ރަޝިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފި ނަމަ ނޭޓޯ އިން ރައްދު ދޭނެކަމުގެ އިންޒާރު ދީފި
ރަޝިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފި ނަމަ ނޭޓޯ އިން ރައްދު ދޭނެކަމުގެ އިންޒާރު ދީފި

ޕޮލެންޑް (މާޗް 25) - ޔުކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފި ނަމަ ނޭޓޯ އިން ރައްދުދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވައިފި އެވެ.

އެކުވެރި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ޔޫރަޕަށް ކުރައްވާ ދަތުރުފުޅުގައި އުޅުއްވަމުން ބައިޑަން މި އިންޒާރު ދެއްވި ނަމަވެސް، ނޭޓޯ އިން އަޅާނެ ފިޔަވަޅެއްގެ ތަފްސީލެއް ނުދެއްވަ އެވެ. އަދި ބައިޑަންގެ މި އިންޒާރު އައިސްފައި ވަނީ ޔުކްރޭނާ ދެކޮޅަށް ރަޝިޔާ އިން ދޭ ހަމަލާތަކާ ދެކޮޅަށް ހުޅަނގުގެ ލީޑަރުންގެ އެއްބައިވަންތަކަން ދެއްކުމަށް ބްރަސެލްސްގައި އިމަޖެންސީ ސަމިޓެއް ބާއްވާފައި ވަނިކޮށެވެ.

ބައިޑަން މިއަދު ވަޑައިގެންނެވި ޕޮލެންޑަށް ވަނީ ޔުކްރޭނުގެ ދެ މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ހިޖުރަކޮށްފަ އެވެ.

ޔުކްރޭނާ ދެކޮޅަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފި ނަމަ ނޭޓޯ އިން އަސްކަރީ ރައްދެއް ދޭނެތޯ ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ ނޭޓޯ އިން ރައްދު ދޭނެ ކަމަށެވެ. އަދި ރައްދު ދޭނެ މިންވަރެއް ބިނާވާނީ ކެމިކަލް ހަތިޔާރު ބޭނުންކުރާ ނިސްބަތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިޔާ އިން ޔުކްރޭނަށް އަރައިގެންތާ ފަސް ވަނަ ހަފުތާ އަށް އަޅާފައިވާ އިރު ރަޝިޔާ އިން ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް ހަތިޔާރު ބޭނުންކުރަން ތައްޔާރުވަމުންދާ ކަމަށް ހުޅަނގުގެ ގައުމުތަކުން ވަނީ އިންޒާރު ދީފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ޕުޓިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފި ނަމަ ވަރަށް ނުރައްކާވާނެ ކަމަށް ވިދާޅުވެފަ އެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގު ވިދާޅުވީ ކެމިކަލް ހަތިޔާރުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.

ރަޝިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފި ނަމަ އެމެރިކާ އާއި އެކުވެރި ގައުމުތަކުން ރައްދު ދޭނެ ގޮތެއް ކަނޑައެޅުމަށް ވައިޓް ހައުސް އިން ވަނީ ނޭޝަނަލް ސެކިއުރިޓީ ޓީމެއް އެކުލަވާލައިފަ އެވެ.