26 މާޗް 2022 - 18:34

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަހަރަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ފާސްކޮށްފި އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުން ވޯޓް ދީގެން ފާސް ކުރި ބަޖެޓްގައި ހަރަދުވާނެ ކަމަށް ލަފާ ކޮށްފައި ވަނީ 47 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކުރާނީ މިއަހަރު ރާއްޖެއިން ބައިވެރިވާ ގޭމްސްތަކަށެވެ. މިއަހަރު ރާއްޖެއިން ވާދަކުރާ ފަސް ގޭމެއް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ގޭމްސްތަކަށް ހަރަދު ވާނީ 36 މިލިއަން ރުފިޔާ އެވެ.
- ކޮމަންވެލްތު ގޭމްސް
- އޭޝިއަން ގޭމްސް
- އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
- އޭޝިއަން ޔޫތު ގޭމްސް
- ޗިލްޑްރަންސް އޮފް އޭޝިއާ ގޭމްސް
އެމްއޯސީގެ ސެކެރެޓްރީ ޖެނަރަލް ތަމޫހް އަހްމަދު ސައީދު، ވިދާޅުވި ގޮތުގައި ރަޝިއާގައި ބާއްވަން ތާވަލުކޮށްފައި ޗިލްޑްރަންސް އޮފް އޭޝިއާ ގޭމްސް ކެންސަލް ކުރާނެ ކަމުގެ އިޝާރާތެއް ޗިލްޑްރަންސް އޮފް އޭޝިއާ އިންޓަނޭޝަނަލް ސްޕޯޓްސް ގޭމްސް ކޮމިޓީން ވަނީ ދީފަ އެވެ. ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެގައުމުގައި ބާއްވަން ހަމަޖައްސާފައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ވަނީ އެގައުމުގެ އަތުން ނަގައިފަ އެވެ.
"އެކަމަކު އަޅުގަނޑުމެން ބަޖެޓް އެކުލަވާލީ ޗިލްޑްރަންސް އޮފް އޭޝިއާ ގޭމްސް އަށް ހިނގާނެ ކަމަށް ބެލެވޭ ހަރަދުތައް ހިމަނައިގެން،" ތަމޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަޝިއާގައި ބަދަލުގައި އެހެން ގައުމެއްގައި ގޭމްސް ބާއްވާނެ ކަމަށް ތައްޔާރަށް ތިބުމަކީ ވެސް މުހިންމު ކަމެކެވެ. ގޭމްސް އަށް ހިނގާނެ ހަރަދު ބޮޑުވާނެ ސަބަބެއް ކަމަށް ތަމޫ ވިދާޅުވީ މިއަހަރު ގޭމްސްތަކުގެ ޓީމު އިވެންޓްތަކުގައި ރާއްޖެއިން ބައިވެރިވާ ޓީމުތައް ގިނަވުމެވެ.
އޭޝިއަން ގޭމްސް އާއި ކޮމަންވެލްތު ގޭމްސްގެ ޓީމު އިވެންޓްތަކުގައި ރާއްޖެއިން ބައިވެރިވާނެ އެވެ. ޖުލައި މަހު ފަށާ ކޮމެންވެލްތު ގޭމްސް އަށް މިހާރު ޓީޓީ އަންހެން ޓީމު ވަނީ ކޮލިފައި ވެފަ އެވެ.
އޮލިމްޕިކް ކޮމިޓީން ކުރިން ބުނެފައި ވަނީ ޗައިނާގައި ސެޕްޓެމްބަރު މަހު ބާއްވާ އޭޝިއަން ގޭމްސްގައި ރާއްޖެއިން ބޮޑު ކޮންޓިންޖެއްޓެއް ބައިވެރިވާނެ ކަމަށެވެ.
"މިހާތަނަށް ރާއްޖެއިން ގޭމްސްއެއްގައި ބައިވެރިވާ އެންމެ ބޮޑު ކޮންޓިންޖެންޓް ފެންނާނީ އޭޝިއަން މިއައހަރު ގޭމްސްގައި،" އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ ރެފްރީ ހުސައިން މުހައްމަދު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަކަށް ހަމަޖެއްސިކަން އިއުލާންކޮށް އެމްއޯސީން އާންމު ކުރި ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖެއިން މިހާތަނަށް މެޑަލް ހޯދި ދެ ގޭމްސް ކަމަށްވާ، ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަންނަ އަހަރު އޮންނާނެ އެވެ. ކުރިން ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މިހާރު ބާއްވާގޮތަށް ހަމަޖެހިފައި ވަނީ މަޑަގަސްކަރައިގަ އެވެ. މަޑަގަސްކަރަ އަށް ގޭމްސް ބަދަލު ކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގޭމްސް ބޭއްވެން ނެތް ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފައި ވުމުންނެވެ.