25 މާޗް 2022 - 07:08

ބޮލީވުޑްގެ ތަރި ޝާހް ރުކް ހާނުގެ އަންހެން ދަރިފުޅު، ސުހާނާ ޚާން އާއި ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރްގެ އިތުރުން އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންޑާ އެއް ފިލްމަކުން ބޮލީވުޑަށް ތައާރަފުކުރަން ނިންމައިފި އެވެ.

ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ "ދަ އާޗީސް" ގެ ޝޫޓިންތައް މިފަހުން ފަށާފައިވާއިރު، އެ ތިން "ސްޓާ ކިޑްސް" ޝޫޓިންތަކުގައި އުޅެނިކޮށް ފެންނަ ފޮޓޯތަކެއް ލީކުވެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމަކީ ލައިވް އެކްޝަން މިއުޒިކަލް ފިލްމެކެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ސުހާނާ އާއި ހުޝީ އެކުގައި އެމީހުންގެ "ލުކް ޓެސްޓް" އަށް ދަނިކޮށެވެ.
އުމުރުން 21 އަހަރުގެ ސުހާނާ ހުރީ ކަކުލާ ހިސާބަށް އަރާ ވަރަށް ބާރު ކަޅު ހެދުމެއްގަ އެވެ. އަދި އޭގެ މަތިން މަޑު ނޫކުލައިގެ ކުރު ޖެކެޓެއް ލައިގެންނެވެ. އެންމެންގެ ސަމާލުކަން ލިބުނީ ހުޝީ ހެދުން އަޅާފައި ހުރި ގޮތުންނެވެ.
އަތްދިގު ހުދު ކުލައިގެ ގަމީހެއްގެ މަތިން ދޫ ސްވެޓާއެއް ލައިގެން ހުށީ ހުރިއިރު، ތިރިން އޭނާ ލައިގެން ހުރީ ދޫ ސްކާޓެކެވެ. އަދި ކޮނޑާ ހިސާބަށް އިސްތަށިގަނޑު ހަދާފައި ހުރީ އޭނާ އާންމުކޮށް ފެންނަ ގޮތާ ވަރަށް ތަފާތުކޮށެވެ.
ލުކް ޓެސްޓަށް އަގަސްތުޔާ ވެސް ދިޔައިރު، އެމީހުން ބޮލީވުޑަށް ނިކުންނަ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ވަގުތު އަގަސްތުޔާގެ މަންމަ އަދި އަމީތާބުގެ އަންހެން ދަރިފުޅު ޝްވެތާ އާއި އޭނާގެ އަންހެން ދަރި، ނަވްޔާ ނަންޑާ ވެސް ހުއްޓެވެ.
އެ ފިލްމު ނެރެނީ ނެޓްފްލިކްސް މެދުވެރިކޮށެވެ.
ކަރަން ޖޯހަރު މި ކުދިން ބޮލީވުޑަށް ނެރެން އުޅޭ ކަމުގެ އަޑުގަދަވެފައިވަނިކޮށް އެއް ފިލްމަކުން ތިން ތަރިން ފިލްމީ ދާއިރާ އަށް ނިކުންނަން ނިންމިއިރު، އެ ފިލްމު ނެރޭނެ ދުވަހެއް އަދި ނޭނގެ އެވެ.