ޓެކްޓިކަލް ހުނަރުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ވަރަށް ޝައުގުވެރި: ބަންގްލަދޭޝްގެ ކޯޗު
ޓެކްޓިކަލް ހުނަރުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ވަރަށް ޝައުގުވެރި: ބަންގްލަދޭޝްގެ ކޯޗު

ރާއްޖޭގެ ކުޅުންތެރިންގެ ޓެކްޓިކަލް ހުނަރު މުއްސަނދިވުމުގެ ސަބަބުން ރާއްޖޭގައި ފުޓްބޯޅަ ކުޅޭ ގޮތް އޭނާ އަށް ވަރަށް ޝައުގުވެރި ކަމަށް ބަންގްލަދޭޝްގެ ކޯޗު ހާވީއާ ކަބްރޭރާ މިއަދު ބުނެފި އެވެ.

ޓެކްޓިކަލް ހުނަރުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ވަރަށް ޝައުގުވެރި: ބަންގްލަދޭޝްގެ ކޯޗު
ޓެކްޓިކަލް ހުނަރުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ވަރަށް ޝައުގުވެރި: ބަންގްލަދޭޝްގެ ކޯޗު

ޖެނުއަރީގައި ބަންގްލަދޭޝްގެ ކޯޗު ކަމާ ހަވާލުވި، ކަބްރޭރާގެ ކޯޗު ކަމުގެ ދަށުގައި އެޓީމު ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކަބްރޭރާ ބުނީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި މީގެ ކުރިން ވެސް އޭނާ މަސައްކަތް ކޮށްފައިވުމުން ރާއްޖޭގެ ފުޓްބޯޅަ ވެސް އޭނާ އަށް ވަރަށް ފަރިތަ ކަމަށެވެ.

"ނިއު ރޭޑިއަންޓްގައި މަސައްކަތް ކުރި އޮސްކާ [ބުރުޒޮން ބަރޭރަސް] އަކީ އަހަރެންގެ ގާތް ރައްޓެއްސެއް. ދެކުނު އޭޝިއާގައި މަސައްކަތް ކުރީމާ އަހަރެން އަބަދު ވެސް ބަލަމުންދަން އޭއެފްސީ ކަޕްގައި ކުޅޭ ރާއްޖޭގެ ކްލަބްތައް. މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ކުޅުން ވެސް އަހަރެން ދިޔައީ ފޮލޯ ކުރަމުން،" އިންޑިއާގެ ސްޕޯޓިން ގޯއާގައި އޮސްކާގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ކްބްރޭރާ ބުންޏެވެ.

"އަހަރެން ދިޔައީ ރާއްޖޭގެ ލީގު ވެސް ފޮލޯ ކުރަމުން. ދިވެހި ކުޅުންތެރިންގެ ޓެކްޓިކަލް ހުނަރު މުއްސަނދި ވުމުން އަހަންނަށް ރާއްޖޭގެ ފުޓްބޯޅަ ފެންނަނީ ވަރަށް ޝައުގުވެރިކޮށް."

ކަބްރޭރާ ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ބަންގްލަދޭޝްގެ ޓީމުން ސަމާލުކަން ދޭންޖެހޭނެ ވަރަށް ގިނަ ކުޅުންތެރިން އެބަތިބި ކަމަށެވެ.

"ރާއްޖެއަކީ ވަރަށް ވަރުގަދަ ޓީމެއް. ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއް،" ކަބްރޭރާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ކޯޗުގެ ގޮތުގައި ޓީމަށް އިރުޝާދު ދިނީ އޮސްކާ އެވެ. ތަޖުރިބާކާރު ދިވެހި ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބަންގްލަދޭޝް އެފަހަރު ބަލި ކުރި އެވެ. ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި، ޑާކާ އަބަހާނީގެ ކޯޗު މާރިއޯ ލެމޯސްގެ ކޯޗުަމުގެ ދަށުގައި ބަންގްލަދޭޝްއިން ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. އެއީ 18 އަހަރު ތެރޭ ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

ހަ މަސް ދުވަސްތެރޭ، ބަންގްލަދޭޝްގެ ގައުމީ ޓީމު ގޮވައިގެން ރާއްޖެއާ ދެކޮޅަށް ނުކުންނަ ތިން ވަނަ ކޯޗް، ކަބްރޭރާ ބުނި ގޮތުގައި އޮސްކާ އާއި ލެމޯސް ކޮށްފައިވާ މަސައްކަތަކީ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު އޭނާ އަށް އޭގެއިން ފައިދާ ހޯދޭނެ މެޗުތަކެކެވެ.

އޮސްކާ އާއި ޑިޑަ [މާރިއޯ ލެމޯސް] ވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއްކޮށްފަ. އެ ދެކޯޗުން ކުރި މަސައްކަތަކީ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ރެފަރެންސެއްގެ ގޮތުގައި އަހަންނަށް ބޭނުން ކުރެވިދާނެ ކަންކަން،" ކަބްރޭރާ ބުންޏެވެ.

އެކަމަކު ބަންގްލަދޭޝްގެ ޓީމު އޭނާ ބައްޓަން ކުރަނީ އޭނާގެ އަމިއްލަ ސްޓައިލަށް ކަމަށް ސްޕެއިންގެ ބާސެލޯނާގެ ޔޫތު ޓީމުތަކުގައި ކުރިން މަސައްކަތް ކުރި ކޯޗު ބުންޏެވެ.