27 މާޗް 2022 - 22:50

މި ވެރިކަން ނިސްބަތްވާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ސަރުކާރު ވައްޓާލަން ބޭނުންވާ ބަޔަކު ތިބި ކަމަށް ތުހުމަތު ކުރައްވައި އެ ފުރުސަތު އެ މީހުންނަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު އައްޑޫގައި ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕޭނާ އެކު ޕާޓީގައި ވަރަށް ބޮޑަށް ކޯޅުން އުފެދި ދެ ފެކްޝަނަކަށް ހަރަކާތްތެރިވަމުން ދަނިކޮށް، މިހާ ބޮޑު ތުހުމަތެއް ޝަރީފް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް ތިއްބެވި އެވެ.
މަޖިލީހުގައި ޝަރީފް ތަމްސީލްކުރައްވާ ދާއިރާ، މަރަދޫގެ ބަނދަރު ހުޅުވަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ރައްޔިތުން ބަނޑަށް ޖެހުނަސް އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވީ މި ސަރުކާރު ވައްޓާލަން ކަމަށެވެ. މި ތުހުމަތުގައި އޭނާގެ ފާޑު ވިދާޅުވުން އަމާޒުކުރެއްވީ "ތިލަފަތުގެ ރަމްޒު" ނަމުގައި ކެމްޕޭން ކުރައްވާ ޓީމަށެވެ.
ޗެއާޕާސަންގެ އިންތިހާބުގައި މި ޝިއާރާ އެކު ކެމްޕޭން ކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކު ނުކުމެ ހުންނެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުންނެވެ. ޗެއާޕާސަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ކެމްޕޭން ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޓީމުން ބޭނުންކުރަނީ "ހިންގާލަން" ސްލޯގަން އެވެ.
ޝަރީފްގެ މި ތުހުމަތު ޕާޓީގެ އެއް ފެކްޝަނަށް އަމާޒުކުރެއްވި އިރު ޗެއާޕާސަންގެ އިންތިހާބުގައި އޭނާގެ ތާއީދު އޮތީ ފައްޔާޒަށް ކަން ސާފުކޮށް ޓުވިޓާގައި ވަނީ އިއުލާންކުރައްވައިފަ އެވެ.
ރައީސަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކޮވިޑު-19 ގެ އެންމެ ދަތި ދުވަސްވަރު އަވަށްޓެރި ގައުމުތަކުގެ ހާލަތަށް ނުވެއްޓި "ސަލާން ޖަހާ ފޮށި" ހިފައިގެން ރާއްޖެއިން ބޭރުން އެހީ ހޯދައިގެން ރައްޔިތުންނަށް ތެލާއި ކާނާ އަދި މަސްވެރިން ބާނާ މަސް ލިބޭގޮތް ހަމަޖައްސަވައި ދެއްވި ކަމަށެވެ. ރައީސްގެ މިކަންކަން ފާހަގަކުރައްވައި ފާޑުވިދާޅުވީ އެމަނިކުފާނަށް ހުރަސްއަޅުއްވަން ޕާޓީގެ ތެރޭގައި ބަޔަކު ތިބި ކަމަށް ވިދާޅުވެ އެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި އެބަތިބި ތިލަފަތުގެ ރަމްޒުގެ މީހުންނޭ ކިޔާ ބަޔަކު، ރައްޔިތުން ބަނޑަށް ޖެހުނަސް ސަރުކާރު ވައްޓާލަން ބޭނުންވާ. އަޅުގަނޑުމެން މަނިކުފާނު ސަރުކާރު ވައްޓާލިޔަ ނުދޭނަން. ޝުކުރިއްޔާ ރައީސް،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ދެން ބާއްވާ ރިޔާސީ އިންތިހާބަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާނެ ކަމަށާއި އަދި އަންނަ އަހަރު ވެރިކަމުގެ ދެ ވަނަ ޓާމަކަށް އެ މަނިކުފާނު ކުރިމަތިލައްވައިފިނަމަ ޖާނާމާލުން ގުރުބާންވާނެ ކަމަށެވެ.
މަޖިލީހުގެ މެމްބަރަކަށް ވީ ނަމަވެސް ބަޖެޓުގައި ކަންކަން ހިމެނެނީ ރައީސް ޖާގަ ދެއްވުމުން ކަމަށާއި އެ މަނިކުފާނު ނޫނީ ބަޖެޓުގައި 3-2 ޕްރޮޖެކްޓެއް ޖެހުމަށް ފުރުސަތު ދެއްވި އެހެން އެހެން ރައީސެއް ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުން ލަސްވެފައިވާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ޝަރީފް ވަނީ އެކަމަށް ދެކޮޅު ހަދާ ބަޔަކު ތިބި ނަމަ އެ މީހަކު މަގާމުން ދުރުކުރުމަށްފަހު ވެސް މަޝްރޫއު ކުރިއަށްގެންދަން ޖާގަ ދިނުމަށް ގޮވާލައްވައިފަ އެވެ.