ޑްރަގްގެ މައްސަލާގައި ހައްޔަރު ކުރި މީހާ ޕީއެންސީގެ ކައުންސިލުން ވަކިކޮށްފި
ޑްރަގްގެ މައްސަލާގައި ހައްޔަރު ކުރި މީހާ ޕީއެންސީގެ ކައުންސިލުން ވަކިކޮށްފި

މާލޭގެ ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދި މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ އިދިކޮޅު ޕީއެންސީގެ ކައުންސިލްގެ މެމްބަރު، އެ ޕާޓީގެ ކައުންސިލުން މިއަދު ވަކިކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ޑްރަގްގެ މައްސަލާގައި ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ހުސައިން، ޕީއެންސީގެ ކައުންސިލުން ވަކިކޮށް، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ޕާޓީގެ ސިޔާސަތުތަކާ ހިލާފުވެ، ގާނޫނާ ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު ޕީއެންސީގެ އަސާސީ ގަވައިދުން ލިބޭ ކަމަށް އެ ޕާޓީން ބުނެ އެވެ. އަދި އަހުމަދުގެ މައްސަލަ ބަލައި އަވަހަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ވެސް ޕީއެންސީން ގޮވައިލި އެވެ.

މާފަންނު ގެއެއްގައި ވަޅުލާފައި ހުރި 42 ކިލޯގެ ހިރޮއިން އަތުލައިގަތީ އިއްޔެ ރޭ މެންދަމުގެ ވަގުތެއްގައި ފުލުހުން ހިންގި ހާއްސަ ސާޗް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެ މަސްތުވާތަކެތި ހުރީ ތަޅުންގަނޑުގެ އަޑީގައި ވަޅުލައިފަ އެވެ. އެ ތަކެތި ފެނުނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓްގެ އޮފީސް ކުރިމަތީގައި ހުރި ގެއަކުންނެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިނޫޅެ އެވެ.