އާ ކޮންޓްރެކްޓެއް މިހާރު ދިނަސް ސޮއިކުރާނަން: މޮރީނިއޯ
އާ ކޮންޓްރެކްޓެއް މިހާރު ދިނަސް ސޮއިކުރާނަން: މޮރީނިއޯ

މެންޗެސްޓާ (ޑިސެމްބަރު 22) – މެންޗެސްޓާ ޔުނައިޓެޑުގައި ކުރަމުން އަންނަ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެ ކްލަބާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދާފައިވީ ނަމަވެސް އެއަށް ވުރެ ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޖުލައި މަހު ޔުނައިޓެޑާ ހަވާލުވި މޮރީނިއޯ އަށް ޕްރިމިއާ ލީގުގެ ކުރީކޮޅު އެދެވޭ ނަތީޖާއެއް ނުހޯދުނު ނަމަވެސް މިހާރު ޓީމު އަންނަނީ މަޑުމަޑުން ހަމަޔަކަށް އެޅެމުންނެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާއިރު މިހާރު ޔުނައިޓެޑް އޮތީ ލީގުގެ ހަ ވަނައިގަ އެވެ.

"އަހަރެން ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ވަނީ. އެހެންވީމާ އާ ކޮންޓްރެކްޓެއް އަދި ދީފާނެ ކަމަށް އުއްމީދެއް ނުކުރަން. އެކަމަކު ދީފިއްޔާ އިތުރު ވިސްނުމަކަށް ނުގޮސް ސޮއިކުރާނަން، އެއީ އަހަންނަށް ޔަގީންކަމެއް،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޔުނަައިޓެޑުން އޭނާ އަށް ފުރިހަމަ ސަޕޯޓްދޭ ކަމަށާއި އަދި ތިން އަހަރަށް ވުރެ ގިނަ ދުވަހު ޔުނައިޓެޑުގައި އޭނާ ހުންނާނެ ކަމުގެ އިހުސާސްކޮށްދޭ ކަމަށެވެ. އަދި ޔުނައިޓެޑުގައި އޭނާ ގިނަ ދުވަހު ހުންނާނެ ކަމުގެ އިހުސާސް އަމިއްލަ އަށް ކުރެވޭ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

"އެ މީހުންނަށް އެނގޭ އަހަރެން ޔުނައިޓެޑުގައި ކުރަމުން އަންނަ މަސައްކަތް ދެކެ ލޯބިވާކަން. އެ މީހުންނަށް އެނގޭ އެ މީހުން ކޮންޓްރެކްޓެއް ދީފި ނަމަ އަހަރެން އިތުރު ލަފައެއް ނުހޯދާ ސޮއިކުރާނެކަން. ސަބަބަކީ އަހަރެން މި ކްލަބުގައި ކުރާ މަސައްކަތް ދެކެ ލޯބިވާތީ،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޗައިނާގެ ކްލަބްތަކުން ހުށަހަޅަމުން އަންނަ ބޮޑެތި ކޮންޓްރެކްޓްތަކަށް އެންމެން ޝައުގުވެރިވާ ކަމަށާއި އެކަމަކު އޭނާ ޗައިނާ އަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. ޗައިނާގެ ކްލަބްތަކުން އަންނަނީ ރެކޯޑް އަގުތަކެއްގައި ޔޫރަޕުގެ ނަން މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ.

"އަހަރެން ހުންނަން ބޭނުންވަނީ ކާމިޔާބު ހޯދަން އެންމެ އުނދަގޫތަނުގައި. ޗައިނާގެ އޮފާތައް ފެނިފައި އެންމެންގެ ހިތް އެބަ ލެނބޭ. އެކަމަކު އަހަރެން ބޭނުންވަނީ އެންމެ މަތީ ފަންތީގައި ހުންނަން،" މޮރީނިއޯ ބުންޏެވެ.