27 މާޗް 2022 - 10:44

ބުދަ ދުވަހާ ގުޅޭ
"ރީމާ ބޭނުންތަ ނަން ޖަހަން؟" ކާޑު ހިފައިގެން އަހަރެން ގާތަށް އައި ޝިފާ އެހިއެވެ.
އެ ޖެހުނީ ބޮޑުކަމަކާއެވެ. ބަލިމީހަކަށް ހެޔޮއެދުމަކީ އިންސާނެއްގެ ހައިސިއްޔަތުން އަހަރެން ކުރަން ޖެހޭނެ ކަމެކެވެ. ކާޑަކީ ލިޔުމުން ފެންނަން އޮންނާނެ އެއްޗެކެވެ. އަހަރެން ނަން ނުޖަހައިފި ނަމަ، މިފަންނު ފަހަރެއްގައި ބައްޕައަށް ވެސް ކާޑު ދައްކައިފާނެއެވެ. ދެން ހިތަށްއެރިއެވެ. ދެއްކިއްޔާ ވާނީ ކީއް ހެއްޔެވެ؟ އެއީ އޮފީހުގެ މަސައްކަތެއް ނޫނެވެ. އަމިއްލަ ކަމެކެވެ. އަހަންނަކީ ކަންދައްކާ މީހެއް ނޫނެވެ. ފޫހިވާ މީހަކަށް ހެޔޮއެދޭކަމަށް ހެދެންވީ ކީއްކުރަން ހެއްޔެވެ؟ ކަމެއް އޮތް ގޮތް ތެދަށް ބުނަން ނުކެރެންވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ދަސްކޮށްދީފައިވަނީ ކޮންމެ ހާލަތެއްގައި ވެސް ތެދުބުނާށެވެ.
"އަހަރެންގެ ނަން ޖަހާނެކަމެއް ނެތް،" އަހަރެން ބުނީމެވެ. "އަހަންނަކަށް ނުފެނޭ ތި ކާޑެއް ފޮނުވާކަށް ވެސް. ސީރިޔަސްކޮށް. ގެޓްވެލްސޫނެއް ފޮނުވައިލީމަ ނިމުނީނު."
ޝިފާއަށް އެ ހިޔާލު ކަމުދިޔައެވެ. އެހެނަސް އެހެން މީހުންގެ ތާއީދެއް ނުލިބުނެވެ. އެންމެ ފަހުން ކާޑު ހަދައިފައި، ހަމަ އެ ދުވަހު މިފަންނަށް ފޮނުވިއެވެ. ނޫނެކެވެ. ފޮނުވީކީ ނޫނެވެ. ކާޑު ހިފައިގެން އެ ގެއަށް ބަޔަކު ދިޔައީއެވެ. ދިޔައީ ކޮން ބައެއްކަމެއް އަހަންނަކަށް ނޭނގެއެވެ. މުހިންމެއް ވެސް ނޫނެވެ. އެހެނަސް، ކާޑުގައި އަހަރެންގެ ނަން ނެތުމުން މިފަންނަށް އެ ކަން ފާހަގަވިތޯ ބަލައިލުމުގެ ޝައުގުވެރިކަން އުފެދުނެވެ. އޭނަ ބުނީ ކީކޭތޯ ބަލައިލަން ވެސް ބޭނުންވިއެވެ.
ޖެހިގެންއައި ދުވަހު ވެސް މިފަންނު އޮފީހަކަށް ނާދެއެވެ. ހިތަށްއެރިއެވެ. ހަމަ އެހާ ބޮޑަށް އޭނަ ބަލިވީ ހެއްޔެވެ؟ އެއީ ކޮން ކަހަލަ ބައްޔެއް ހެއްޔެވެ؟ އެ ސުވާލު އަހަރެން އަހަން ޖެހޭނީ ވަރަށް ދުރުދުރުންނެވެ. ނޫނެކެވެ. ނާހާނަމެވެ. އެހެން ހިތަށްއަރައިގެން އިންދައި އޮފީހުގައި ޒާތެއްގެ ހަލަބޮލިކަމެއް އުފެދުނުކަން ފާހަގަކުރެވުނެވެ. ކޮންމެ މުވައްޒަފަކު ވެސް އުޅެނީ އެހެން މުވައްޒަފެއްގެ ފޯނު ބެލޭތޯއެވެ. ވެގެން އުޅޭ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެންމެން ބޮނޑިވެގެން އުޅޭ އިރު ވެސް އެކަކު ވެސް އަހަރެން ގާތަކަށް ނާދެއެވެ. އަހަރެންގެ ފޯނު ބަލާކަށް ނޫޅެއެވެ. އިރުކޮޅަކުން ޝިފާ އައިސް މޭޒު ކައިރީގައި އިށީނެވެ.
