27 މާޗް 2022 - 10:20

ގެއެއްގެ ޓައިލްސް ދަށުގައި ޖާގައެއް ހަދައި އެތާ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އަހްމަދު ހުސެއިން ފިލަންވެގެން ފޯނާއި ފޯނު ނަންބަރު ބަދަލުކުރި ކަމަށް ފުލުހުން އިއްޔެ ކޯޓުގައި ބުނެފި އެވެ.
މާފަންނުގައި ހުންނަ ގެއެއްގެ ތެރޭގައި 42 ކިލޯގެ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ފުލުހުން އެންމެ ބޮޑަށް ތުހުމަތުކުރަނީ ޕީއެންސީގެ ކައުންސިލް މެމްބަރަށް ހުރި އަހުމަދު ހުސެއިން، 39، އަށެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ހޯދިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށި ދާއިރާއަށް ވެސް ވާދަކުރި އަހްމަދަށް ކުރި ތުހުމަތާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ދިފާއުގައި ބުނީ މަސްތުވާތަކެތި ފެނުނީ އެންމެންނަށް ވަދެވޭ ގޮތަށް ހުރި ތަނަކުން ކަމަށެވެ. އަދި އެއީ އޭނާއާ ދެކޮޅުވެރިކަމެއް އޮތް މީހަކު، ދެރައެއް ދިނުމަށް ޖެއްސި މައްސަލައެއް ކަމަށް ވެސް ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ހުސެންއާ އެކު އަދި އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ. މި މީހުންގެ މައްޗަށް ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުކޮށްފަ އެވެ.
ބަންދުގެ މަޖިލީހުގައި ހުށަހެޅި ކަންކަަމަށް ރިއާޔަތްކުރައްވައި ގާޒީ ސަފްއަތު ހަބީބު ވަނީ އަހްމަދުގެ ބަންދަށް 10 ދުވަސް އިތުރުކުރަން އަމުރުކުރައްވައިފި އެވެ.
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭ ބަޔަކާ ގުޅުން އޮތް ކަމަށް ބެލެވޭ މަސްތުވާތަކެތި ހުރީ އައިޖީއެމްއެޗް ކައިރީގައި ހުންނަ، ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓުގެ އޮފީސް ކުރިމަތީގައި ހުރި ގެއެއްގެ ޓައިލްސް ދަށުގަ އެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިނޫޅޭ ކަމަށްވެ އެވެ.
މަސްތުވާތަކެތީގެ މައްސަލާގައި އަހްމަދު ހައްޔަރުކުރުމާ އެކު އެ ޕީއެންސީގެ ކައުންސިލުން އޭނާ ވަނީ ވަކިކޮށްފަ އެވެ.