ޔުކްރޭނަށް ހަމަލާ ދެވުނީތީވެ ރަޝިޔާ އަދި ހިތާމަކުރާނެ: އެމެރިކާ
ޔުކްރޭނަށް ހަމަލާ ދެވުނީތީވެ ރަޝިޔާ އަދި ހިތާމަކުރާނެ: އެމެރިކާ

ވޮޝިންޓަން (މާޗް 26) - ޔުކްރޭނަށް އަރައިގަނެ ހަނގުރާމަ ފެށުނީތީވެ ރަޝިޔާ އަދި ފަހުން ހިތާމަކުރާނެ ކަމަށް އެމެރިކާގެ އަންޑަ ސެކްރެޓަރީ އޮފް ޑިފެންސް ފޯ ޕޮލިސީ ކޮލިން ކާލް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހަނގުރާމަ ފެށިއިރަށް ވުރެ ބަލިކަށިކޮށް ރަޝިޔާ އަދި ފެންނާނެ ކަމަށެވެ.

"އަސްކަރީ ގޮތުން ބަލިކަށިވެ، އިގްތިސާދީ ގޮތުން ބަލިކަށިވެ، ސިޔާސީ އަދި ޖިއޯޕޮލިޓިކަލީ ވެސް ބަލިކަށިވެ ވަރަށް ބޮޑަށް އެކަހަރިވެގެން ދާނެ،" ކާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަނގުރާމަ ކުރާތާ މަހެއް ފާއިތުވެގެން ދިޔައިރު ރަޝިޔާގެ އެންމެ ޒަމާނީ މިސަައިލްތައް ހުސްވަމުންދާ ކަމަށެވެ.

ހަނގުރާމައާ ގުޅޭ ތަފްސީލްތައް ރަޝިޔާ އިން ހާމަނުކުރި ނަމަވެސް އެމެރިކާ އިން ބުނި ގޮތުގައި، މިދިޔަ މަސްދުވަސްތެރޭ ރަޝިޔާ އިން ވަނީ ޔުކްރޭނަށް 11،00 އަށް ވުރެ ގިނަ ބޮން އަޅައިފަ އެވެ. އަދި ހަނގުރާމައިގައި މިވީ ދުވަސްތަކުގެ ތެރޭގައި ރަޝިޔާ ސިފައިންގެ 1،351 މީހުން މަރުވެ، 3،825 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް އޮފިޝަލަކު އިއްޔެ ވިދާޅުވި އެވެ. ނަމަވެސް ޔުކްރޭނުން ބުނެފައި ވަނީ ރަޝިޔާ ސިފައިންގެ 16،000 މީހުން މަރާލާފައިވާ ކަމަށެެވެ.