07 ޖޫން 2016 - 09:28

މިލާން (ޖޫން 7) - އިޓަލީގެ ގަދަބާރު އިންޓަ މިލާނުގެ މެޖޯރިޓީ ހިއްސާ ޗައިނާގެ ކުންފުންޏަކުން ގަނެފި އެވެ.
ޗައިނާގެ ސުނިން ކޮމާސް ގްރޫޕުން އިންޓަގެ 68.55 ޕަސެންޓް ހިއްސާ ގަތީ 280 މިލިއަން ޔޫރޯއަށެވެ. ބާކީ 31 ޕަސެންޓް ހިއްސާ އޮންނާނީ އެ ކްލަބް މިދިޔަ ތިން އަހަރު ހިންގި އިންޑޮނީޝިއާގެ ބިލިއަނަރު އެރިކް ތޯހިރު އަތުގަ އެވެ. ކްލަބް 1995 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި އަދި ފަހުން މައިނޯރިޓީ ހިއްސާ އޮތް މަސިމޯ މޮރާޓީ ވަނީ މިހާރު ކްލަބް އެއްކޮށް ދޫކޮށްލައިފަ އެވެ.
ސުނިން އަކީ ޗައިނީސް ލީގުގެ ޖިއަންސޫ ސުނިން ހިންގަމުން އަންނަ ކުންފުންޏެވެ. ޗެލްސީގެ ރަމިރޭޒް 25 މިލިއަން ޔޫރޯ އަށް އެ ކްލަބުން ގަނެފައިވާއިރު، އިންޓަ އަށް ވެސް ބޮޑު އަގުގައި ކުޅުންތެރިން ގަންނާނެ ކަމަށް ސުނިން އިން ބުނެ އެވެ.
އެ ކުންފުނިން އިންޓަގެ މެޖޯރިޓީ ކޮންޓްރޯލް ނެގި ނަމަވެސް މެނޭޖްމަންޓަށް ބަދަލެއް ނާންނާނެ އެވެ. ކްލަބުގެ ކޯޗުގެ މަގާމުގައި ރޮބާޓޯ މަންޗިނީ ދެމި ހުންނައިރު އިރު ޗީފް އެގްޒެކެޓިވްގެ މަގާމުގައި ދެން ވެސް ހުންނާނީ މައިކަލް ބޮލިންބްރޯކެވެ.
އިންޓައާ ވާދަވެރި އޭސީ މިލާން ގަތުމަށް ވެސް ޗައިނާގެ ކޮންސޯޓިއަމަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ކްލަބް މިހާރު ހިންގަނީ އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އެވެ.
ޔޫރަޕުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އިންޓަ 2011 ވަނަ އަހަރަށް ފަހު ވަނީ ބަލިކަށިވެފަ އެވެ.