26 މާޗް 2022 - 10:51

މޮސްކޯ (މާޗް 26) - ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ އަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ގަބޫލް ކުރުމަކީ މޮޔަ ކަމެއް ކަމަށް އެ ގައުމުގެ ކުރީގެ ރައީސް އަދި ސެކިއުރިޓީ ކައުންސިލްގެ މިހާރުގެ ނައިބް ދިމިތުރީ މެޑްވެޑޭވް ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ރަޝިޔާގެ ވިޔަފާރިތަކަށެވެ. އޭގެ ތެރޭގައި ރަޝިޔާގެ މުދާތައް ބޮއިކޮޓް ކުރުމާއި ރަޝިޔާގައި ހިންގާ ބައިނަލްއަގުވާމީ ފިޔަފާރިތައް ހުއްޓާލުން ހިމެނެ އެވެ. އަދި ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުން އޮންނަ ބިލިއަނަރުންނަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
"މިއިން އެއްވެސް ވިޔަފާރިވެރިއެއްގެ ނުފޫޒް ރަޝިޔާ ސަރުކާރުގައި އޮވޭތަ؟ ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ ނޯންނާނެކަން،" ރަޝިޔާގެ ރިއާ ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި މެޑްވެޑޭވް ވިދާޅުވި އެވެ.
ނަމަވެސް ތަޖްރިބާކާރުން ގަބޫލްކުރާ ގޮތުގައި ރަޝިޔާގެ ބިލިއަނަރުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނެ އެވެ. ސަބަބަކީ އެ މީހުންގެ ވިޔަފާރި އަށް އަސަރުކުރަން ފެށުމުން ރަޝިޔާގެ ސިޔާސަތު ބަދަލުކުރަން ޕުޓިން އަށް ޕްރެޝަރު ކުރާނެތީ އެވެ.
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ރައްދުގައި މޮސްކޯ އިން ވެސް ދަނީ އެމެރިކާ އާއި ހުޅަނގާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.