26 މާޗް 2022 - 00:21

މޮސްކޯ (މާޗް 26) - ޔުކްރޭން ހަނގުރާމައިގެ ފުރަތަމަ ފޭސް ނިމިއްޖެ ކަމަށް ރަޝިޔާ އިން މިއަދު އިއުލާންކޮށްފި އެވެ.
ރަޝިޔާ ސިފައިންގެ މެއިން އޮޕަރޭޝަނަލް ޑައިރެކްޓަރޭޓް އޮފް ޖެނެރަލް ސްޓާފުގެ ވެރިޔާ ސާގީ ރުޑްސްކޮއި ވިދާޅުވީ ހަނގުރާމައިގެ ފުރަތަމަ ފޭހުގެ މައިގަނޑު މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި ސިފައިން ދެން ފޯކަސް ކުރާނީ ޔުކްރޭނުގެ އިރުމަތީގެ ޑޮންބާސް ސަރަހައްދު މިނިވަން ކުރަން ކަމަށެވެ.
"ޔުކްރޭނުގެ އަސްކަރިއްޔާގެ ބާރު މިހާރު ދަށްކުރެވިއްޖެ. ޔުކްރޭން ސިފައިން ބަލިކަށި ކުރުމުގެ ބޭނުމަކީ ހަނގުރާމައިގެ މައިގަނޑު މަގްސަދު ހާސިލް ކުރުން. އެއީ ޑޮންބަސް މިނިވަން ކުރުން،" އޭނާ ވިދާޅުވި އެވެ.
ޖެނެރަލް ވިދާޅުވީ ޔުކްރޭންގެ ވައިގެ ސިފައިންނާއި އެންޓި-އެއާކްރާފްޓް ދިފާއު އަދި ކަނޑުގެ ސިފައިންގެ ބާރު ރަޝިޔާގެ ހަމަލާތަކުގައި ބަލިކަށިކޮށްލާފައިވާ ކަމަށެވެ.
ރަޝިޔާ އިން ޔުކްރޭނަށް އަރައިގަތްތާ އެއްމަސް ދުވަސްވީއިރު މޮސްކޯގައި އޮފިޝަލުން ވަނީ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ލިބުނު ގެއްލުމުގެ ތަފްސީލް މިއަދު ހާމަކޮށްފަ އެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މަސް ދުވަސްތެރޭ ރަޝިޔާ ސިފައިންގެ 1،351 މީހުން މަރުވެ، 3،825 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ނަމަވެސް ޔުކްރޭނުން ބުނެފައި ވަނީ ރަޝިޔާ ސިފައިންގެ 15،000 މީހުން މަރާލާފައިވާ ކަމަށެެވެ.