22 ޑިސެމްބަރ 2016 - 07:49

"ވެށިފަހި މާލެ" މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާން ކުރި ފްލެޓަށް މީގެ އަހަރުތަކެއް ކުރިން ފޯމް ހުށަހެޅީ ދާއިމީ ބޯހިޔާވަހިކަމެއް ނެތިގެން ފްލެޓެއް ހޯދުމަށެވެ. ފްލެޓްތައް މިހާރު ހުރީ ނިމި، އެ ތަންތަނަށް މީހުން ވަންނަން ތައްޔާރު ވެފަ އެވެ. ފްލެޓްތައް ލިބޭ މީހުންނަށް ފްލެޓްތައް ދައްކާ ވެސް ލައިފި އެވެ. އެކަމަކު އެމީހުން މި ވަގުތު އެންމެ ބޭނުމީ ފްލެޓެއް ނޫނެވެ. ހަތަރު ލައްކަ ރުފިޔާ އެވެ.

އެކައުންޓްގައި 21،000 ރުފިޔާ ރައްކާކޮށްގެން ހަސަން އިންތިޒާރު ކުރަމުން އައީ، އަނބިމީހާ އާއި ފަސް ދަރިންނާ އެކު އެ ފްލެޓަށް ބަދަލުވެވޭނެ ދުވަހަކަށެވެ. އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގަ އާއި ގާކޮށި ހުރި ބިމުގައި ބިންގާ އެޅި ފްލެޓްތައް ބިމުން މައްޗަށް އަރަމުން ދިޔަ ވަރަކަށް ހަސަން އާއި އޭނާ ފަދައިން ފްލެޓަށް އެދި ފޯމް ހުށަހެޅި އެތައް ބަޔަކު، އެ މަސައްކަތް ކުރިއަށް ދާ ގޮތް ކޮންމެ ދުވަހަކު ބަލަމުން ދިޔަ އެވެ.

ނަމަވެސް މިއަދު ހަސަންގެ ހިތުގައި ފްލެޓަށް ވުރެ ބޮޑަށް އޮތީ 400،000 ރުފިޔާގެ ވިސްނުމެވެ. ފްލެޓްތަކަށް އެދި ހުށަހެޅި އިރު، ސަރުކާރުން ނިންމާފައި އޮތީ އެޑްވާންސަށް 21،000 ރުފިޔާ ދެއްކުމަށް ފަހު މަހަކު 9،000 ރުފިޔާ ދައްކަމުން ގޮސް 20 އަހަރުގެ ތެރޭގައި އަގު ދައްކައި ޚަލާސްކުރާ ގޮތަށެވެ. އެކަމަކު މިހާރު ފްލެޓަށް ދައްކަން ޖެހޭ އަގު ވަނީ ގިނަ މީހުންނަށް ނުކުޅަދާނަ ވަރަށް މަތިވެފަ އެވެ.

ސަރުކާރުން މިހާރު ހަމަޖައްސާފައި އޮތް ގޮތުން ފްލެޓްގެ ތަޅުދަނޑި ލިބެން އޮތީ، ފްލެޓްގެ އަގު ކަމަށްވާ ދެ މިލިއަން ރުފިޔާގެ 20 ޕަސެންޓް (400،000 ރުފިޔާ) ބޭންކަށް ދެއްކުމުންނެވެ. އެ ފައިސާ ބޭންކަށް ދެއްކުމުން، އެ މީހަކަށް ދޫކުރާ ދެ މިލިއަން ރުފިޔާގެ ލޯނު، ފްލެޓަށް ދައްކަން ޖެހޭ އަގުގެ ގޮތުގައި އެ ބޭންކުން އެޗްޑީސީ އަށް ގަނޑުކޮށް ދައްކާނެ އެވެ. އެއަށް ފަހު، އެ ދެ މިލިއަން ރުފިޔާ ބޭންކުގެ އިންޓްރެސްޓާ އެކު ވިހި އަހަރުގެ ތެރޭގައި އަނބުރާ ދެއްކުމަކީ ފްލެޓް ލިބޭ މީހާގެ ޒިންމާއެކެވެ.