"އެންމެން އެންމެނަށް ކޯޗެއް ތި ދައްކަނީ؟" އަހަރެން ސުވާލުކުރީމެވެ.
"ނޭނގޭތަ؟ ކާޑު ފޮނުވީމަ ބޮސް ކޮންމެ މީހަކަށް ވަކިން ތެންކްސް ބުނީނު،" ވަަރަށް އުފާވެފައި ޝިފާ ބުންޏެވެ. "ކޮންމެ މީހަކަށް ވަކި މެސެޖެއް. އަޅެ ކިހާ ލޯބި."
އަހަރެން އަވަސްއަވަހަށް އަހަރެންގެ ފޯނު ބަލައިލީމެވެ. މެސެޖެއް ނެތެވެ. ދެން ހިތަށްއެރިއެވެ. އަހަރެންގެ ނަމެއް ކާޑަކު ނޯންނާނެއެވެ. އެހެންވީމައި އަހަންނަކަށް މެސެޖެއް ނާންނާނެތާއެވެ. އެ ވަގުތު އަހަންނަށް އިހުސާސްކުރެވުނީ އަހަރެން ކިހާ ބާކީކަމެވެ. ދެން ހިތަށްއެރިއެވެ. މިފަންނުގެ މަގުސަދަކީ އެއީއެވެ. އަހަރެންގެ ނަފުސު އަަހަރެން ކުށްވެރިކުރުމެވެ.
"ތި ހީކުރަނީ އަހަރެން ދެރަވާނެކަމަށް،" ހިތާހިތުން އަހަރެން ބުނެލީމެވެ. "ކަލޭގެ މެސެޖެއް ބޭނުމެއް ވެސް ނޫން."
އެ ވަގުތު އަހަންނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކުންނެވެ. އަރައިފައި އޮތީ "ޕްރައިވެޓް ނަންބަރ" އެވެ. ހިތަށްއެރިއެވެ. އެއީ މިފަންނު ހެއްޔެވެ؟ އޭނަ ރުޅިއައީ ހެއްޔެވެ؟ މެސެޖުގައި އޮތީ ކީކޭބާއެވެ؟ އެތައް އިރަކު ވިސްނަން އިނދެފައި ވެސް އަހަރެން މެސެޖެއް ނުހުޅުވަމެވެ. ނުހުޅުވިޔަސް މެސެޖުގެ އެއް ތަންކޮޅު ފެންނަން އޮވެއެވެ. އޭގައި އޮތީ "އަޅުގަނޑު ޝުކުރުއަދާކޮށްލަން ބޭނުން. އިތުރަށް ބުނެލަން ބޭނުން.." އެ ހިސާބަށެވެ. އަހަންނަށް މިފަންނު އަދާކުރަން އޮންނާނީ ކޮން ޝުކުރެއް ހެއްޔެވެ؟ އިތުރަށް ބުނަން އޮންނާނީ ކޯޗެއް ހެއްޔެވެ؟ ސުވާލުގެ ޖަވާބުލިބޭނީ މެސެޖު ހުޅުވައިގެންނެވެ. އެ ކަން ކުރާނެ ހިތްވަރެއް ނުލިބުނެވެ. އަހަރެން ނިންމީ މެސެޖު ނުބަލާށެވެ.
އާންމު ގޮތެއްގައި އުނދަގޫވާނީ ކަމެއް ކުރާށެވެ. އަހަންނަށް އުނދަގޫވާން ފެށީ ކަމެއް ނުކޮށް ހުންނާށެވެ. މެސެޖު ނުބަލައި ހުންނާށެވެ. އޭރު އަދި އެއީ މިފަންނު ފޮނުވި މެސެޖެއްކަން ޔަގީނެއް ވެސް ނުވެއެވެ. މެސެޖު ބަލަން ފޯނު ނެގުނު އަދަދެއް ވެސް ނޭނގެއެވެ. އަހަރެން ހަމަ ކެތްކޮށްލީމެވެ.
