މިއުޒިކް ކުޅުން ހުއްޓާލާނެ ކަމަށް ޑޯޖާ ކެޓް ބުނެފި
މިއުޒިކް ކުޅުން ހުއްޓާލާނެ ކަމަށް ޑޯޖާ ކެޓް ބުނެފި

ފޭނުން ދެކެ ރުޅި އައިސް، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑޯޖާ ކެޓް މިއުޒިކް އިންޑަސްޓްރީ ދޫކޮށްލަން ނިންމައިފި ކަމަށް އޭނާ ބުނެފި އެވެ.

ޑޯޖާ ކެޓް ވަނީ މި މަހު ބްރެޒިލްގައި ޝޯތައް ދީފަ އެވެ. އަދި ބްރެޒިލް އަށް ފަހު ޕެރަގުއާއީގައި އޭނާގެ ޝޯއެއް ދިނުމަށް ހަމަޖެހިފައި ވިޔަސް، އެ ގައުމަށް ކުރާ އާދަޔާ ހިލާފު ވިއްސާރައިގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައި ވާތީ ޝޯތައް ވަނީ ކެންސަލްކޮށްފަ އެވެ.

ޝޯތައް ކެންސަލްކުރުމާ ގުޅިގެން ޕެރަގުއާއީގެ ފޭނުންގެ ހޫނު ބަސްތަކެއް އޭނާ އަށް ރައްދުވި އެވެ. ފޭނުން ބުނީ ޕެރަގުއާއީގެ މީހުންނާ މެދު ޑޯޖާ އަޅާނުލާ ކަމަށާއި މެސެޖު ކުރުމުން އޭނާ ފޭނުންނަށް ވެސް ޖަވާބު ނުދޭ ކަމަށެވެ.

އެ ބަހުސް ބޮޑުވެ، އެންމެ ފަހުން ވަރަށް ހޫނު ރައްދެއް ދެމުން ޑޯޖާ ބުނީ ދެން މިކަމެއް [މިއުޒިކު ހަދައި ކިޔުން] އޭނާ އަށް ނުވާނެ ކަމަށެވެ.

"މިއުޒިކް މަރުވެއްޖެ އަހަންނަށް. ހެޔޮ އެއްވެސް މީހަކު މަ ގަބޫލު ނުކުރިޔަސް ދެން މިކަމެއް ނުވާނެ،" ޑޯޖާ ކުރި ޓްވީޓެއްގައި ބުންޏެވެ.

އަދި މިއުޒިކް އިންޑަސްޓްރީގައި ހަމަޖެހިގެން އުޅެވިދާނެ ކަމަށް ގަބޫލު ކުރެވުނީ އޮޅުމަކުން ކަމަށް އޭނާ ބުންޏެވެ.

ޑޯޖާގެ ޓްވީޓަށް ފަހު އޭނާ ވަނީ އޭނާގެ ނަން ވެސް "އައި ކުއިޓް" އަށް ޓުވިޓާގައި ބަދަލުކޮށްފަ އެވެ.

ފޭނުންގެ އުނދަގުލާ ގުޅިގެން ޑޯޖާ އެކި ފަހަރު މަތިން ސޯޝަލް މީޑިއާ އިން ބްރޭކެއް ނަގާފައިވެ އެވެ. އެކަމަކު މި ފަހަރަކީ ނެގީ ބްރޭކެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.