23 މާޗް 2022 - 10:06

މިއަހަރުގެ ރޯދަ މަހުގެ އެލަވެންސް އަންނަ ހޯމަ ދުވަހު ދޭން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނީ މި އަހަރު ވެސް ރޯދަ އެލަވެންސްގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދޭން ޖެހޭނެކަން ހަނދާންކޮށްދީފައިވެ އެވެ. އަދި އެއް ވަޒީފާއަށް ވުރެ ގިނައިން ވަޒީފާ އަދާކުރާ ނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަނި ކަމަށް ވެސް ބުންޏެވެ.
ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ރޯދަ މަހު ޕޭ ލީވްގަ އާއި ނޯޕޭގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވެންސް ދޭކަށް ނުޖެހޭނެ އެވެ. ނަމަވެސް ޗުއްޓީ ނިންމާފައި ރޯދަ މަހު ވަޒީފާއަށް ނުކުންނަށް ފަށައިފި ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދު ބަލައި އެލަވެންސްގެ ގޮތުގައި ދޭން ޖެހޭނީ އެ އަދަދެވެ.
މީގެ އިތުރުން ރޯދަ މަހު ވަޒީފާއިން މުވައްޒަފަކު ވަކިވާ ނަމަ އެ މުވައްޒަފަކު ވަކިވާ ތާރީހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދެއް ބަލައި އެ ފައިސާ އަނބުރާ ހޯދަން ވެސް ސަރުކާރުގެ އޮފީސްތަކަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.
ފިނޭންސުން ބުނީ ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރުތައް ޕޯސްޓް ކުރަން ޖެހޭނެ ކަމަށެވެ.