25 މާޗް 2022 - 20:04

މި ސަރުކާރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 1.2 ބިލިއަން ރުފިޔާ މި އަހަރު ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ތިން މަސް ތެރޭ އެންމެ ބޮޑު ހޭދައެއް ކުރީ ދަތުރުފަތުރުގެ ނިޒާމުގެ ޕްރޮޖެކްޓްތަކަށެވެ. ދަތުރުފަތުރުގެ ނިޒާމުތަކުގެ ޕްރޮޖެކްޓުތަކަށް 378 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަރުދަމާގެ ޕްރޮޖެކްޓްތަަށް 208 މިލިއަން ރުފިޔާ ހޭދަކުރި އިރު ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކުނި މެނޭޖް ކުރުމުގެ މަޝްރޫއުތަކަށް 186 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 628 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެހެންވެ މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ މިދިޔަ އަހަރަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތައް ދިނުމުގައި އިސްކަން ދޭނީ ދިވެހި ކުންފުނިތަކަށް ކަމަށް ފިނޭންސް އިން މިދިޔަ އަހަރުގެ ބަޖެޓު އިއުލާނުކުރި އިރު ބުނެފައިވެ އެވެ. ދިވެހި ކުންފުނިތަކަށް ހަމައެކަނި ކުރިމަތިލެވޭ ގޮތަށް ޕްރޮކިއުމެންޓް ޕޮލިސީ އަށް ބަދަލު ގެންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމަށް މި އަހަރުގެ ބަޖެޓުގައި 6.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.