ޖަރުމަނުގައި ކާރު ފެކްޓަރީ ހުޅުވަމުން އީލޮން މަސްކް ނަށައިފި
ޖަރުމަނުގައި ކާރު ފެކްޓަރީ ހުޅުވަމުން އީލޮން މަސްކް ނަށައިފި

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްގެ ކާރު ކުންފުނި ޓެސްލާގެ ފެކްޓަރީއެއް ޖަރުމަނުގައި ހުޅުވައި، އެ ފެކްޓަރީގެ ފުރަތަމަ ކާރު ޑެލިވަރީކުރަން ގޮސް އޭނާ ނަށާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބަޔަކަށް އެކަން މާ ކަމުގޮސްފި އެވެ.

އޭނާ އަކީ އާންމުކޮށް އެހެން އިވެންޓްތަކުގައި ވެސް ނަށާ އުޅޭ މީހެކެވެ.

ޖަރުމަނުގައި ހުޅުވި ފެކްޓަރީ އަކީ ޓެސްލާ އިން ޔޫރަޕުގައި ހުޅުވި ފުރަތަމަ ފެކްޓަރީ އެވެ. އެ ކުންފުނީގެ ފެކްޓަރީތައް ދެން ހުންނަނީ އެމެރިކާ އާއި ޗައިނާގަ އެވެ.

ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ޓެސްލާގެ ޖަރުމަނު ފެކްޓަރީގެ ފުރަތަމަ 30 ކާރު އޭގެ ވެރިންނަށް ޑެލިވާކުރި ވަގުތު އީލޮން ނަށާތަން ފެނުނެވެ.

އެ ފެކްޓަރީ ހުޅުވުމުން ޖަރުމަނުގެ ބައެއް މީހުން އެކަމާ ނުރުހި، އެތަނާ ގާތުގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އެމީހުން ބުނާ ގޮތުގައި އެ ފެކްޓަރީން މާ ގިނައިން ފެން ބޭނުންކުރާނެ އެވެ. އަދި އެތަން ހެދުމަށް ވަރަށް ގިނަ އަދަދެއްގެ ގަސްތައް ކަނޑާފައިވުމުން ވެސް އެމީހުން ހިތްހަމަނުޖެހެ އެވެ.

ޓެސްލާއިން އުއްމީދުކުރާ ގޮތުގައި ޖަރުމަނުގެ ފެކްޓަރީން އަހަރަކު 500،000 ވެހިކަލް އުފައްދާނެ އެވެ.