23 މާޗް 2022 - 18:09

އުރީދޫ މަސް ރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާތީ ބައިވެރިވާން ބޭނުންވާ ޓީމުތައް ރަޖިސްޓްރީ ކުރަން އެ ކުންފުނިން ހަނދާން ކޮށްދީފިއެވެ.
އެ މުބާރާތުގައި ބައިވެރިވާން އުރީދޫން ހުޅުވާލި ފުރުސަތު މިރޭ 12 އަށް ހަމަވާނެ އެވެ. އެ މުބާރާތުގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އުރީދޫ މަސް ރޭހަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މުބާރާތެކެވެ. ފާއިތުވި އަހަރުތަކުގައި އެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އުރީދޫން އެދެނީ މިއަހަރުވެސް ގިނަ ޓީމުތަކުން ބައިވެރިވުމެވެ. މިއީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާ އެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތެކެވެ.
މުޅި ރޯދަ މަހަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް އުރީދޫން ބާއްވަނީ ކޮވިޑާ ގުޅިގެން މުބާރާތް ނުބޭއްވޭތާ ދެ އަހަރު ފަހުންނެވެ.
އެ މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެ އެވެ. އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭ އިރު އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެ އެވެ.
މުބާރާތުގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ މެއި 1 ވަނަ ދުވަހު އެވެ. މަސް ރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު، އުސްފަސްގަނޑުގައި ބޮޑުބެރުގެ ހަރަކާތްތައް އޮންނާނެ އެވެ. މީގެ އިތުރުން ވަނަތައް ހޯދާ ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތު ވެސް އޮންނާނެ އެވެ.
ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުންނަށްވެސް ޓީމްތައް ހަދައިގެން މަސްރޭހުގައި ބައިވެރިވެވޭނެ އެވެ.