24 މާޗް 2022 - 11:55

ޗެއާޕާސަންގެ އިންތިހާބާ އެކު އެމްޑީޕީގެ ދެ ފަޅީގެ އަރައިރުން ބޮޑުވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ގާނޫނީ މަސައްކަތުގައި ގިނަ ދުވަސް ހޭދަކުރެއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވެސް ކެމްޕޭންގައި އޭނާ ހުންނެވި ގޮތް އިއްޔެ ހާމަކުރައްވައިފި އެވެ.

ހިސާންގެ ފޮޓޯތަކުން ފެނުނު ގޮތުގައި "ގަދަކޮށް" އޭނާ ހުންނެވީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ އެކުގަ އެވެ. އެމްޑީޕީ އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ޒިންމާއާ ހަވާލުވެވަޑައިގަތުމަށް ފައްޔާޒް ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކުގަ އެވެ.

އެމްޑީޕީ މެމްބަރުންގެ ތާއީދު ހޯއްދެވުމަށް ފައްޔާޒްގެ ޓީމުން ރަށްތަކަށް ކުރައްވާ ދަތުރުގައި އިއްޔެ ތުޅާދު އަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ހިސާން އެވެ. ތުޅާދޫގެ ސަޕޯޓަރުންނާ އެކު ބައްދަލުވުންތައް ބޭއްވުމަށް ފަހު ހިސާން ގެންދަވަނީ، ބ. އަތޮޅުގެ އެހެން ރަށްތަކަށް ވެސް ފައްޔާޒްއާ އެކު ދަތުރުކުރައްވަމުންނެވެ.
ގާނޫނީ މަސައްކަތްތަކުގެ އިތުރުން ސިޔާސީ ކަންކަމުގައި ވެސް ނަޝީދާ ގާތްބޭފުޅެއްގެ ގޮތުގައި ފެނިވަޑައިގެންނެވި ހިސާން ފައްޔާޒްގެ ފަޅިއަށް އެރުއްވި ސަބަބާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ. ކެމްޕޭންގައި ފާޅުގައި ހިސާން ނުކުންނެވުމުގެ ކުރިން ބައެއް މީހުންނަށް ހީވެފައި އޮތީ އޭނާގެ ތާއީދު އޮތީ ނަޝީދުގެ ކެންޑިޑޭޓް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ކަަމަށެވެ.
އެކަމަކު ފައްޔާޒްގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވިދާޅުވީ ކެމްޕޭން ފެށުނީއްސުރެން ވެސް ހިސާން ހުންނެވީ ފައްޔާޒްއާ އެކުގައި ކަމަށެވެ. ތާއީދު ހޯއްދެވުމަށް ނުކުންނެވި ތަން ފެނުނީ އެ ދާއިރާއަށް ވަޑައިގަތުމުން ކަމަށް ވިދާޅުވި އެވެ.
"މި ދާއިރާގެ ތަރުހީބު ވެސް ބޮޑު، އަޅުގަނޑުމެން ކެމްޕޭން ބ. އަތޮޅުގައި ހިނގާއިރު މިހާރު މިތިބީ 82 ވަނަ ރަށުގައި،" އޭނާ ވިދާޅުވި އެވެ.
އިބުރޭ ފާހަގަކުރެއްވި ގޮތުގައި ހިސާންގެ ފިރިކަލުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވެސް ހުންނެވީ ފައްޔާޒްއާ އެކުގަ އެވެ. އޭނާ ވަނީ އައްޑޫ ދަތުރުގައި ބައިވެރިވެވަޑައިގެން ކެމްޕޭން ކުރައްވައިފަ އެވެ.
ފައްޔާޒްގެ ކެމްޕޭންގައި ހިސާން އުޅުއްވިއަސް ސަބަބެއް މިހާތަނަށް ވިދާޅެއް ނުވެ އެވެ.
އެމްޑީޕީ ދެ ފަޅި ހާމައަށް ފެންނަން މިހާރު އޮތް އިރު، އިންތިގެ ކެމްޕޭންގައި ފެންނަނީ ނަޝީދާ އަރިސް މެމްބަރުންނެވެ. އޭގެ ތެރޭގައި މަޖިލިސް ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހުގެ ގިނަ މެމްބަރުން ފައްޔާޒާ އެކީގައި ކެމްޕޭން ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ކެމްޕޭން ހޫނުވެ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް އަމާޒުކުރެ އެވެ. ފައްޔާޒްގެ ކެމްޕޭންގައި ނުފޫޒާއި ބާރު ބޭނުންކުރާ ކަމުގެ ތުހުމަތު އިންތިގެ ޓީމުން އަޅުވަ އެވެ. މިކަން ދޮގުކޮށް، ފައްޔާޒް ނުކުންނެވީ 16 އަހަރު އެމްޑީޕީ ޑިމޮކްރެޓިކް އަސާސްތަކާ އެއްގޮތަށް ނުހިގައި އޮންނާތީ "ހިންގާލަން" ކަމަށާއި އެ މަގްސަދުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ނިޔަތެއް ނެތް ކަމަށް ވެސް އެ ޓީމުން ބުނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮތީ، މެއި 14، ގަ އެވެ.