ވެސްޓް ހޭމް އިން ރައިސް ވިއްކާނީ 150 މިލިއަން ޕައުންޑަށް!
ވެސްޓް ހޭމް އިން ރައިސް ވިއްކާނީ 150 މިލިއަން ޕައުންޑަށް!

ލަންޑަން (މާޗް 23) - ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް މި ސީޒަނަށް ފަހު 150 މިލިއަން ޕައުންޑުގެ ރެކޯޑް ޓްރާންސްފާ ފީ އަކަށް ވިއްކާލަން ތައްޔާރު ވެއްޖެ އެވެ.

މި އަގުގައި ރައިސް ވިއްކާލެވިއްޖެ ނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ ތިންވަނައަަށް އެންމެ އަގުބޮޑުކޮށް ކުލަބު ބަދަލުކުރި ކުޅުންތެރިޔާއަށެވެ. އަދި މިއީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި މެންޗެސްޓާ ސިޓީން އެސްޓަން ވިލާގެ ޖެކް ގްރީލިޝް ގަންނަން ހަރަދުކުރި ރެކޯޑް އަދަދު، 100 މިލިއަނަށް ވުރެ ބޮޑު އަދަދެކެވެ. ގްރީލިޝް އަކީ މިހާތަނަށް އެންމެ ބޮޑު އަގުގައި ކުލަބް ބަދަލުކުރި އިނގިރޭސި ކުޅުންތެރިޔާ އެވެ.

ވެސްޓް ހޭމްއާ އެކު ކޮންޓްރެކްޓުގައި އަދި ދެ ސީޒަން ބާކީ އެބަ އޮތެވެ. މީގެ އިތުރުން، އިތުރު އަހަރަކަށް ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް އޭނާ ވަނީ ވެސްޓް ހޭމްގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.

ރައިސް އަކީ އިނގިރޭސި މަތީ ފަންތީގެ ކުލަބުތަކުން ފާރަލަމުންދާ ކުޅުންތެރިއެކެވެ. އޭނާ ވެސް ވަނީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފަ އެވެ. ޗެލްސީން ރައިސް ހޯދަން މީގެ ކުރިން މަސައްކަތް ކޮށްފައިވާއިރު، އިނގިރޭސި ސަރުކާރުން ޗެލްސީ އަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީ އަށް ކުޅުންތެރިން އަދި ނުގަނެވޭނެ އެވެ.

މި ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި، މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕައުލް ޕޮގްބާ ޓީމު ދޫކޮށްލަން ނިންމާފައިވުމުން ޔުނައިޓެޑުން ވެސް އަންނަނީ އެތަން ފޫބައްދަން ރައިސް ހޯދަން މަސައްކަތް ކުރަމުންނެވެ.

ޗެލްސީ އަށް ރައިސް ގަތުމުގެ ރޭހަށް އެރުމުގެ ފުރުސަތު އަދި ނެތް އިރު، އޭނާ ގަންނަން ހުށަހަޅާ ހަމައެކަނި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް ވެއްޖެ ނަމަ ވެސްޓް ހޭމަށް ބޭނުންވާ އަގުގައި ކުޅުންތެރިޔާ ފޮނުވާލުމުގައި ދަތިތަކެއް ކުރިމަތި ވެދާނެ އެވެ.

ޗެލްސީ އާއި ވެސްޓް ހޭމްގެ އެކަޑަމީން ތަމްރީނުވެގެން ވެސްޓް ހޭމްގައި ސީނިއާ ފުޓުބޯޅަ ކުޅެން ފެށި ރައިސް އަކީ މިހާރު އެ ޓީމުގެ ވައިސް ކެޕްޓަނެވެ. މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމާފައިވާ 34 އަހަރުގެ ކެޕްޓަން މާކް ނޯބަލް ގިނަ މެޗުތަކުގައި ފުރަތަމަ 11 ގައި ނުހިމެނޭތީވެ ދަނޑުމަތީ ގިނަ ވަގުތު ކެޕްޓަނަކީ ރައިސް އެވެ.

ރައިސް އެހެން ކުލަބަކަށް ބަދަލުވުމުން އެ ޓީމުގެ ކޯޗު ޑޭވިޑް މޮޔެސް ވެސް ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، މޮޔެސްއާ އެކު ވެސްޓް ހޭމް ވަނީ މިދިޔަ ސީޒަނުގައި ލީގު ގަދަ ހަޔެއްގައި ނިންމައިގެން ޔޫރޮޕާ ލީގަށް ވެސް ކޮލިފައިވެފަ އެވެ. ޔޫރޮޕާ ލީގުގެ ގުރޫޕް އެއްވަނަ ހޯދައި، ކުއާޓާ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ސެވިއްޔާ ކަޓުވާލައިފަ އެވެ.

މިދިޔަ ސީޒަނަށް ފަހު ވެސްޓް ހޭމް އިން ނިންމީ 100 މިލިއަނަށް ޑެކްލަން ރައިސް ވިއްކާލާށެވެ. ނަމަވެސް ކޯޗު މޮޔެސް ވަނީ އެ އަދަދާމެދު ހިތްހަމަ ނުޖެހި، އެއީ ރައިސް އަށް މާ ކުޑަ އަގެއް ކަމަށް ބުނެފަ އެވެ.

މި ސީޒަނުގައި ވެސް ލީގުގައި ވެސްޓް ހޭމް އަދި އޮތީ ޓޭބަލްގެ ހަތްވަނައިގަ އެވެ. ލީގުގައި ބާކީ ކުޅެން އޮތް އަށް މެޗުގެ ތެރޭގައި ޗެލްސީ އާއި އާސެނަލް އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ފާހަގަ ކޮށްލެވެ އެވެ.

ލީގުގައި މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑް އަތުން ބަލިވެފައިވީ ނަމަވެސް ވެސްޓް ހޭމް ވަނީ އިނގިރޭސި ލީގު ކަޕުން ދެ ޓީމު ކަޓުވާލައިފަ އެވެ. ލީގަށް ވާދަކުރާ ލިވަޕޫލް އަތުން ލީގުގައި އަމިއްލަ ދަނޑުގައި މޮޅުވިއިރު ރަށުން ބޭރުގައި ކުޅުނު މެޗުން ވީ ބައްޔެވެ. އަދި އާސެނަލް އަތުން ވެސް ރަށުން ބޭރުގައި ބަލިވެފައިވާއިރު، ޗެލްސީއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރި އެވެ.