ދެ ދުވަހެއް ފަހުން މިފަންނު އޮފީހަށް ނުކުތެވެ. އޭރު ވެސް އަހަރެން މެސެޖެއް ނުބަލަމެވެ. މިފަންނު ނުކުތް ދުވަހު އަހަންނަކަށް އެއްވެސް މަސައްކަތެއް ހަވާލެއް ނުކުރެއެވެ. ހިތަށްއެރިއެވެ. ކާޑުގައި އަހަރެން ނަން ނުޖެހީމައި އޭގެ ބަދަލުހިފަނީއެވެ.
ޖެހިގެންއައި ދުވަހު މަސައްކަތް ގިނަކަމުން ނޭވާލާނެ ވަގުތު ވެސް އަހަންނަކަށް ނުލިބެއެވެ. ހިތަށްއެރިއެވެ. ކާޑުގައި އަހަރެން ނަން ނުޖެހީމައި އޭގެ ބަދަލުހިފަނީއެވެ. ޝައްކެއް ހިތުގައި ވަޅުޖެހި، މޫލާން ފަށައިފިއްޔާ ޝައްކުބަލި ހައްތަހާ ބޮޑުވާނެއެވެ. އަހަރެން ހިތަށްއެރިއެވެ. އަހަރެން މެސެޖު ބެލިޔަސް ނުބެލިޔަސް މިފަންނަކަށް ނޭނގޭނެއެވެ. ކޮން ކަމަކާ ހާސްވާކަށް ހެއްޔެވެ؟ ވީމާ، ފޯނު ނަގައިފައި މެސެޖު ބަލައިލީމެވެ. އޭގައި އޮތެވެ.
"އަޅުގަނޑު ޝުކުރުއަދާކޮށްލަން ބޭނުން. އިތުރަށް ބުނެލަން ބޭނުން، އަޅުގަނޑުގެ ހާލު ރަނގަޅު. ޝުކުރިއްޔާ. މިފަންނު." މެސެޖުގައި އޮތީ އެހެންނެވެ.
"ޝުކުރުއަދާކޮށްލަން ބޭނުމޭ؟" ހިތާހިތުން އަހަރެން ބުނެލީމެވެ. "ކޮން ކަމަކާ؟"
މެސެޖު ނުބެލި ނަމަ އެ ސުވާލެއް ނުއުފެދުނީހެވެ. ދެން އަހަންނަށް އެ ސުވާލުގެ ޖަވާބުދޭނީ ކާކު ހެއްޔެވެ؟ އަހަރެން ވީ މިފަންނު ގާތަށް ގޮސް އެ ސުވާލުގެ ޖަވާބު އަހަން ހެއްޔެވެ؟ އޭނަގެ ބޭނުމަކީ އެއީ ހެއްޔެވެ؟ ނާހާނަމެވެ. އެއީ މިފަންނުގެ އުކުޅެކެވެ. މަޅިއެކެވެ. އަހަރެން އެ މަޅިއަކު ނުޖެހޭނަމެވެ. އެކަމަކު އޭނަ ޝުކުރުއަދާކުރީ ކޮން ކަމަކާ ހެއްޔެވެ؟ އޭރު އަހަރެން އިނީ އެއްބަސްވުމެއް އިނގެރޭސި ބަހަށް ތަރުޖަމާކުރާށެވެ. ފޯނު ރަނގަބީލުވިއެވެ. ހިތަށްއެރިއެވެ. އެއީ މިފަންނުގެ ކޯލެކެވެ. ވީ ވެސް އެހެންނެވެ. ބައްދަލުކޮށްލަން އޭނަ އެދުނެވެ. އެއީ ކާޑުގެ މައްސަލައަށް ފަހު މިފަންނާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
