ރޯދައަށް ހާއްސަ ނައިޓް މާކެޓް ހޯމަ ދުވަހު ފަށަނީ
ރޯދައަށް ހާއްސަ ނައިޓް މާކެޓް ހޯމަ ދުވަހު ފަށަނީ

ރޯދަ އަށް ހާއްސަކޮށް މާލޭ ސިޓީ ކައުންސިލުން ބާއްވާ ނައިޓް މާކެޓް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިިފި އެވެ.

ރޯދައަށް ހާއްސަ ނައިޓް މާކެޓް ހޯމަ ދުވަހު ފަށަނީ
ރޯދައަށް ހާއްސަ ނައިޓް މާކެޓް ހޯމަ ދުވަހު ފަށަނީ

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ، އުސްފަސްގަނޑުގައި ބާއްވާ ނައިޓް މާކެޓްގެ އިންތިޒާމުތައް ހަމެޖެއްސުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މައި ފިޗުއާ ޕްރައިވެޓް ލިމިޓެޑާ މިހާރު އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ނައިޓް މާކެޓްގައި ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް މޭޒު ވިއްކުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖަހާއިރު، ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ ގޯތިތެރޭގަ އެވެ.

އެ ނައިޓް މާކެޓް 10 ދުވަހަށް ކުރިއަށް ގެންދާނެ އެވެ. އެއީ ރޯދައިގެ ފުރަތަމަ ހަތަރު ދުވަސް ވެސް ހިމެނޭ ގޮތަށެވެ.

ސިޓީ ކައުންސިލުން އަންނަނީ ރޯދަ މަހަށް ހާއްސަކޮށްގެން، މާލޭގެ ދެ ސަރަހައްދެއްގައި މޭވާ އާއި ތަރުކާރީ ވިއްކަން ވަގުތީ މާރުކޭޓްތަކެއް ވެސް ހުޅުވަން ތައްޔާރުވަމުންނެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު އެ މާރުކޭޓްތައް ހުޅުވާނީ ދަރުބާރުގޭގެ އިރަށް އޮންނަ ހުސްބިމުގަ އާއި ރަސްފަނު ޕާކިން ޒޯނުގަ އެވެ.

އާ އަހަރާ ދިމާކޮށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި މާލޭގައި ނައިޓް މާކެޓެއް ބާއްވައިފަ އެވެ.