ބައްޕީގެ ރަންތައް މިއުޒިއަމަކަށް ލާން ދަރިން ވިސްނަނީ
ބައްޕީގެ ރަންތައް މިއުޒިއަމަކަށް ލާން ދަރިން ވިސްނަނީ

އިންޑިއާގެ ޑިސްކޯ މިއުޒިކްގެ "ރަސްގެފާނު" ކަމަށްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯސަރު، ބައްޕީ ލެހެރީ މަރުވުމާ ހަމަ އަށް ވެސް ފާހަގަކުރެވެނީ ވަރަށް "ރަނަށް" ލޯބި ކުރި ތަރިއެއްގެ ގޮތުގަ އެވެ.

ބައްޕީގެ ރަންތައް މިއުޒިއަމަކަށް ލާން ދަރިން ވިސްނަނީ
ބައްޕީގެ ރަންތައް މިއުޒިއަމަކަށް ލާން ދަރިން ވިސްނަނީ

މިދިޔަ މަހުގެ 15 ގައި އުމުރުން 69 އަހަރުގެ ބައްޕީ މަރުވިއިރު އޭނާ އަކީ ވަރަށް ރަން އަޅާހިތްވި މީހެކެވެ. އަބަދު ވެސް އުޅުނީ ކަރުގައި އެކި ސައިޒުތަކުގެ ރަން ފައްތައް އަޅައިގެންނެވެ. ރަން އަނގޮއްޓިތައް ބަރިބަރިއަށް އަޅައިގެން އުޅުނު ބައްޕީގެ އަތުގައި ރަން ކުލައިގެ ގަނޑިއަކާ އެކު ރަން ތަނޑިތައް ވެސް އޮތެވެ.

އޭނާގެ ދަރިފުޅު ބައްޕާ ލެހެރީ އިންޑިއާގެ ބައެއް ނޫސްތަކަށް، ބައްޕީގެ "ރަން ކަލެކްޝަން" އަށް ހަދާނެ ގޮތް ކިޔައިދީފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ބައްޕީ ރަން އަޅަނީ ހަމައެކަނި ފެޝަނަަކަށް ނޫނެވެ. އެއީ އޭނާގެ ބައްޕަ އަށް "ލަކީ ޗާމް" އެކެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ބައްޕީ ކުރި ދަތުރުތަކުގެ ތެރެއިން ރަން އެއްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ބައްޕާ ބުނީ، ކޮންމެ ތަނަކަށް ދަތުރުކުރިޔަސް ރަންތައް ނުލައި ބައްޕަ ދަތުރުނުކުރާ ކަމަށެވެ.

"އެއީ ފަތިހު 5 ޖަހާއިރު އޮތް ފްލައިޓަކަށް ވިޔަސް ބައްޕަ ދަތުރުކުރާނީ ހުރިހާ ރަނެއް އަޅައިގެން. ބައްޕަގެ މުޅި ހަށިގަނޑު އެއާ ގުޅިފައިވާ ކަހަލަ. އެހެންވެ އެ އެއްޗެހި ރައްކާކުރަން އަހަރެމެން މިއުޅުނީ. އެއީ ބައްޕަގެ އެންމެ ފޭވްރިޓް އެއްޗަކީ. އަހަރެމެން ބޭނުން އެ އެއްޗެހިތައް ފެންނަން. އެހެންވީމަ ފަހަރެއްގައި މިއުޒިއަމް އަށް ވެސް ލެވިދާނެ،" ބައްޕީގެ ރަން ކަލެކްޝަނާ ގުޅިގެން އޭނާގެ ދަރި ބުންޏެވެ.

ބައްޕީ ގެންގުޅުނީ ހަމައެކަނި ރަނެއް ނޫނެވެ. ބައްޕާ ބުނި ގޮތުގައި ބޫޓު ކަލެކްޝަނަކާއި އައިނާއި ތޮފި އަދި ގަޑި ކަލެކްޝަނެއް ވެސް އޭނާގެ ބައްޕަ ގެންގުޅުނެވެ. އެހެންވެ އެ އެއްޗެހި ވެސް އެންމެނަށް ފެންނަ ގޮތަށް ބަހައްޓަން ވަަރަށް ބޭނުންވާ ކަމަށް ބުންޏެވެ.

އިންޑިއާގެ ނޫހަކަށް ކުރިން ދިން އިންޓަވިއުއެއްގައި ބައްޕީ ބުނި ގޮތުގައި އޭނާ މަސައްކަތްކުރި ފުރަތަމަ ފިލްމު ހިޓުވުމުގެ އުފަލުގައި އޭނާގެ މަންމަ ވަނީ ރަން ދީފަ އެވެ. އެއާ އެކު ރަނަކީ އޭނާ އަށް ވަރަށް ކާމިޔާބު އެއްޗަކަށްވި ކަމަށާއި އޭގެ ފަހުން އޭނާގެ ހުރިހާ ލަވަތަކެއް ވެސް ހިޓްވި ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އަމިއްލަ އަށް ރަނަށް ހިތްޖެހި، ރަން އެއްކުރަން ފެށުނު ހިސާބަކީ އެއީ ކަމަށް ބުންޏެވެ.

ބައްޕީ މަރުވީ ނިދަން އުނދަގޫވުމުގެ މައްސަލައެއް ކަމަށްވާ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގަ އެވެ.

އޭނާގެ މިއުޒިކް ކޮމްޕޯޒްކޮށްދިން މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޑިސްކޯ ޑާންސާ" އާއި "ޗެލްތޭ ޗަލްތޭ" އަދި "ޝަރަބީ" ހިމެނެ އެވެ.

އޭނާ އެންމެ ފަހުން މިއުޒިކް ކޮމްޕޯޒް ކޮށްދިނީ 2020 ގައި ނެރުނު "ބާގީ 3" އަށެވެ.

ލެހެރީ މަރުވިއިރު އޭނާގެ އަންބަކާއި ދެ ކުދިން ތިބެ އެވެ. އޭނާގެ ދެ ދަރިން ކަމަށްވާ ބައްޕާ ލެހެރީ އާއި ރީމާ ލެހެރީ އަކީ ވެސް މިހާރު ލަވަކިޔުންތެރިންނެވެ.