25 މާޗް 2022 - 07:03

ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ އާ ސީޒަން ވަރަށް ދިގުވާނެ ކަމަށް އޭގެ ޕްރޮޑަކްޝަނުން ބުނެފި އެވެ.
ތިންވަނަ ސީޒަން އަށް ފަހު އެ ސީރީޒް ބްރޭކަށް ދިޔައީ 2019 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއްވީ އިރު، ފޭނުން ތިބީ ހަތަރު ވަނަ ސީޒަނަށް ކެތްމަދުވެފަ އެވެ.
ސީރީޒްގެ ޕްރޮޑިއުސަރުން ކަމަށްވާ މަޝްހޫރު ޑަފާ ބްރަދާސް ދާދިފަހުން ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ބުނީ އާ ސީޒަންގައި ނުވަ އެޕިސޯޑް ހިމެނޭނެ ކަމަށެވެ. އެއީ ދެވަނަ ސީޒަންގައި ވެސް ގެނެސްދިން އެޕިސޯޑްގެ އަދަދެވެ. ނަމަވެސް ކުރީގެ އެޕިސޯޑުތަކާ އަޅާ ބަލާއިރު، އާ ސީޒަންގެ އެޕިސޯޑުތައް ދެގުނަ ދިގުވާނެ ކަމަށް އެމީހުން ބުންޏެވެ.
ސްޓްރޭންޖާ ތިންގްސްގެ ކުރީގެ ސީޒަންތަކުގެ އެޕިސޯޑުތަކުގެ ދިގުމިން އުޅެނީ ގާތްގަނޑަކަށް ގަޑިއިރަކާ ގާތުގަ އެވެ. އެހެންވީމާ އާ ސީޒަންގެ އެޕިސޯޑެއްގެ ދިގުމިން ދެ ގަޑިއިރާ ގާތްކުރާނެ އެވެ.
އާ ސީޒަން ނެރުމަށް ހަމަޖެހިފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި މެއި މަހުގެ 27ގައި ނެރޭއިރު، ދެވަނަ ބައި ނެރޭނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުގަ އެވެ.
އެ ސީރީޒް ނުނެރެވި ލަސްވަނީ އެޕިސޯޑުތައް ދިގުކަމުން އޭގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން ކަމަށް ޑަފާ ބްރަދާސް ބުންޏެވެ.