އެހެންކަމުން ގުރުއަތު ލައިގެން ފްލެޓްތަކަށް ހޮވުނު މީހުން މިހާރު ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އެއް ބަޔަކު ސަރުކާރުގެ އިދާރާތަކަށް ސިޓީތަކާއި ޕެޓިޝަންތަކާއި އާދޭސްތައް ހުށަހަޅަމުން ދަނީ ފްލެޓްތަކުގެ އަގު ކުޑަ ކޮށްދިނުމަށް އެދި އެވެ. އަނެއް ބަޔަކު އެކި މީސްމީހުންގެ ގާތަށް ގޮސް ސަލާން ޖަހަނީ، ޑައުންޕޭމަންޓަށް ދައްކަން ޖެހޭ ހަތަރު ލައްކަ ރުފިޔާ ހަމަކުރުމަށެވެ.
މި ފްލެޓްތަކުން ފްލެޓެއްގެ އަގު ތިން މިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ. ފްލެޓްތައް ހަދާފައި ހުރި ފެންވަރު ދަށް ކަމުގެ އިތުރުން، ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ދޫކުރާ ފްލެޓްތަކަކަށް ބަލާއިރު، އެ އަގު ކިތަންމެ ބޮޑަސް 15 އަހަރުގެ ތެރޭގައި އަގު ދައްކައި ޚަލާސްކުރާ ގޮތަށް އޮތުމަކީ ލިބުނު ލުޔެއް ނޫނެވެ. ނަމަވެސް ސުވާލަކީ، ޑައުންޕޭމަންޓުގެ ގޮތުގައި އެއްފަހަރާ 400،000 ރުފިޔާ ދައްކާފައި، ލޯނު އަދާ ކުރުމަށް މަހަކު 17،000 ރުފިޔާ ބޭންކަށް ދެއްކޭނީ، ފްލެޓް ލިބުނު މީހުންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟
"ހަމަ ގައިމު ވެސް އަހަންނަކަށް ނުދެއްކޭނެ. މަށާއި ފިރިމީހައާ ދެ މީހުންނަށް ލިބޭ މުސާރަ އެއްކޮށްލީމާ މަހަކު 21،000 ރުފިޔާ ހަމައެއްނުވޭ. ދެން ދެމަފިރިންނާއި ތިން ކުދިންނާ ކައިބޮއެފައި، ކަރަންޓާއި ފެނާއި ފޯނުގެ ޚަރަދުތައް ކަނޑާފައި 17،000 ރުފިޔާ ބޭންކަށް ދައްކާނެ ގޮތެއް ބުނެ ބަލަ،" ފްލެޓަށް ގުރުއަތުން ހޮވުނު، ތިން ކުދިންގެ މަންމައަކު ބުންޏެވެ.
"މިހާ އަގު ބޮޑު އަދި މިހާ ގިނަ ފައިސާ އެއްފަހަރާ ދައްކަން ޖެހޭ ފްލެޓަކަށް ނޫން އަޅުގަނޑުމެން ކުރިމަތިލީކީ. ސަރުކާރުން ވައުދުވެފައި އޮތީ އެޑްވާންސަށް 21،000 ދައްކާފައި މަހަކު 9،000 ދައްކާ ގޮތަށް. ވައުދެއް ވެއްޖެއްޔާ، ސަރުކާރުން ވެސް އެ ވައުދަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ. އެއީ ކުރީ ސަރުކާރުގެ ނިންމުމެކޭ މިހާރު ސަރުކާރުގެ ނިންމުމެއް ނޫނޭ ބުނުމަކީ ޒިންމާދާރު ގޮތެއް ނޫން."
އަމިއްލަ ކުންފުންޏެއްގައި ޓެކްނީޝަނެއްގެ ވަޒީފާގައި އުޅޭ މީހަކު ބުނި ގޮތުގައި އޭނާ އަށް ލިބޭ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހޯދާނެ ގޮތަކާ މެދު މިހާރު ހުރީ ގޮތް ހުސްވެފަ އެވެ. އެހެންކަމުން ފްލެޓްގެ އަގު ކުޑަކޮށްދިނުމަށާއި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް އެދި އެކި ފަރާތްތަކަށް މިހާރު ދަނީ ސިޓީތަކާއި ޕެޓިޝަންތައް ހުށަހަޅަމުންނެވެ.
