25 މާޗް 2022 - 12:11

އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ކ. ތުލުސްދު އަށް ގޮސް އުޅުނު އިޓަލީގެ ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "މިހާރު" އަށް ވިދާޅުވީ ގެނބިގެން މަރުވީ އުމުރުން 72 އަހަރުގެ އިޓަލީ ފިރިހެނެއް ކަމަށެވެ. އޭނާ ގެނބުނީ އެ ރަށުގެ އިރުމަތީ ފަރާތު މޫދަށް އެރި އުޅެނިކޮށެވެ.
"އެއީ ވަރަށް ތިލަކޮށް އޮންނަ ސަރަހައްދެއް އެކަމަކު، އެ ދިމާލުގައި އިނދޭ ވަރަށް ބާރަށް ކަނޑަށް އޮއި ދަމާ ކެނަލްއެއް. އެ ދިމާލުން އޭނާ ގެނބުނީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓުގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ.
ޗުއްޓީއަށް ތުލުސްދުއަށް އޭނާ ދިޔައީ އަންހެނުންނާއި ދަރިންނާ އެކުގަ އެވެ.