ކަމެއް ވީކަމަށް ވެސް ނަހަދައި ގޮސް މިފަންނުގެ ކޮޓަރިއަށް ވަނީމެވެ. އާދައިގެމަތިން ދޮރު ހުޅުވައިފައި ބަހައްޓައިފައި ގޮސް މޭޒު ކައިރިއަށް ހުއްޓުނީމެވެ. އެ ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އޮފީސް ކުދިން މިފަންނަށް ފޮނުވި ކާޑެވެ. އެ ކާޑު ބަހައްޓައިފައި ހުރީ އަރިމަތީ ކަފޭރާ މަތީގައެވެ. އަހަރެންގެ ނަމާއި ސޮއި އޮންނަންވީ ތަން ހުރީ ހުސްކޮށް ބާއްވައިފައެވެ. އަހަންނަށް ބެލުނީ އެ ހުސްތަނަށެވެ. މިފަންނު ދައްކަން ފެށީ އޮފީސް ވާހަކައެވެ. އެއްބަސްވުމުގެ ބައެއް ތަންތަންކޮޅަށް ގެންނަންވީ ބަދަލު ކިޔައިދިނެވެ. އަހަރެންގެ ހިތް އެދެމުންދިޔައީ، އަހަންނަށް ޝުކުރުއަދާކުރި ސަބަބު އޮޅުންފިލުވާށެވެ. ސިކުނޑި އެއްބަހެއް ނުވިއެވެ. މިފަންނު ދައްކަން ބޭނުންވި ވާހަކަތައް ދައްކައި ނިމުމުން އަހަރެން ނުކުންނަން ހިނގައިގެންފައި ހުއްޓުނީމެވެ. އަނެއްކާ ވެސް މޭޒު ކައިރިއަށް ދިޔައީމެވެ.
"ކީއްވެ އަހަންނަށް ޝުކުރުއަދާކުރީ؟" އިނގެރޭސިން އަހަރެން އެހީމެވެ.
މިފަންނު ހިނިތުންވެލިއެވެ. އެއީ، އުންމީދުކޮށްގެން ހުރި ކަމެއް ވުމުން އަންނަ ކަހަލަ ހިންޏެކެވެ. ދެއްކުންތެރިކަން ފާޅުވި ހަރަކާތެކެވެ. އެ ސުވާލު ނުކުރެވުނު ނަމައޭ އަހަރެން ހިތަށްއެރިއެވެ.
"އަހަރެން އަބަދުވެސް ހީކުރަނީ އަހަންނަކީ މުވައްޒަފުންނަށް ވަރަށް ހެޔޮ ވެރިއެއްކަމަށް،" އިނގެރޭސިބަހުން މިފަންނު ޖަވާބުދިނެވެ. "އެކަމަކު ރީމާ ކަންތައް ކުރި ގޮތުން އެނގިއްޖެ އަހަންނަށް ކޮންމެވެސް ކަމެއް ގޯސްކޮށް އެބަ ކުރެވޭކަން. އެހެން ނޫނީ ރީމާ އެހެނެއް ނަހަދާނެ. އަހަރެންގެ މިޒާޖާ، ސުލޫކާ ދޭތެރޭ އަލުން ވިސްނަން ހަނދާންކޮށްދިނީ ރީމާ. މިހާރު އަހަންނަށް އެނގިއްޖެ އަހަރެންގެ ބައެއް ކަންކަން އިސްލާހުކުރަން އެބަ ޖެހޭކަން. އެއީ ކިހާ ރަނގަޅު ކަމެއް."
އަހަރެން ހުރީ ހިނގައިގަންނަން ނޭނގިފައެވެ. އަހަރެން ގޯސްކޮށް ކުރި ކަމެއް މިފަންނު ރަނގަޅުކޮށްލިލެއް ފުރިހަމަކަމުންނެވެ. އަހަރެން މީ ކާކު ހެއްޔެވެ؟ މިފަންނަކީ ޑިޕާޓުމަންޓުގެ ވެރިމީހާއެވެ. އެންމެން ލޯބިވާ މީހެކެވެ. މުއްސަނދި، ކާމިޔާބު، ކުޅަދާނަ މީހެކެވެ. ބޭނުން އެއްޗެއް އަހަންނާ ދިމާއަށް ބުނަންވީއެވެ. އަހަންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެހެނަސް ރަސްމީ މަސައްކަތާއި ޒާތީ މަސައްކަތް ވަކިކުރަން މިފަންނަށް އެނގެއެވެ.
