިރަށް އެ ދަތުރުގައި ބައިވެރިވާނެ ބަޔަކު އެންމެ ފުރަތަމަ ނުވިއެވެ.

"ދެން އެމީހުން ހަދަން ފެށި ގޮތަކީ އެ އެލަވަންސް މަތިކުރަން ފެށީ ދާނެ ބަޔަކު ނުވެގެން. 50 ޑޮލަރަށް ހިއްލީމަ ވެސް ދާނެ މީހަކު ނުވި. އޭރު އަހަރެން މިއީ މެކޭނިކެއް. ދެން މެގަ މޯލްޑިވްސް އިން ދިޔައީ ހަމަ އެ އެލަވަންސް އަދަދު މަތިކުރަމުން،" ފަހުދު ކިޔައިދިނެވެ.

"އެގޮތަށް މަތިކުރަމުން ގޮސް 200 އެއްހާ ޑޮލަރު ރެއަކަށް ލިބޭ ގޮތަށް އިއުލާނުކޮށްފި އެންމެފަހުން"

"ދެން އަހަރެން ހިސާބު ޖަހާލީ އެވަރު ލިބިގެން އަހަރެންގެ ފްރީ ޑައިވް ކޯހުގެ އަގު ފުރިހަމަކުރެވޭތޯ. ބަލައިލިއިރު އަހަރެން ބޭނުންވާ ވަރަށް ވުރެ މާ މައްޗަށް ވެސް އެބަ އަރާ ލިބޭ އަދަދު،" އެ އެކްސައިޓްމަންޓްގައި ފަހުދު ކިޔައިދިނެވެ.

"ދެން އަހަރެން ހިތަށް އެރީ އެބޯލާ އޮތަކަސް އެ ދަތުރުތަކުގައި ބައިވެރިވެއްޖެ ނަމަ އަހަރެންނަށް އަހަރެން ބޭނުންވާ ގޮތަށް ފްރީ ޑައިވިން ކިޔަވަން ދެވިދާނެއޭ އެ ދަތުރުތަކުން އެއްކުރާ ލާރިކޮޅު ހިފައިގެން. އަހަރެން ހިތަށް އެރީ އެބޯލާ ޖެހިގެން މަރުނުވެ ސަލާމަތުން އާދެވިއްޖެ ނަމަ ފްރީ ޑައިވިން ކިޔެވުނީއޭ އެހިސާބުން."

އެއީ ފަހުދުގެ ހަޔާތުގައި ވެސް އެންމެ ގިނައިން އުދުހުނު ދުވަސްތަކެވެ. ނަމަވެސް ޕައިލެޓަކަށް ވުމުގެ ހުވަފެނުގައެއް ނޫނެވެ. އެއް ނޭވާގައި އަޑިއަށް ފީނުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. ފްރީ ޑައިވިން ކޯސްތައް ފުރިހަމަކުރުމަށް ދާން ވަޒީފާ އިން ލީވް ނަގައި ހުސްވުމުން ނޯ ޕޭ ވެސް ހުސްކޮށް އެންމެފަހުން އޭނާ މެގަ މޯލްޑިވްސްގެ ވަޒީފާ ވެސް އެފަހަރު ދޫކޮށްލީ އެވެ. – ފްރީ ޑައިވިން އަށް ގެނބި ހުސްވީއެވެ.

"އަންހެނުން ވަރަށް ކަންބޮޑުވި އެންމެ ފުރަތަމަ އަހަރެން ކުއްލިއަކަށް ދާއިރާ ބަދަލުކޮށްލީމަ. އެކަމަކު އަހަންނަށް އޭރު ވެސް އެނގޭ މިކަން ވާނެ ކަން މިވަރުގެ ކަމަކަށް. ވަރަށް ސަޅި ބޮޑު ކަމަކަށް،" ފަހުދު ކިޔައިދިނެވެ.

އޭނާގެ އެ ހުވަފެންވީ ހަގީގަތަކަށެވެ. އަދި މިއަދު އޭނާ ބޭނުންވަނީ ފްރީ ޑައިވަރުން ތަމްރީނުކޮށް ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކުރާނެ ފެންވަރަށް ފީނާ ދިވެއްސަކު އުފައްދާށެވެ.