ޔޫކްރޭން މައްސަލައިގައި ނޭޓޯ ބައްދަލުކުރަނީ
ޔޫކްރޭން މައްސަލައިގައި ނޭޓޯ ބައްދަލުކުރަނީ

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ނޭޓޯގެ އެންމެ އިސް ވެރިން މިއަދު، ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ބައްދަލު ކުރައްވާނެ އެވެ.

ޔޫކްރޭން މައްސަލައިގައި ނޭޓޯ ބައްދަލުކުރަނީ
ޔޫކްރޭން މައްސަލައިގައި ނޭޓޯ ބައްދަލުކުރަނީ

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ރޭ ވަނީ ބްރަސެލްސް އަށް ވަޑައިގެންފަ އެވެ. އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ-7)ގެ ވެރިން ވެސް (ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ފިޔަވައި) މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް އެއް މަސް ފުރި، މިއަދު ދެ ވަނަ މަސް ގުނަން ފަށާފައިވާ އިރު، މިއަދު ބާއްވާ ނޭޓޯގެ މަހާސިންތާގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ، ރަޝިޔާ ޒިންމާދާރުކުރުވައި ހަނގުރާމަ ހުއްޓުވާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.

ރައީސް ބައިޑެން އިއްޔެ ޔޫރަޕަށް މި ފެއްޓެވި ދަތުރުގައި ހަތަރު ދުވަސް ހޭދަކުރައްވާ އިރު، ނޭޓޯގެ އިތުރުން ޖީ-7ގެ ވެރިންނާ އެކުގައި ވެސް މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ އެވެ. އަދި ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުގެ ވެރިންނާ އެކުގައި ވެސް، ޔޫކްރޭން ހަނގުރާމައިގެ މައްސަލައިގައި މަޝްވަރާ ކުރައްވާނެ އެވެ.

ބައިޑެން ޔޫރަޕަށް ވަޑައިގަތުމުގެ ދަތުރު ފެއްޓެވުމުގެ ކުރިން، އެމެރިކާގެ ހާރިޖިއްޔާ އިން އިއްޔެ ވަނީ، ރަޝިޔާ ސިފައިން ޔޫކްރޭންގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ރަސްމީކޮށް ކަނޑައަޅައިފަ އެވެ.

ނޭޓޯގެ މަހާސިންތާއާ ގުޅޭ ގޮތުން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ހެންސް ސްޓޯލެންބާގް ވިދާޅުވީ، ޔޫރަޕްގެ އިރުމަތީ ސަރަހައްދަށް ނޭޓޯގެ އިތުރު ސިފައިން ފޮނުވުމާ މެދު މިއަދު ގޮތެއް ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އިރު، މިހާތަނަށް ރަޝިޔާގެ 7،000 އާއި 15،000 އާ ދެމެދުގެ އަދަދެއްގެ ސިފައިން މަރުވެފައިވާ ކަމަށް، ނޭޓޯގެ އަސްކަރީ އޮފިޝަލުން ވިދާޅުވެ އެވެ.