ޝްރައްދާގެ ހަޔާތުގައި ލޯބިވެރިއެއް ނެތް
ޝްރައްދާގެ ހަޔާތުގައި ލޯބިވެރިއެއް ނެތް

ބޮލީވުޑްގެ ޒުވާން ތަރި، ޝްރައްދާ ކަޕޫރާއި އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރޯހަން ޝްރެސްތާއާ ދެމީހުން ރުޅިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގާތްގަނޑަކަށް ހަތަރު އަހަރުވީ އެ ގުޅުން އެމީހުން ނިންމާލީ މީގެ ދުވަސްތަކެއް ކުރިން ކަމަށްވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ގުޅުން ނިންމާލީ ޝްރައްދާ އެކަމަށް ބޭނުންވެގެންނެވެ. އެކަމަކު އެކަން ދޮގުނުކުރިތާ އެކަމާ ގުޅިގެން ވާހަކަ ދައްކަން ވެސް ރޯހަން ބޭނުމެއް ނުވި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން އެކަމާ ގުޅިގެން ރޯހަންއާ ސުވާލުކުރުމުން ބުނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަދައްކަން ބޭނުންނުވާ ކަމަށެވެ. މީގެ ކުރިން ވެސް އެގޮތަށް އަމިއްލަ ދިރިއުޅުމުގެ ވާހަކަދައްކާފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ނުކުރާނެ ކަމަށް ބުންޏެވެ.

ރޯހަން އާއި ޝްރައްދާ ރުޅިވި ކަމުގެ އަޑުތައް ގަދަވީ މިފަހުން ޝަރައްދާ ވަރަށް މާޔޫސްވެފައި ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރި ހިސާބުންނެވެ.

ޝްރައްދާގެ އުފަން ދުވަސް ފާހަގަކުރަން އާއިލާ އިން ގޯއާގައި ބޭއްވި ޕާޓީގައި ވެސް ރޯހަން ބައިވެރިނުވާ ކަމަށްވެ އެވެ. އެކަމަކު މީގެ ކުރިން އެ ދެ ތަރިންނަކީ ވަރަށް އެކުއެކީގައި ފެނުނު ޖޯޑެެކެވެ. ޕާޓީތަކުން ފެށިގެން ޗުއްޓީ ދަތުރުތައް ވެސް އެކަކު އަނެކަކާ ނުލާ ހޭދަނުކުރެވޭހާ ލޯބިން އުޅުނެވެ.

ޝްރައްދާ އަށް ބޮޑު މަގުބޫލު ކަމެއް ލިބުނީ "އާޝިގީ 2" ކުޅުނު ފަހުންނެވެ. މީގެ ކުރިން ޝަރައްދާ ކުޅޭ ކޮންމެ ފިލްމެއްގައި އުޅޭ ފިރިހެން ތަރިއަކާ އޭނާއާ އަޅުވާކިޔަސް، އެ އަޑުތައް މަޑުވީ ފޮޓޯގްރާފަރު، ރޯހަންއާ ރައްޓެހިވި ހިސާބުންނެވެ.