ހައެއްކަ ހަފުތާވަންދެން "ވާހަކަ ނުދައްކަން" ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައި: ރައީސް
ހައެއްކަ ހަފުތާވަންދެން "ވާހަކަ ނުދައްކަން" ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައި: ރައީސް

ތައިރޮއިޑްގެ އޮޕަރޭޝަނަށް ފަހު 6-7 ހަފުތާ ވަންދެން "މިގޮތަށް" ވާހަކަ ނުދައްކަވަން ޑޮކްޓަރުން އިލްތިމާސްކޮށްފައިވާ ކަމަށް، ފުވައްމުލަކު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުގައި އެ މަނިކުފާނު ވިދާޅުވީ ސިއްހީ ހާލުކޮޅު ހުރިގޮތުން އެ ކަހަލަ ބައްދަލުވުމެއްގައި ވާހަކަ ދެއްކުން މަޑުޖައްސާލަން ޑޮކްޓަރު އޮތީ އިލްތިމާސްކޮށްފަ އެވެ.

ނަމަވެސް، މިދިޔަ މަހުގެ 25 ގައި ސިންގަޕޫރުގައި ކުރެއްވި ތައިރޮއިޑްގެ އޮޕަރޭޝަނަށް ފަހު، އާއްމުންނާއެކު ބޭއްވެވި ފުރަތަަމަ ބައްދަލުވުމުގައި ރައީސް ވަނީ ވިއްސަކަށް މިނެޓު ވަންދެން ވާހަކަފުޅު ދައްކަވައިފަ އެވެ.

އެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލާފައިވަނީ ފުވައްމުލަކުގެ ތަރައްގީއަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ މައްޗަށެވެ.

"އަޅުގަނޑުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މި ދޭތެރެއިން މި ކަހަލަ ބައްދަލުވުމެއްގައި ވާހަކަދެއްކުން ކުޑަކޮށް މަޑުޖައްސާލުމަށް ޑޮކްޓަރު އިލްތިމާސްކޮށްފައި އޮތީ. ހައެއްކަ ހަފުތާ ވަންދެން އަޅުގަނޑުގެ އޮޕަރޭޝަށް ފަހު މި ކަހަލަ ގޮތަކަށް ވާހަކަދެއްކުން މަޑުޖައްސާލަން އަޅުގަނޑަށް އިރުޝާދު ދެއްވާފައި ޑޮކްޓަރު އޮތީ،" ފުވައްމުލަކު ރައްޔިތުންނަށް ދިން މާހެފުމުގައި ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެ ހަފުތާ ހަމަވުމުގެ ކުރިން އަޅުގަނޑަށް މި އޮތީ ތި ބޭފުޅުންނާ ބައްދަލުކޮށް އެއްޗެއް ދަންނަވާލަން ޖެހިފައި."

ސާޖަރީ އަށް ފަހު ރައީސް ކުރެއްވި ފުރަތަމަ ޓްވީޓުގައި ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ފަރުވާ އަށް ފަހު ނުވަ ދުވަސް ރާއްޖެ ވަޑައިގެން، ރައީސް ވަނީ ގައުމާ މުހާތަބުކުރައްވައިފަ އެވެ. އޭގެ ފަހުން، ސަރުކާރުގެ އެކި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.