27 މާޗް 2022 - 13:51

އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް ދުވުމުގައި ރާއްޖެއިން ހަތަރު ވަނަ ހޯދައިފި އެވެ.
ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމުން ވަނީ ކްރޮސް ކަންޓްރީގައި ވާދަކޮށްފަ އެވެ. މަޑުފަސްގަނޑުތަކާއި އުސް ހިސާބުތަކުގައި ދުވާ ކްރޮސް ކަންޓްރީގައި އެއްވަނަ ހޯދީ މުބާރާތް ހޯސްޓް ކުރި އިންޑީއާ އެވެ. ދެވަނަ ހޯދީ ސްރީ ލަންކާ އެވެ. ތިންވަނަ ނޭޕާލެވެ. ބަންގްލަދޭޝް ދިޔައީ ފަސް ވަނަ އަށެވެ.
އިންޑިއާގެ ނަގްލޭންޑްގައި ކުރިއަށް ގެންދިޔަ ރޭހުގައި ފިރިހެނުންގެ 10 ކިލޯމީޓަރު ރޭސް ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ނިންމީ 36:07 (36 މިނެޓާއި ހަތް ސިކުންތު) އިންނެވެ. މުހައްމަދު ރަޝީދު (މޮޑް) ރޭސް ނިންމީ، 36:41 އިންނެވެ. މުހައްމަދު އިރުފާން ރޭސް ނިންމީ 37:28 އިންނެވެ.
އަންހެނުންގެ 10 ކިލޯ މީޓަރުގެ ރޭސް މަރްޔަމް އަބްދުލް ކަރީމް (މަރީ) ނިންމީ 46:38 އިންނެވެ. އައިޝަތު ރާނިޔާ ރޭސް ނިންމީ 47:09 އިންނެވެ. އައިޝަތު ރިޝްމީ ރޭސް ނިންމީ 50:28 އިންނެވެ.
ދިވެހި ޓީމުގެ ކޯޗެއްގެ ގޮތުގައި ދިޔަ ނަސްރުﷲ އަހްމަދު (ނަސްރު) ބުނީ ރާއްޖޭގެ ދުވުންތެރިންގެ ރޭސް ނިންމި ޓައިމްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"ބޫޓާންގައި 2018 ގައި ބޭއްވި އެންމެ ފުރަތަމަ ކްރޮސް ކަންޓްރީގައި ރާއްޖެ ދިޔައީ ފުލަށް. މިފަހަރު ހަތަރުވަނަ ހޯދުމަކީ ލިބުނު ބޮޑު ކުރިއެރުމެއް،" މެޑައްޔެއް ހޯދުމުގެ އަމާޒުގައި ދިޔަ ކޯޗު ބުންޏެވެ.
ކްރޮސް ކަންޓްރީގައި މީގެ ކުރިން ވާދަކުރި ނަސްރު ބުނި ގޮތުގައި އެމުބާރާތުގައި މެޑަލް ހޯދާނަމަ ރާއްޖެއިން ބޭރުގައި ދިވެހި ދުވުންތެރިން ހިލް ޓްރޭނިން ހެދުން މުހިންމެވެ.
"ރާއްޖެއަކީ ފްެލެޓް ގައުމެއް. އެހެންވެ މި ޓްރޭނިންތައް ރާއްޖޭގައި ކުރިއަށް ގެންދިއުން ވާނީ އުނދަގޫ ކަމަކަށް،" ނަސްރު ބުންޏެވެ.
ފިރިހެން ބައިގައި މެޑަލް ހޯދި ނޭޕާލްގެ ބައެއް ދުންތެރިންނަށް ވުރެ ވެސް ކުރީގައި ރާއްޖޭގެ ދުވުންތެރިން ރޭސް ނިންމި އެވެ. ކޮންމެ ގައުމަކުން ވެސް ރޭހުގައި ވާދަ ކުރީ ކޮންމެ ޑިވިޝަނަކުން ތިން ދުވުންތެރިންނެވެ.
ޓީމު މާލެއިން ފުރުމުގެ ކުރިން ޓީމަށް ބަދަލު ގެނެ އެވެ. ކުރިން ޓީމުގައި ހިމެނި ޔޫސުފް އިބްރާހިމް އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި މުހައްމަދު ރަޝީދު (މޯޑް) ޓީމުގައި ޖެހި އެވެ.