މި ފްލެޓްތަކަށް ހޮވުނު ބައެއް މީހުންނަކީ، މުސާރައިގެ އިތުރުން ރިސްކް އެލަވަންސާއި އިތުރު ގަޑި އާއި އެހެން އިނާޔަތްތައް އެއްކޮށްލުމުން ވެސް މަހެއްގެ އާމްދަނީ 14،000 ރުފިޔާ ހަމަނުވާ މީހުންނެވެ. އެފަދަ އެކަކު ބުނި ގޮތުގައި ސަރުކާރުން ރައްޔިތުންނާ މެދު އެއްވެސް އޯގާތެރިކަމެއް ހުރި ނަމަ، މިހާ ބޮޑު އަގެއް ކަނޑައެއްނާޅާނެ އެވެ.
"އަޅުގަނޑު މިހާރު ވެސް މި އުޅެނީ 8،000 ރުފިޔާ އަށް ތަނެއް ކުއްޔަށް ހިފައިގެން. ޚަރަދުތައް ހަމަޖައްސަނީ ކޮންމެ މަހަކު ވެސް ކޮންމެވެސް މީހެއްގެ އަތުން ފައިސާކޮޅެއް ދަރަންޏަށް ނަގައިގެން. އެ ދަރަނި އަދާކުރަން އަނެއްކާ އެހެން މީހެއްގެ އަތުން ފައިސާކޮޅެއް ހޯދަނީ. އެހާ ނިކަމެތި ހާލުގައި އަޅުގަޑުމެން ދިރިއުޅެމުން މިދަނީ. ހެޔޮ އަގެއްގައި ދޭން ބުނެގެން ކުރިމަތިލި ފްލެޓްތަކެއްގެ އަގު މިހާ ވަރަށް ބޮޑުކޮށްލަން ހެޔޮވާނެތޯ؟ އަޅުގަނޑުމެންނާ މެދު އެއްވެސް ރަހުމެއް ނެތެއް ނޫންތޯ ސަރުކާރުގެ!" ސަރުކާރުގެ އޮފީހެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.
އެހެން މީހަކު ބުނި ގޮތުގައި އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ، ތިމާގެ މީހުންނާއި ރައްޓެހިންގެ އަތުން ފައިސާ ހޯދައިގެން 400،000 ރުފިޔާ ހަމަކުރެވޭތޯ އެވެ.
"އެ ގޮތަށް އެ ފައިސާކޮޅު ހޯދިދާނެ ދަރަންޏަށް ނަގައިގެން. ދެން އެކަމު މަހަކު 17،000 ރުފިޔާ ދައްކަން ކޮން ތާކުންތޯ ފައިސާ ހޯދާނީ؟ އެކަމު މި ފްލެޓް ދޫކޮށްލާކަށް ބޭނުމެއް ނޫން. ދާއިމީ ބޯހިޔާވަހިކަމެއް ލިބޭނެ އެއްވެސް ގޮތެއް ނެތް،" ގާކޮށިން ލިބޭ ފްލެޓް ބަލައިލަން އިއްޔެ އެ ފްލެޓަށް ޒިޔާރަތް ކުރުމަށް ފަހު އެކަކު އޭނާގެ ހާލަތު ބަޔާންކޮށްދިނެވެ.
"އަޅުގަނޑަކީ މާލޭގެ ވަޒަންވެރިއެއް. ބައްޕަގެ ގޯތި ބައްޕަގެ ކުދިންގެ މެދުގައި ބަހައިލީމާ ކުއްޖަކަށް 300 އަކަފޫޓު ހަމައެއް ނުވޭ. ދެން އަޅުގަނޑުގެ ތިން ދަރިންނާއި އަނބިމީހާ ގޮވައިގެން އެ ގޭގައި އުޅޭނެ ގޮތެއް ނިކަން ބުނެ ބަލަ! މާލޭގެ ވަޒަންވެރިންނަށް ވާތީ އެހެން ރަށަކުން ވެސް ގޯތިގަނޑެއް ދެނީކީ ނޫން. ދެން ދިރިއުޅޭނެ ގޮތެއް ބުނެ ބަލަ!"
އެހެން މީހަކު ބުނި ގޮތުގައި އޭނާގެ ކުރިމަތީގައި މިހާރު އޮތް ހަމައެކަނި ގޮތަކީ އާމްދަނީ ހޯދުމަށްޓަކައި ޓެކްސީކުރާ ކާރު ވިއްކައިލުމެވެ.
