24 މާޗް 2022 - 09:37

މީގެ ހަ އަހަރު ކުރިން އައްޑޫގެ ވިޔަފާރިވެރިޔަކު މަރާލި މައްސަލާގައި ދައުވާ ލިބުނު މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އިއްޔެ ހުކުމްކުރި އިރު، އެ ހުކުމުގެ މުއްދަތަށް އޭނާ ބަންދުގައި ހުރެފައި ވާތީ ހުކުމާ އެކު މިނިވަން ވެއްޖެ އެވެ.
ހިތަދޫގައި ފިހާރައެއް ހިންގި އަލީ އަބްދުﷲ މަރާލައި، ޗަސް ބިމަކަށް އެއްލާލާފައި އޮއްވައި ފެނުނު މައްސަލާގައި، އޭނާ މެރުމުގައި އެހީވެފައި ވާތީ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރީ މުހައްމަދު ޝިފާޒް ކިޔާ މީހަކަށެވެ. އޭނާ އަކީ ވެސް ހިތަދޫ މީހެކެވެ.
ޝިފާޒަށް މި ދައުވާކުރީ އަލީ އަބްދުﷲ މަރާލުމުގެ ކުށް މީގެ ކުރިން ސާބިތުވެފައިވާ އަހްމަދު އިބްރާހިމް ދީދީ ބުނެގެން، ހިތަދޫ ސްކޫލް ކައިރިއަށް އަލީ އަބްދުﷲ ގެންގޮސްފައި ވާތީ އެވެ. އަލީ އަބްދުﷲ މަރާލާފައި ވަނީ އެތަނަށް ގެންދިއުމަށް ފަހު އޭނާގެ ކަރުގައި ވާގަނޑެއް އޮޅައި ބާރުކޮށްގެން އަހްމަދު އިބްރާހިމް ދީދީ އެވެ.
މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ޝިފާޒް ވަނީ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދައިފަ އެވެ. ނަމަވެސް އޭގެ ކުރިން ވެސް އޭނާ ވަނީ ތަހުގީގުގައި ކުށަށް އިއުތިރާފްވެ ކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީ ތަހުގީގަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައި ކަމަށް ހުކުމުގައިވެ އެވެ.
އިއުތިރާފް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދައުލަތުން ބުންޏަސް ޝަރީއަތް ފެށުމުން ޝިފާޒް ވަނީ ދައުވާއަށް އިންކާރުކޮށް، އޭނާގެ ފަރާތުން ދެން ވާހަކަ ދައްކާނީ ވަކީލެއް ކަމަށް ބުނެފަ އެވެ. އަދި ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ވެސް ނޯންނާނެ ކަމަށާއި އެއްބަސްވުމެއް އޮތަސް އެއަށް އިންކާރުކުރާ ކަމަށް ވެސް ބުންޏެވެ.
އިއުތިރާފް އެއްބަސްވުމެއް ހެދި ނަމަވެސް އެއަށް އިންކާރުކުރާ ހިސާބުން ދެން ޝަރީއަތް ކުރިއަށް ގެންދާނީ އާންމު އުސޫލުން ކަމަށްވާތީ ޝަރީއަތް ހިންގީ އިއުތިރާފަށް ނުބަލައި ދެ ފަރާތުން ވެސް ހެކި ހުށަހަޅައިގެންނެވެ.
