ލޯންގޭގެ އަމާޒަކީ ހުރިހާ މެޗެއް ކާމިޔާބުކުރުން
ލޯންގޭގެ އަމާޒަކީ ހުރިހާ މެޗެއް ކާމިޔާބުކުރުން

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނޭޕާލާ ދެކޮޅަށް ނުކުންނައިރު ޓާގެޓަކީ ކޮންމެ މެޗަކުން ވެސް މޮޅުވެގެން ރަން މެޑަލް ހޯދުން ކަމަށް ރާއްޖެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނެފި އެވެ.

"ޑްރޯ އިނީ ރަނގަޅަށް. އެއީ ކުރިން ވެސް ބަލިކޮށްފައި އިން ޓީމަކާ ފުރަތަަމަ މި ޖެހެނީ. އެހެންވިޔަސް އޯވަ ކޮންފިޑެންސް ވެގެން ނުވާނެ. އެއީ ނޭނގެ ބުނާކަށެއް އެމީހުން ޓީމު މި ފަހަރު އޮންނާނެ ގޮތެއް. އެ ޓީމު އޮތީ ވަރަށް ބަދަލުވެފައި،" ލޯންގޭ ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ބަންގްލަދޭޝްއާ ވާދަކޮށް ރާއްޖެ ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ވަނީ ފަސޭހަކަމާ އެކު މޮޅުވެފަ އެވެ.

ލޯންގޭ ބުނީ މޮޅަކާ އެކު މުބާރާތް ފެށުން މުހިއްމު ކަމަށެވެ.

"ފުރަތަމަ މެޗުން މޮޅުވުން ވަރަށް މުހިއްމު. ނޭޕާލް އަތުން ކުރިން މޮޅުވެފައި އޮތުމަކީ މި މެޗަށް ނުކުންނައިރު ޓީމު ކޮންފިޑެންސާ އެކު ކުޅެލަން ލިބޭ ހިތްވަރެއް،" ލޯންގޭ ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތުން ފައިނަލުގައި ރާއްޖެ ބަލިވީ ތުރުކަމަނިސްތާން އަތުންނެވެ. ރާއްޖެ ޓީމުން ވަނީ މި މުބާރާތަށް ތައްޔާރުވުމަށް ސްރީ ލަންކާގައި ޓްރެއިނިން ކޭމްޕެއް ކުރިޔަށް ގެންގޮސްފަ އެވެ. ލޯންގޭ ބުނީ މި މުބާރާތުގައި އެއްވެސް މެޗެއް ފަސޭހަވާނެ ކަމަށް ނުދެކޭ ކަމަށެވެ.

"މުބާރާތަކަށް ނުކުންނައިރު ދެކެން ޖެހޭނީ ކޮންމެ ޓީމަކީ ވެސް އުނދަގޫ ޓީމެއް ގޮތަށް. ހުރިހާ މެޗަކުން މޮޅުވެގެން ގޯލްޑް ނެގުން އަމާޒަކީ. ވަކި ޓީމަކަށް ބަލާއިރު ކިރްގިސްތާނުގެ އިސްކޮޅާއި ބްލޮކާއި ރަނގަޅުވާނެ. ދެން އަފްގާނިސްތާނާއި ނޭޕާލް ދާދި އެއްވަރެއްގައި އުޅޭނީ،" ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ ލޯންގޭ ބުންޏެވެ.

ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 17:00 ގަ އެވެ.