26 މާޗް 2022 - 10:41

ޑްރަގްގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ހުކުމްކޮށް، އޭގެ ފަހުން ޕެރޯލްގެ ދަށުން ދޫކޮށްލި މީހަކު ޑްރަގް ޓްރެފިކިންއާ ގުޅިގެން އަނެއްކާވެސް އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މއ. ނޫރުއް، އަބްދުﷲ ނަޝީދު، 46 އެވެ. އޭނާއަކީ ޑްރަގްގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށް ލާން ހުކުމްކުރި މީހެކެވެ.
ޑްރަަގް ޓްރެފިކިންގެ މައްސަލައިގައި އިއްޔެ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މަޖިލީހުގައި އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ނަޝީދަކީ ޕެރޯލްގެ ދަށުން ޝަރުތުކޮށް، ދޫކޮށްލާފައިވާ މީހެއް ކަމަށެވެ.
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ނަމަ އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމާ ގުޅޭ މައްސަލަތަކުގައި 10 ގްރާމަށް ވުރެ ދަށުން ހުކުމް ކޮށްފައިވާ މީހުންނާއި މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއް ނަމަ އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށް، ޕެރޯލްގެ ދަށުން އަދަބު ލުއިކޮށްދިނުމަށް އެދެވޭނެ އެވެ.
ޕެރޯލްގެ ދަށުން ޝަރުތުކޮށް ދޫކޮށްލާއިރު ވަކި ކަންކަމަކަށް ވެސް ޕެރޯލްގެ ބޯޑުން ޝަރުތުކުރެވޭނެ އެވެ.
އޭގެ ތެރޭގައި ގޭގައި ބަންދުކުރަން ނުވަތަ ދިރިއުޅޭ ސަރަހައްދުން ބޭރަށް ނުދިއުމަށް އެންގުމާއި ޕެރޯލްގެ މުއްދަތުގައި ކުށެއްގެ ތުހުމަތުގައި އޭނާ ހައްޔަރުނުކުރުމާއި ޕެރޯލް ބޯޑުން ކަނޑައަޅާ ވަކި ގަޑިތަކަކަށް ވަކި ކަންތައްތަކެއް ކުރުން ހިމެނެ އެވެ.
އެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ ޕެރޯލް ސަސްޕެންޑުކުރާނެ އެވެ. އޭރުން އެ ގައިދީއަކު ޖެހޭނީ، އަލުން ޕެރޯލް މުރާޖައާ ކުރަންދެން އެނބުރި ޖަލަށް ދާށެވެ. ނަމަވެސް، ޕެރޯލް ބާތިލްކުރާތާ ހަ މަސް ވަންދެން ގައިދީއަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެ އެވެ.