"އަޅުގަނޑު މި އުޅޭ ތަނުގެ ކުއްޔާއި ގޭގެ ޚަރަދުތަކާއި ކުދިންގެ ކިޔެވުމުގެ ކަންތައް މި ހަމަޖައްސަނީ ޓެކްސީކޮށްގެން ލިބޭ އެއްޗަކާ އަންހެނުންނަށް ލިބޭ ކުޑަ ފައިސާކޮޅު އެއްކޮށްލައިގެން. މި ކާރު ވިއްކާލައިފިއްޔާ އާމްދަނީގެ ދޮރު އެއްކޮށް ބަންދުވީ. ލިބޭ އާމްދަނީ ކުޑަވެފައި ކުރަން ޖެހޭ ޚަރަދުތައް ބޮޑުކަމުން، އެއްވެސް އެއްޗެއް ފަހަށް ރައްކާކުރެވެނީކީ ނޫން. ދެން ހަދާނެ ގޮތެއް ބުނެބަލަ! މި ހިރީ ހަމަ ގޮތް ހުސްވެފައި،" ފްލެޓް ލިބޭ މީހަކު އަސަރާ އެކު އޭނާގެ ހާލަތު ކިޔައިދިނެވެ.
ދެން އޮތީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ޑައުންޕޭމަންޓް ދެއްކުމެވެ. އެކަމަކު ވަޒީފާއެއް އަދާނުކޮށް އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހުންގެ އޮންނާނީ ކޮން ޕެންޝަން ފަންޑެއް ހެއްޔެވެ؟ ފްލެޓަށް ހޮވިފައި ތިބި ބައެއް މީހުންގެ ފަރާތުން އެނގުނު ގޮތުގައި، އޭގެ ތެރެއިން ބައެއް މީހުންގެ ޕެންޝަން ފަންޑުގައި 50،000 ރުފިޔާ ވެސް ހަމަނުވެ އެވެ. އެކަމަކު އާއިލާގެ އެކަކަށް ވުރެ ގިނަ މީހުންގެ ޕެންޝަން ފަންޑުން ފައިސާ ނެގުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
"އެއީ ވެސް އެއް ބަޔަކަށް އޮތް ފުރުސަތަކަށް ވެދާނެ. އަޅުގަނޑުގެ އާއިލާގައި އެބަ ތިބި ޕެންޝަން ފަންޑުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުރި ހަތަރު މީހުން. އެކަމަކު އޭގެ ތެރެއިން އެކަކު ވެސް ފަންޑުގައި އެއް ލައްކަ ރުފިޔާ ހިޔެއް ނުވޭ ހުންނާނެ ހެނެއް. އެމީހުންގެ މުސާރަ އެހާ ކުޑަ، އަނެއްކާ ވަޒީފާ އަދާކުރަން ފެށީ ވަރަށް ފަހުން. އެ ފަންޑުން ވެސް މި ލިބެނީ އޭގެ ވަކި ޕަސެންޓެއް ހެން ހީވަނީ. އެހެންވީމަ، ހަތަރު މީހުންގެ ޕެންޝަން ފަންޑުން ވެސް އެ ފައިސާ ހަމައެއް ނުކުރެވޭނެ،" ފްލެޓަށް ހޮވުނު އެކަކު ބުންޏެވެ.
ފްލެޓަށް ގުރުއަތުން ހޮވުނު ގިނަ މީހުންގެ ހާލަކީ މި އެވެ. ގުރުއަތުން ނަސީބު އަތުގައި ހިފައިގެން ހިނިތުންވެލާނެމޭ ހިތައި ލޯ ހުޅުވައިލި އިރު، ފްލެޓްގެ އަގު އައިސް މި ހިފީ އެ މީހުންގެ ކަރުގަ އެވެ. ޑައުންޕޭމަންޓުގެ މިންވަރު ކުޑަކޮށް ފްލެޓްގެ އަގު ވެސް ކުޑަވެގެން ނޫނީ އެ މީހުންނަށް ހަމަ ނޭވާ ލެވޭކަށް ނެތެވެ. ރައްޔިތުންގެ އަޑު އަހާ ސަރުކާރުން އެ މީހުންގެ އެ އަޑު ވެސް އަހާނެ އެވެ.