ތިން ޕޮއިންޓުގެ ލީޑަކާ އެކު ބަޔާން ޗުއްޓީ އަށް
ތިން ޕޮއިންޓުގެ ލީޑަކާ އެކު ބަޔާން ޗުއްޓީ އަށް

މިއުނިކް (ޑިސެމްބަރު 22) – ޖަރުމަން ލީގުގެ ދެ ވަނައިގައި އޮތް ރެޑްބުލް ލީޕްޒިގް އަތުން 3-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައި، ބަޔާން މިއުނިކުން ފިނި މޫސުމުގެ ޗުއްޓީ އަށް ގޮސްފި އެވެ.

ބަޔާނުގެ އެލިއަންޒް އެރީނާގައި ރޭ ކުޅުނު މެޗާ ކުރިމަތިލިއިރު ދެ ޓީމަށް ވެސް އޮތީ 36 ޕޮއިންޓް ލިބިފަ އެވެ. ބަޔާން ކުރީގައި އޮތީ ގޯލް ތަފާތުންނެވެ. އެކަމަކު އަލަށް ލީގަށް ޕްރޮމޯޓްވެ، އެންމެން ހައިރާންކޮށްލާފައިވާ ލީޕްޒިގް އަތުން ހޯދި މޮޅާ އެކު ބަޔާން އެއް ވަނައިގައި މިހާރު އޮތީ 39 ޕޮއިންޓާ އެކު އެވެ.

ބަޔާން މިއުނިކަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ 17 ވަނަ މިނެޓުގައި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ތިއާގޯ އަލްސަންޓްރާ އެވެ. ދެ ވަނަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ޒާބީ އޮލޮންސޯ އެވެ. އަލުން އަރައިގަތުމަށް ލީޕްޒިގަށް މައްސަލަތަކެއް ދިމާވީ 30 ވަނަ މިނެޓުގައި އެ ޓީމުގެ އެމިލް ފޯސްބާގަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ. ސީދާ ރަތެއް ދައްކައި އޭނާ ދަނޑުން ފޮނުވާލީ ބަޔާނުގެ ކެޕްޓަން ފިލިޕް ލާމް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. ބަޔާނުން ތިން ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮބަޓް ލެވޮންޑޮސްކީ އެވެ. ދެ ވަނަ ހާފުގައި ލެވޮންޑޮސްކީ އަށް ރަނގަޅު ދެ ފުރުސަތު ލިބުނެވެ.

މިއީ ޖަރުމަނުގެ މަތީ ޑިވިޝަނުގައި އަލަށް ވާދަކުރީ ލީޕްޒީގް މި ސީޒަނުގައި ބަލިވި ދެ ވަނަ މެޗެވެ. މަޝްހޫރު އެނާޖީ ޑްރިންކް ކުންފުނި ރެޑްބުލް އިން 2009 ވަނަ އަހަރު އެ ކްލަބް ގަނެ ނަން ބަދަލުކޮށްފައިވާއިރު، އެ ކްލަބް ވަނީ ހަތް އަހަރު ތެރޭ ހަތަރު ޕްރޮމޯޝަން ހޯދައިފަ އެވެ. އޮސްޓްރިއާގެ ކޯޗު ރާފް ހެޒެންހަޓްލްސްގެ އިރުޝާދުގެ ދަށުން ނުކުމެ އެ ޓީމު ވަނީ ލީގުގައި ކުޅުނު ފުރަތަމަ 15 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޑް އަތުން ހޯދި މޮޅު ވެސް ހިމެނެ އެވެ.

ފިނި މޫސުމުގެ ޗުއްޓީ އަށް ފަހު ޖަރުމަން ލީގު އަލުން ފަށާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.