ގެމަނަފުށި މި ފަހަރު ތަފާތުވާނެ: އެންމެންނަށް ބައިވެރިވެވޭ ބޮޑު މާހެފުމެއް!
ގެމަނަފުށި މި ފަހަރު ތަފާތުވާނެ: އެންމެންނަށް ބައިވެރިވެވޭ ބޮޑު މާހެފުމެއް!

މި ފަހަރުގެ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ އެންމެންނަށް ބައިވެރިވެވޭ ހާއްސަ މާހެފުމަކަށް ގއ. ގެމަނަފުށިން ތައްޔާރުވާން ފަށައިފި އެވެ.

ގެމަނަފުށި މި ފަހަރު ތަފާތުވާނެ: އެންމެންނަށް ބައިވެރިވެވޭ ބޮޑު މާހެފުމެއް!
ގެމަނަފުށި މި ފަހަރު ތަފާތުވާނެ: އެންމެންނަށް ބައިވެރިވެވޭ ބޮޑު މާހެފުމެއް!

ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު "މިހާރު" އަށް މިއަދު ވިދާޅުވީ، އަންނަ މަހުގެ އެއްވަނަ ދުވަހު ރަށުގެ ބަނދަރު ސަރަހައްދުގައި ބާއްވާ "ރައްޔިތުންގެ މާހެފުން" އަށް ހާއްސަ ކޮށްގެން މަސް ބޭނުމަށް ތިން ގުރޫޕަކަށް ބަހާލައިގެން މަސްވެރިން މިއަދު ހަވީރުން ފެށިގެން މަހަށް ފުރަން ފަށާނެ ކަމަށެވެ.

"ކޮންމެ ގުރޫޕަކަށް 500 މަސް ބާނަން އަޅުގަނޑުމެން ޓާގެޓް ކޮށްފައި ވާނީ. ދެ ގުރޫޕަކީ ދަގަނޑުން މަސް ހިފާ ގުރޫޕެއް. ދެން އުޅޭނީ މަސް ބާނާ ގުރޫޕެއް. ރަށުގެ ފަޅުތެރެއިންނާއި ފަޅު ބޭރުން ވެސް މަސް ހިފާނެ. އެ ކަމުގެ ތައްޔާރީތައް މިހާރު ކުރިއަށް އެބަދޭ،" މަސްވެރިކަމަށް ވަރަށް ބޮޑަށް ބިނާވެފައި އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ގެމަނަފުށީގައި މަހަށް ފުރާ އަށް މަސްދޯނި އޮތްއިރު، ކޮންމެ ގެއަކަށް ކަހަލަ ގޮތަކަށް އާމްދަނީ ވަންނަ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.

ނާޝިދު ވިދާޅުވިގޮތުގައި، އެހެން އަހަރުތަކާ ހިލާފަށް ގެމަނަފުށީގެ ރައްޔިތުންނަށް ހާއްސަކޮށް މި ފަހަރު ބާއްވާ މާހެފުމަށް ރަށުން ބޭރުގެ މީހުންނަށް ވެސް ދައުވަތު ދޭނެ އެވެ.

"އޭގެ ބޭނުމަކީ ގުޅުން ބަދަހިކޮށް، ވީހާ ވެސް ބޮޑަކަށް އެކުވެރިކަން އާލާކުރުން. އެހެން ރަށްރަށުގެ މީހުންނާއެކު ވެސް އޮންނަ ގުޅުން ބަދަހިކުރަން ގެމަނަފުށީގެ ރައްޔިތުން އަބަދުވެސް ބޭނުންވާނެ. އެކަން ދައްކަން އަޅުގަނޑުމެން ބޭނުންވީ،" މެހުމާންދާރީ އަދާކުރުމުގައި ގއ. އަތޮޅުގައި ނަމޫނާ އެއް ރަށުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ ގެމަނަފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ގެމަނަފުށީގެ ރައްޔިތުންގެ މާހެފުމަށް އިސްނެގީ ނާޝިދު ވިދާޅުވިގޮތުގައި ރަށުގެ ޖަމިއްޔާތަކުންނެވެ.

"މި ރަށުގައި ހަތް ޖަމިއްޔާ އެބައޮތް. އެ އެންމެން އިސްނެގުމުން ކައުންސިލުން އަޅުގަނޑުމެން މި ދެނީ އެހީތެރިކަން. ޖަމިއްޔާތަކުގެ އިތުރުން ގެމަނަފުށީގެ އެކި މުއައްސަސާތަކުގެ އެހީތެރިކަން އަޅުގަނޑުމެންނަށް އެބަ ލިބޭ މި މާހެފުމަށް،" އޭނާ ވިދާޅުވި އެވެ.

"އެކުވެރިން ދައްކައިދޭ މާހެފުމަކަށް ވާނެ."

މާހެފުން އިންތިޒާމުކުރާ ފަރާތްތަކުން އަމާޒު ކޮށްފައި ވަނީ 1،200 އެއްހާ މީހުންނަށް ކަމަށް ވިޔަސް އެ އަށް ވުރެ މާ ގިނައިން އެ ހަރަކާތުގައި މީހުން ބައިވެރިވާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ.

"ފަނަރަސަތޭކައާ ގާތްކުރާ އަދަދަކަށް މީހުން އަންނާނެ ކަމަށް މި ބަލަނީ. އެ އެންމެންނަށް ވެސް ވާ ވަރަށް މާހެފުން މި އިންތިޒާމު ކުރަނީ،" ނާޝިދު ވިދާޅުވި އެވެ.

މި މާހެފުމުގައި ދިވެހިން އާންމުކޮށް މާހަފަން ބޭނުންކުރާ ބާވަތްތަކުގެ އިތުރުން މި އަތޮޅު މީހުންގެ ހާއްސަ ކެއުމެއް ކަމަށްވާ ފާބަތަފެން ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.