"ދެން އެންމެ ރަނގަޅު ދިޔަޔަސް،" މިފަންނު އިނގެރޭސިން ބުންޏެވެ. "އަދިވެސް އެއް ފަހަރު ޝުކުރިއްޔާ."
ހުރެވުނު ތަން އަހަންނަށް އިހުސާސްވީ އެ ވަގުތުއެވެ. ކުރިން އަހަރެން ހީކުރީ އެ ތަނުން އަހަންނަށް ނުކުމެވިއްޖެ ކަމަށެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އަހަރެން ކޮޓަރިން ނުކުތީމެވެ. ކޮޓަރީގައި ހިތް ބާއްވައިފައެވެ. އެކަކަށް ވެސް އެ ކަމެއް ނާންގަމެވެ. އެކަމަކު އަހަރެން ކުށްވެރިނުކުރާ އެކައްޗެއް ވެސް އެ ތާކު ނެތެވެ. ތަނުގެ ހަތަރު ފާރާއި، ގޮނޑިމޭޒާއި، އަހަރެންގެ ލެޕުޓޮޕު ވެސް ޝަކުވާތައް ބަންޑުންކޮށްލިއެވެ. ކާޑުގައި ނަން ނުޖެހީ ކީއްވެގެން ހެއްޔެވެ؟ އެހައި ރަނގަޅު މީހަކަށް އަހަރެން އެހައި ނުބައިވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަކީ ކާކު ހެއްޔެވެ؟ އަހަރެންގެ ހައިސިއްޔަތަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ ކިބައިގައި އިންސާނިއްޔަތުގެ ކުނޑިފުކެއް ހުރި ނަމަވެސް އެހެނެއް ކަންތަކެއް ނުކުރީހެވެ.
ގޮނޑީގައި އިށީނދެގެން، އިސްޖަހައިލައިގެން އަހަރެން އިނީމެވެ. ހިތަށްއެރިއެވެ. އަހަންނަށް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫނެވެ. ބޮޑާވެވުނީ އަހަންނަށެވެ. ދެން ކުރާނީ ކީއް ހެއްޔެވެ؟ ދުނިޔެ ނުވަތަކަށް ނޭނބުރޭނެއެވެ. އެހެނަސް، އެނބުރޭނެ ނަމައެވެ. އެ ވަގުތު މިފަންނު ކޮޓަރިން ނުކުތެވެ. އަހަންނަށް ތެދުވެވުނެވެ.
ބޭއިހުތިޔާރުގައެވެ. ވައްކަޅިން މިފަންނަށް ބަލައިލީމެވެ. ވަކި މީހެއް ތަފާތުކުރުމެއް ނެތި އެންމެނަށް ހިނިތުންވެލައިފައި އޭނަ ޑިޕާޓުމަންޓުން ނުކުތެވެ. ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ މޭޒުމަތީގައި ހުރި ކެކްޓަސް ގަހެވެ. އެ ގަހުގައި ވަރަށް ރީތި މަލެއް ފޮޅިފައި އިނެވެ. އަހަންނަށް މަޑުމަޑުން އިށީނދެވުނެވެ. ކެކްޓަސް ގަސް ކައިރިއަށް ގެނެސް މަލުގައި ފިރުމައިލެވުނެވެ. ކަށި ފަޅައިފައިވާ، ފަރުބަދައެއް ކަހަލަ ގަހެއްގައި ވެސް ރީތި މަލެއް ފޮޅިދާނެއެވެ. އެއިން އެ ބުނެދެނީ ކީކޭ ހެއްޔެވެ؟ އަންގައިދެނީ ކޯޗެއް ހެއްޔެވެ؟
އަހަރެން ތެދުވީމެވެ. މީހަކު އަޅައިނުގަންނާނެހެން މަޑުމަޑުން ގޮސް މިފަންނުގެ ކޮޓަރިއަށް ވަނީމެވެ. ކަފޭރާ މަތީގައި ހުރި ކާޑު ނެގީމެވެ. އަހަރެންގެ ނަން ޖަހަން ހުސްކޮށްފައިވާ ތަނުގައި އަހަރެންގެ ނަން ޖެހީމެވެ. ސޮއިކޮށްލީމެވެ. ދެން ވާނެ ގޮތަކާ މެދު ފިކުރެއް ހިޔާލެއް ނެތިއެވެ.
ނުނިމޭ