ރެންސަމްވެއާ އެޓޭކަކާ އެކު ސްޓެލްކޯގެ ހިދުމަތްތައް ހުއްޓުމަކަށް
ރެންސަމްވެއާ އެޓޭކަކާ އެކު ސްޓެލްކޯގެ ހިދުމަތްތައް ހުއްޓުމަކަށް

ސްޓެލްކޯގެ އައިޓީ ނެޓްވޯކްތަކަށް ރެންސަމްވެއާ އެޓޭކެއް ދިނުމުން އޮންލައިން ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިފި އެވެ.

ސްޓެލްކޯއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ނެޓްވޯކަށް ރެންސަމްވެއާ އެޓޭކެއް ދިނުމާ ގުޅިގެން އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ހުއްޓިފައިވާ ކަމަށެވެ.

އެ އެޓޭކާ ގުޅިގެން އެ ކުންފުނީގެ އައިޓީ ނެޓްވޯކްތަކުގެ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށް ދޭ ހިދުމަތްތައް އަލުން ފޯރުކޮށްދޭން އިތުރު ވަގުތު ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރެވޭތޯ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހެކަރުން ދޭ ރެންސަމްވެއާ އެޓޭކުތަކުގައި އޮންލައިންކޮށް ލިބޭ ޑޭޓާތައް ކޮންޓްރޯލުކޮށް އެ ޑޭޓާތައް ބްލޮކް ކުރުމުގެ ބާރު ހޯދަ އެވެ. އަދި ޑޭޓާތައް އަނބުރާ ދޫކުރަން ފައިސާ އަށް ވެސް ޑިމާންޑް ކުރާ ހާލަތްތައް އާދެ އެވެ. އެހެން ނަމަވެސް ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، ސްޓެލްކޯ އަށް އެފަދަ އެއްވެސް ޑިމާންޑެއް ހެކަރުންގެ ފަރާތުން މިހާތަނަށް އައިސްފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ހެކަރުން ދިން ހަމަލާއާ ގުޅިގެން ކަސްޓަމަރުންގެ އެއްވެސް ޒާތީ މައުލޫމާތުތެއް ލީކު ވެފައި ނުވާ ކަމަށެވެ. ހެކަރުން ހަމައެކަނި އެޓޭކު ކުރީ އެ ކުންފުނިން ދޭ ބިލިން ހިދުމަތްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށް އެކުންފުނީގެ އައިޓީ އިންޖީނިއަރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.