22 ޑިސެމްބަރ 2016 - 10:00

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަރަމަ މެޗަށް ނުކުންނައިރު ރާއްޖެ އަކީ ނޭޕާލަށް ވުރެ މި ވަގުތަށް ބަލާއިރު މޮޅު ޓީމެއް ކަމަށް ނޭޕާލުގެ ކޯޗު ޖަގްދީޝް ބައްޓާ ބުނެފި އެވެ.
"ނޭޕާލާއި ރާއްޖެ އަކީ ފިޒިކަލީ އަދި އިސްކޮޅަށް ބަލާއިރު ދާދި އެއްވަރެއްގެ ދެ ޓީމު. އެކަމަކު މި މުބާރާތަށް ތައްޔާރުވާން ނޭޕާލަށް މާ ގިނަ ވަގުތެއް ނުލިބޭ. ރާއްޖޭގައި ތަޖުރިބާކާރު ކުޅުންތެރިން އެބަތިބި." ޖަގްދީޝް ބުންޏެވެ.
"ރާއްޖޭގެ ޓީމު މި މުބާރާތުގެ ކުރިން ވެސް މިއަހަރުގައި ގިނަ މުބާރާތްތަކުގައި ކުޅެފި. އެއީ އެޑްވާންޓޭޖެއް. އަހަރެންގެ ނަޒަރުގައި ނޭޕާލަށް ވުރެ ރާއްޖެ މޮޅު. އެކަމަކު އަހަރެމެން ދުލެއް ނުދީ ރަނގަޅު ވާދައެއް ކުރާނަން."
އޭނާ ބުނީ ފުރަތަމަ މެޗުގައި ރާއްޖެ އާއި ދެކޮޅަށް ނުކުންނައިރު އެއްވެސް ޓީމަކަށް އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
"ރާއްޖެ އާއި ނޭޕާލަކީ ވަސީލަތް މަދު ދެ ގައުމު. އެހެންކަމުން ބައިނަލްއަގްވާމީ ރަނގަޅު ކޯޓެއްގައި ކުޅޭއިރު މިއީ މި ދެ ޓީމަށް ވެސް އަމިއްލަ ގައުމުގައި ލިބިފައިވާ ވަސީލަތެއް ކަމަށް ނުވާތީ އެ ގޮތަށް ބަލާއިރު އެއްވެސް ޓީމަކަށް އެޑްވާންޓޭޖެއް ނެތް." ޖަގްދީޝް ބުންޏެވެ.
މި މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކަށް ވުރެން ނޭޕާލް އޮތް ހާލަތު ރަނގަޅު ނޫން ނަމަވެސް ދުލެއް ދޭން ބޭނުންނުވާ ކަމަށް ޖަގްދީޝް ވަނީ ބުނެފަ އެވެ.
"އެއް މަސް ދުވަހުގެ ތަމްރީންތަކެއް ކުރިއަށްގެންދެވުނީ. ވަރަށް އުނދަގޫ ހާލަތެއް ކުރިމަތިވި އަހަރެއް މިއީ. އެހެން ނަމަވެސް މުބާރާތަށް އާދެވުމުން ބޭނުން ކުޅުން ރަނގަޅުކޮށް ރަނގަޅު މަގާމެއްގައި ނިންމާލަން." އޭނާ ބުންޏެވެ.
މިދިޔަ އަހަރުގެ މުބާރާތާއި ހިލާފަށް މި ފަހަރު މުބާރާތް ކުރިޔަށްދާނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.
"މުބާރާތް ކުރިއަށްގެންދާ ފޯމެޓް ރަނގަޅު. ރައުންޑް ރޮބިން ސިސްޓަމަށް ކުޅޭއިރު ހުރިހާ ޓީމެއް ހުރިހާ ޓީމަކާ ދެކޮޅަށް ކުޅުމަކީ ގިނަ މެޗުތަކެއް ލިބޭނެ ކަމެއް،" ޖަގްދީޝް ބުންޏެވެ.
ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 17:00 ގަ އެވެ.