ޝަރީއަތުގައި ދައުލަތުން ބުނީ އަހްމަދު އިބްރާހިމް ދީދީ ބުނި ގޮތަށް، މެންދަމުން އަލިވެ 3:00 ހާއިރު، މީހުން ނޫޅޭ ފަޅު ހިސާބަކަށް އަލީ އަބްދުﷲ ގެންގޮސްދޭން ޝިފާޒަށް 30،000ރ. ހުށަހެޅި ކަމަށާއި ޝިފާޒް އެކަން ކޮށްދިނީ 50،000ރ. ދޭނެ ކަމަށް ބުނުމުން ކަމަށެވެ. އެހެންވެ މިކަމުން ވެސް ކުށް ކުރުމުގެ ނިޔަތް ޝިފާޒްގެ ކިބައިގައި އޮތްކަން އެނގޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ހެކިބަސް ދިން ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މި ފައިސާ ވަނީ ޝިފާޒް ތަހުގީގުގައި އެއްބަސްވެ އެ ހުރި ތަން ވެސް ދައްކާފައި ކަމަށެވެ. އަދި ޝިފާޒް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ އަލީ އަބްދުﷲ ސްކޫލް ކައިރިއަށް ގެންދިޔައީ އަލީ އަބްދުﷲގެ ސައިކަލްގައި ރައްޓެއްސެއްގެ ކައިރިއަށް ގެންގޮސްދޭށޭ ބުނެ އޮޅުވާލައިގެން ކަމަށެވެ. އަދި އެ ހިސާބަށް ދިއުމާ އެކު ހިތަދޫ ސްކޫލް އިރުއުތުރު ފަރާތަށް އޮންނަ އަލަ އޮޅާ ދިމާލު ވަލުތެރެއިން އަހްމަދު އިބްރާހިމް ދީދީ އާއި މޫނު ނިވާކޮށްގެން، ހުދުކުލައިގެ ރަބަރު އަންގިތަކެއް ލައްވައިގެން ތިބި އިތުރު ދެ މީހަކު ނުކުތް ކަމަށެވެ.
ޝިފާޒްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މޫނު ނިވާކޮށްގެން ތިބި މީހުން ވެސް ފަހުން މޫނުން ފޮތިގަނޑު ނެގި އެވެ. އެއީ ވެސް ދަންނަ ދެ މީހުން ކަމަށާއި އެކަމަކު އެ މީހުން ވަނީ އެ ވާހަކަ އެއްވެސް މީހަކު ގާތު ބުނެފި ނަމަ މަރާލާނެ ކަމުގެ އިންޒާރު ދީފައި ކަމަށް ވެސް ބުނެފައިވެ އެވެ. ޖެހިގެން އައި ދުވަހު އަހްމަދު އިބްރާހިމް ދީދީ ޝިފާޒްއާ ބައްދަލުކޮށް ފައިސާ ދިން ކަމަށާއި އެއްވެސް މީހަކު ގާތު އެ ވާހަކަ ދައްކައިފި ނަމަ އަލީ އަބްދުﷲ އަށް ހެދިހެން ހަދާނެ ކަމަށް ބުނި ކަމަށް ވެސް ބަޔާނުގައި އޮތެވެ.
މަރާލި މީހާގެ ފިހާރަ ކަމަށްވާ "ޓޫވޭވް" އިން މި މައްސަލާގައި ދައުވާ ލިބުނު މީހުން، އަލީ އަބްދުﷲގެ މަރަށް ފަހު ނުކުންނަނިކޮށް ފެނުނު މީހުން ވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ.
ކުރިން މި މައްސަލަ ބެއްލެވި ގާޒީ ބަދަލުވެ، މައްސަލަ ކުރިއަށް ނުގޮސް އޮންނަތާ އެތައް ދުވަހެއް ފަހުން ގާޒީ ސަފްއަތު ހަބީބް ކުރެއްވި ހުކުމުގައި ވަނީ ޝިފާޒްގެ މައްޗަށް ކުރި ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި މި ކުށުގެ އަދަބެއްގެ ގޮތުން ހަ އަހަރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. ނަމަވެސް ތަހުގީގު މަރުހަލާއިން ފެށިގެން ޝިފާޒް ހުރީ ބަންދުގައި ކަމަށް ވާތީ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އޮންނަ ގޮތަށް އެ މުއްދަތު ގުނުމުން ހުކުމުގެ މުއްދަތު ހަމަވެފައި ވާތީ، ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށް ހުކުމް ކުރެއްވީ އެވެ.