ސްކޫލްތަކުގައި ރޯދަ މަހު ކިޔަވައިދޭނީ ގިނަ ވެގެން ތިން ގަޑިއިރު
ސްކޫލްތަކުގައި ރޯދަ މަހު ކިޔަވައިދޭނީ ގިނަ ވެގެން ތިން ގަޑިއިރު

ސްކޫލްތަކުގައި މި ރޯދަ މަހު ކިޔަވައިދޭނީ ގިނަވެގެން ތިން ގަޑިއިރު ކަމަށް ހަމަޖައްސައި އެކަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

މިނިސްޓަރު، ޑރ. އައިޝަތު އަލީ ސޮއިކުރައްވައި މި މަހުގެ ހަތް ވަނަ ދުވަހު ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ވިދާޅުވީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކިޔަވައިދޭނީ ރޯދަ މަހުގެ ގަޑިތަކާ އެއްގޮތަށް ކަމަށެވެ.

އެއް ދަންފަޅީގެ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30-9:00 އާ ދޭތެރޭގައި ފަށައި އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ވެސް ހެނދުނު 8:30-3:00 އާ ދެމެދު ފެށުމަށް މިނިސްޓްރީން އަންގާފައިވެ އެވެ.

އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ ދޮޅުގަޑިއިރެވެ. ގްރޭޑު 1-6ގެ ދަރިވަރުންނަށް ދެ ގަޑިއިރާ 30 މިނެޓު އަދި 7-12 ގެ ދަރިވަރުންނަށް ތިން ގަޑިއިރު ކިޔަވައިދޭނެ އެވެ.

އުސޫލުގައި ވަނީ ރޯދަ މަހު ކިޔަވައިދޭ ވަގުތުތައް މަދުވުމުން، މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފެއްތުމަށް އެދިފަ އެވެ. އަދި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާއިރު މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސަން ވެސް ސާކިއުލާގައި އެދިފައިވެ އެވެ.

ދަންފަޅިތައް ރާވާއިރު ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ. އޭގެ ތެރޭގައި؛

- ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތް ހެދުން

- ހަވީރު 4:00ން ރޭގަނޑު 9:00 އާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުން

- މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުން

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ.