ރަޝިޔާއިން ހިފި ބައެއް ބިންތައް ޔޫކްރޭނުން އަތުލައިފި
ރަޝިޔާއިން ހިފި ބައެއް ބިންތައް ޔޫކްރޭނުން އަތުލައިފި

ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު ވެސް، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތަކުގެ ސަބަބުން ރަޝިޔާ ސިފައިންނަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބި މަޑުޖެހިއްޖެ އެވެ.

ވެރިރަށް ކިޔޭވް ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި، މިދިޔަ ހަފުތާގައި ރަޝިޔާ ސިފައިން ވަނީ ކިޔޭވްގެ ރަށްބޭރުގައިވާ ބައެއް ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް ކިޔޭވްގެ އެތެރެއަށް ވަދެގަތުމުގައި އަދިވެސް ރަޝިޔާ ސިފައިންނަށް ކުރިއެރުމެއް ނުލިބެ އެވެ.

ކިޔޭވްގެ ރަށްބޭރު ބައެއް ސަރަހައްދުތަކަށް ވެރިވެގަނެގެން ތިބި ރަޝިޔާ ސިފައިންނަށް ޔޫކްރޭންގެ އެއްގަމު ލަޝްކަރުގެ ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ރަޝިޔާ ސިފައިން ވަނީ ބައެއް ސަރަހައްދުތަކުން ފަހަތަށް ޖެހެން ފަށައިފަ އެވެ. އެ ގޮތުން މީގެ ކުރިން ރަޝިޔާ ސިފައިން ހިފައިގެން ތިބި ބައެއް ބިންތައް މިހާރުވަނީ ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަށް ގެނެވިފައި ކަމަށް، ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެ އެވެ.

މިދިޔަ ދެ ދުވަހުގެ ތެރޭގައި ޔޫކްރޭން ސިފައިން އެންމެ ވަރުގަދަ ރައްދު ހަމަލާތަކެއް ދިނީ ކިޔޭވްގެ އުތުރާއި ހުޅަނގު ސަރަހައްދުގައި ތިބި ރަޝިޔާ ސިފައިންނަށެވެ. އެ ދެ ސަރަހައްދުގައި ތިބި ރަޝިޔާ ސިފައިންނަށް އަސްކަރީ މަދަދު ލިބުން ލަސްވެ، ހަމަލާތައް ވަރުގަދަ ނުކުރެވިފައި ތިއްބާ، ޔޫކްރޭން ސިފައިން ދިން ރައްދު ހަމަލާތަކުގެ ސަބަބުން ރަޝިޔާ ސިފައިންނަށް ވަނީ އެ ހިސާބުން ފަހަތަށް ޖެހެން މަޖުބޫރުވެފަ އެވެ.

ކިޔޭވްގެ ހުޅަނގުން 30 މޭލު ދުރުގައި އޮންނަ މަކަރީވް މިހާރު ވަނީ ޔޫކްރޭން ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި މަކަރީވް ވަނީ ވަރަށް ބޮޑަށް ސުންނާފަތިވެފައިކަން، ސޯޝަލް މީޑިއާގައި އާންމުވަމުންދާ ވީޑިއޯތަކުން އެނގެ އެވެ.

ރަޝިޔާ ސިފައިންގެ ބާރުގެ ދަށުން މަކަރީވް ދޫވުމަކީ، ވެރިރަށް ކިޔޭވް ހިފުމަށް ކުރަމުންދާ މަސައްކަތަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ. އޭގެ އިތުރުން ކިޔޭވްގެ ދެކުނު ސަރަހައްދަށް ވަދެގަތުމަށް ރަޝިޔާ ސިފައިން ކުރަމުންދާ މަސައްކަތް ވެސް ހުއްޓުމަކަށް އަންނާނެ އެވެ.

އަނެއްކޮޅުން އިރްޕިން ކޯރުގެ ފެންގަނޑު ފުރިގެން ބަންޑުންވާން ފަށާފައިވާތީ، ކިޔޭވްގެ ހުޅަނގު ސަރަހައްދުން ކިޔޭވް އަށް ވަންނަން މަސައްކަތް ކުރާ ރަޝިޔާ ސިފައިން މިހާރު ތިބީ ކުރިއަށް ދެވޭނެ ގޮތެއް ނެތިފަ އެވެ. އެ ކޯރު ފުރިގެން ބަންޑުން ވާން ފެށީ، ޑެނިޕްރޯ ކޯރުން އިރްޕިން ކޯރަށް އަންނަ ފެންގަނޑު މަތަކުރުމަށް ހަދާފައިވާ ޑޭމް، ޔޫކްރޭން ސިފައިން ގަސްދުގައި ހުޅުވައިލުމުން ކަމެއް ނުވަތަ ކޮންމެވެސް ބައެއްގެ ހަމަލާއެއް އަރައިގެން ޑޭމް ހަލާކުވުމުން ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

މިދިޔަ 24 ގަޑިއިރުން ފެށިގެން ޔޫކްރޭން ސިފައިން އެންމެ ވަރުގަދަ އަށް ހަމަލާތައް ދެމުން އަންނަނީ، ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ދެ ސަހަރު ކަމަށްވާ ޚެރްސޯން އާއި މީކޮލައިވަށް ވަދެ ތިބި ރަޝިޔާ ސިފައިން ފަހަތަށް ޖެއްސުމަށެވެ. މީކޮލައިވްގެ އިރުއުތުރު ސަރަހައްދަށް ވެރިވެގެން ތިބި ރަޝިޔާ ސިފައިންގެ ފައުޖުތައް މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް، މީކޮލައިވްގެ ދެކުނު ސަރަހައްދަށް ފަހަތަށް ޖެހިފަ އެވެ.