27 މާޗް 2022 - 06:35

ބޮލީވުޑްގެ ކިންގްގެ ގޮތުގައި އެންމެން ވެސް ސިފަކުރާ ޝާހުރުކް ހާން އިއްޔެ ހެނދުނު ސޯޝަލް މީޑިއާއަށް ވައްޓާލި އޭނާގެ ފޮޓޯއެއް އިންޓަނެޓްގައި ބާރަށް އެނބުރެނީ އެވެ. މިއީ ޝާހުގެ ކުރިއަށް އޮތް ފިލްމު ޕަތާންގެ ފަސްޓްލުކް އެވެ.
އުމުރުން 56 އަހަރުގެ މީހެއްގެ ހަށިގަނޑު ހުރި ފިޓްކަން ފެނި އެންމެންނަށް ސަމާލުކަން ލިބުނީ އެވެ.
ހުސްގަޔާ ހުރެ ޝާހު ނަގާފައިވާ އެ ފޮޓޯގައި އޭނާގެ ހަށިގަނޑު ހުރި ގޮތް ފެނިފައި ސަޕޯޓަރުންނާ އެއްވަރަށް، ޝާހުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަދި ބޮލީވުޑަށް ނުކުންނަށް ތައްޔާރުވަމުން އަންނަ ސުހާނާ ވެސް ފޯރި ނެގި އެވެ.
ސުހާނާ ބުނީ އޭނާގެ ބައްޕައަށް 56 އަހަރު ކަމަށެވެ. އަދި "އަހަރެމެންނަށް އެއްވެސް އުޒުރެއް ދެއްކެން ނެތް" ކަމަށެވެ.
ސުހާނާ ބުންޏަސް އެއީ ތެދެކެވެ. ދުވަސްވެފައި ހުރިއިރު ވެސް ޝާހު އޭނާގެ ހަށިގަނޑު އެހާ ރީއްޗަށް ގެންގުޅޭއިރު ޒުވާނުންނަށް އެކަން ނުވާންވީ ސަބަބެއް ނެތެވެ.
ޝާހު މިވަގުތު އުޅެނީ ސްޕެއިންގައި އޭނާގެ ފިލްމުގެ ޝޫޓިންތަކުގައި އަވަދިނެތި އެވެ. ސިދާތު އަނަންދުގެ އެ ފިލްމުގައި ދީޕިކާ ޕަޑުކޯން އާއި ޖޯން އަބްރަހަމް ވެސް ފެންނާނެ އެވެ.
އަނެއްކޮޅުން ޝާހުގެ ދަރި، ތައްޔާރުވަމުން އަންނަނީ ބޮލީވުޑަށް ތައާރަފުވުމަށެވެ. ޒޯޔާ އަކްތަރުގެ ކުރިއަށް އޮތް ފިލްމު "ދަ އާޗީސް" ގައި އިތުރު ދެ ސްޓާ ކިޑުންނާ އެކު އޭނާ ބޮލީވުޑަށް ނުކުންނާނެ އެވެ.