ރާއްޖެ މިނިވަންވީ ވެސް އިންޑިއާގެ ބައިވެރިވުމާ އެކުގައި: ނަޝީދު
ރާއްޖެ މިނިވަންވީ ވެސް އިންޑިއާގެ ބައިވެރިވުމާ އެކުގައި: ނަޝީދު

އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން ނުކުމެ، ރާއްޖެއަށް މިނިވަންކަން ލިބުނީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ ހަރަކާތާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 1947 ވަނަ އަހަރު އިންޑިއާ އަށް މިނިވަންކަން ލިބުނުއިރު ރާއްޖެ ބަލަހައްޓަމުން ގެންދިޔައީ ސްރީ ލަންކާގައި އޮތް ކޮލޯނިއަލް ސަރުކާރުން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ އަހަރު ރާއްޖެއަށް މިނިވަންކަން ނުލިބި އަވަށްޓެރި ދެ ގައުމަކަށް މިނިވަންކަން ލިބުނު ސިއްރެއް އޮންނަން ޖެހޭނެ އެވެ. ނަޝީދު އެ ވިދާޅުވި ދެ ގައުމަކީ އިންޑިއާ އާއި ޕާކިސްތާނެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އިބްރާހިމް ޝިހާބް ޕްރައިމް މިނިސްޓަރު [އިންޑިއާގެ އޭރުގެ ބޮޑުވަޒީރު] ނެހެރޫ އާ ބައްދަލު ކުރެއްވި އަދި ރާއްޖެއަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި 1968 ގެ ފަހުން ކަނޑައެޅި ހަމަޖެހިފައި މި އޮތީ އަޅުގަނޑަށް އެނގޭ ގޮތުގައި އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑުކޮށް އޮވެގެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް އިނގިރޭސިންގެ އަތުން ރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ނަޝީދުގެ އެ ވިދާޅުވި އަހަރުގެ ތިން އަހަރު ކުރިން ޖުލައި 26، 1965 ގައި ވަނީ ސޮއިކޮށްފަ އެވެ.

ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުރީގެ ރައީސް އިބްރާހީމް ނާސިރެވެ.

ރާއްޖެއަށް މިނިވަންކަން ލިބުމުގައި އިންޑިއާގެ އެހީތެރިކަން އޮތް ކަމަށް ވިދާޅުވެ ނަޝީދު ވާހަކަ ދެއްކެވީ ރިޔާސަތުގައި އިންނަވައިގެންނެވެ. ނަޝީދުގެ ވާހަކައާ ގުޅިގެން އެއްވެސް މެންބަރަކު ރައްދުގައި އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.