24 މާޗް 2022 - 17:55

ލ. ގަމުގެ ގޮނޑުދޮށް ހިމާތްކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އެވެ.
އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރީ 11.52 މިލިއަން ރުފިޔާ އަށެވެ.
އެ މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރަން 30 މީޓަރުގެ ރިވެޓްމަންޓް ޖަހައި 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 10،007 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާނެ އެވެ.
އެމްޓީސީސީން އެ މަސައްކަތާ ހަވާލުވީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ ކުންފުނިން މިހާރު ވެސް އަންނަނީ އެކި ރަށްތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ބިނން ހިއްކުމާއި ބަނދަރު ހެދުމާއި މަގު ހެދުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ.